09 އޮކްޓޯބަރ 2017 - 14:20

ގުޖްރާތު (އޮކްޓޯބަރު 9) - އިންޑިއާގެ ހުޅަނގުގެ ސްޓޭޓް ގުޖްރާތުގެ ރޭލެއްގައި 2002 ވަނަ އަހަރު އަލިފާން ޖެހި ހާދިސާގައި މަރަން ހުކުމްކުރި 11 މުސްލިމުންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ލުއިކޮށްދީފި އެވެ.
ގޯދުރާގައި ދިން ހަމަލާގައި ހިންދޫންގެ 59 މީހުން މަރުވި އެވެ. ރޭލުގައި އަލިފާން ޖެހި ހާދިސާ އަށް ފަހު ހިންގި ހަމަނުޖެހުންތަކުގައި ވަނީ ހާހަކަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.
ގުޖުރާތުގެ ކޯޓަކުން ވަނީ މި ހާދިސާގައި އުމުރަށް ޖަލަށްލާން ހުކުމްކުރި 20 މީހެއްގެ އަދަބު ދަމަހައްޓައިފަ އެވެ. އަދި މައްސަލައިގައި ކުށެއް ނެތް ކަމަށް ކަނޑައެޅި 63 މީހެއްގެ މައްސަލައިގެ އިސްތިއުފާން ވެސް ކޯޓުން ވަނީ ބަލައިނުގެންފަ އެވެ. އިންޑިއާގެ ޚާއްސަ ކޯޓަކުން 2011 ވަނަ އަހަރު ދޫކޮށްލި މީހުންގެ ތެރޭގައި އެ ހާދިސާ ހިންގި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރާ ހަތަރު މީހުން ވެސް ހިމެނެ އެވެ.
ކޯޓުން ވަނީ ގޯދުރާ ރޭލް ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ބަދަލެއްގެ ގޮތުގައި އެއް މިލިއަން ރުޕީސް (15،310 ޑޮލަރު) ދިނުމަށް ގުޖުރާތު ސްޓޭޓް ސަރުކާރަށް އަންގައިފަ އެވެ.
އަލިފާން ޖެހި ހާދިސާ ތަހުގީގު ކުރަން ސްޓޭޓް ސަރުކާރުން އުފެއްދި ކޮމިޝަނުން 2008 ވަނަ އަހަރު ބުނެފައި ވަނީ ރޭލުގައި އަލިފާން ޖަހާފައި ވަނީ ރޭވުމަކުން ކަމަށެވެ. އެ ހާދިސާ އަށް ފަހު ހިންދޫންނާއި މުސްލިމުންގެ މެދުގައި ހިންގި ހަމަނުޖެހުންތަކުގެ ޒިންމާ ގުޖުރާތު ސްޓޭޓުގެ އޭރުގެ ޗީފް މިނިސްޓަރު އަދި އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އުފުއްލަވަން ނުޖެހޭނެ ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ. ނަމަވެސް ހިންދޫން ހަމަނުޖެހުން އުފައްދަން މޯދީ ނުސީދާކޮށް ހިތްވަރު ދެއްވި ކަމަށް އެތައް ބަޔަކު ވަނީ ތުހުމަތުކޮށްފަ އެވެ.