ރާއްޖެއާ ދެކޮޅަށް ބޭނުންވާ ނަތީޖާ ނެރެވޭނެ: އޮމާން
ރާއްޖެއާ ދެކޮޅަށް ބޭނުންވާ ނަތީޖާ ނެރެވޭނެ: އޮމާން

އޭޝިއަން ކަޕް ކޮލިފައިންގައި މާދަމާރޭ ގަލޮޅު ދަނޑުގައި ކުޅޭ މެޗުން ރާއްޖެއާ ދެކޮޅަށް ބޭނުންވާ ނަތީޖާ ނެރެވޭނެ ކަމަށް އޮމާން ޓީމުގެ ކޯޗު ނެދަލެންޑްސްގެ ޕިމް ވާބިކް ބުނެފި އެވެ.

ރާއްޖެއާ ދެކޮޅަށް ބޭނުންވާ ނަތީޖާ ނެރެވޭނެ: އޮމާން
ރާއްޖެއާ ދެކޮޅަށް ބޭނުންވާ ނަތީޖާ ނެރެވޭނެ: އޮމާން

ޔޫއޭއީގައި 2019 ގައި އޮންނަ މުބާރާތަށް ކޮންމެ ގްރޫޕަކުން ވެސް ދެ ޓީމު ކޮލިފައިވާއިރު، ގްރޫޕް ޑީގެ އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކު ފަލަސްތީނެވެ. ދެ ވަނައިގައި އޮމާން އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. ރާއްޖެ ތިން ވަަނައިގައި ތިން ޕޮއިންޓާ އެކު އޮތްއިރު، ބޫޓާން އެންމެ ފުލުގައި އޮތީ ޕޮއިންޓެއް ނުލިބި އެވެ.

މާދަމާރޭގެ މެޗުން މޮޅުވެގެން އޮމާނަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑުކުރެވޭނެ އެވެ. އެއީ އޮމާނަށް ދެ ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބޭނެތީ އެވެ.

ކުރިން އޮސްޓްރޭލިއާ އާއި ދެކުނު ކޮރެއާ އަށް ކޯޗުކޮށްދިން ވާބީކް ބުނީ ރަށުންބޭރުގައި ކުޅޭ މެޗުތަކަށް އަބަދުވެސް ސަމާލުވާ ކަމަށެވެ.

"އަހަރެން އޭޝިއާ ފުޓްބޯޅައިގައި 17 އަހަރު ހޭދަކޮށްފިން. އަމިއްލަ ދަނޑުގައި ކުޅޭ މެޗުތައް ވަރަށް ފަސޭހަ. އެކަމަކު ރަށުންބޭރުގައި ކުޅޭ މެޗުތައް ވަރަށް އުނދަގޫ. މީގެ ތިން ހަފްތާ ކުރިން ކުޅުނު މެޗު (5-0 އިން މޮޅުވި މެޗު) މަތިން އަހަރެމެން ހަނދާން ނައްތާލައިފިން. މިއީ އާ މެޗެެއް. އާ ޗެލެންޖެއް. ބޭނުންވަނީ ކޮލިފައިވާން ރަނގަޅު ނަތީޖާއެއް،" އޭނާ ބުންޏެވެ.

ވާބީކް ވަނީ މީގެ ކުރިން ވެސް އޮމާން ނުލައި މި ގްރޫޕްގައި އޮތް އަނެއް ތިން ޓީމާ ދެކޮޅަށް ރަށުންބޭރުގައި ކުޅޭ މެޗުތައް ކުޅެން ޖެހޭ ހާލަތާ މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ. އެއީ ބޫޓާނުގައި އުހުގައި ކުޅެން ޖެހުމާއި ރާއްޖެ އާއި ފަލަސްތީނުގެ ދަނޑުގެ ހާލަތު އެހާ ރަނގަޅު ނޫން ކަމަށްވާތީ އެވެ،

"ރަށުން ބޭރުގައި ކުޅޭ މެޗުތައް އުނދަގޫވަނީ މިސަލާކަށް ފަލަސްތީނާ ދެކޮޅަށް އަހަރެމެން ކުޅުނު މެޗު ކުޅެން ޖެހުނީ ރަނގަޅު ދަނޑެއްގައެއް ނޫން. ޔޫރަޕްގައި އޮންނަ ގޮތަކަށް ނޫން އޮންނަނީ. ރަނގަޅު ހޮޓާތަކެއް ނޫނީ ރަނގަޅު ދަނޑުތަކެއް ނޯވޭ. މި ހުރިހާ ކަމަކަށް ތައްޔާރުވެގެން އަހަރެމެން މި ތިބީ،" ވާބީކް ބުންޏެވެ.

ވާބީކް ބުނީ ރާއްޖެ ފަލަސްތީނާ ދެކޮޅަށް ކުޅުނު މެޗު ބެލި ކަމަށާއި އެ މެޗު ވެެގެންދިޔައީ ފަލަސްތީނަށް އުނދަގޫ މެޗަކަށް ކަމަށެވެ.

"ދެން އަހަރެމެންނަށް އެނގޭ ކޮލިފައިންގައި ދެމި އޮންނަން މި މެޗުން ރާއްޖެ ނަތީޖާއެއް ނެރެންޖެހޭކަން. އެކަމަށް ވެސް އަހަރެމެން ވިސްނާނަން. ބޭނުންވާ ނަތީޖާ ނެރެވޭނެ،" އޭނާ ބުންޏެވެ.

އޮމާނުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށް ނެގި ސްކޮޑުގައި ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިންއިރު، މި ފަހަރު ނެގި ސްކޮޑުގައި އޮމާނުން ވަނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިންނަށް ފުރުސަތު ދީފަ އެވެ. އޭގެ ތެރޭގައި އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅެފައިވާ އިސްކޮޅުންދިގު ކީޕަރު އަލީ އަލްހަބްސީ ހިމެނެ އެވެ.

ވާބީކް ބުނީ ތަޖުރިބާކާރު ގިނަ ކުޅުންތެރިން ގެނައީ މެޗުގެ ހާލަތުގެ ގޮތުން ކަމަށެވެ.

"އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ އަލީ (އަލްހަބްސީ) އޭނާ އެންމެ ފަހުން ޓްރާންސްފާ މާކެޓްގައި ކްލަބް ބަދަލުކުރީ އެހެންވެ ކުރިން މެޗަށް ނުލިބުނީ. މީގެ އިތުރުން ވެސް ތަޖުރިބާކާރު ކުޅުންތެރިން ޓީމާ ގުޅުނު. އެއީ އަހަރެމެން ބޭނުން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްގެން ވިޔަސް ރާއްޖެ ބަލިކުރަން. އެ ގޮތަށް މަސައްކަތް ނުކޮށް ނުވާނެ،" އޭނާ ބުންޏެވެ.

އޮމާން ވަނީ ރާއްޖެ މެޗަށް ތައްޔާރުވާން ޖޯޑަންއާ ދެކޮޅަށް މެޗެއް ކުޅެފަ އެވެ. ވާބީކް ބުނީ އެއީ ރަސްމީ ސިފައެއްގައި ކުޅުނު މެޗަކަށް ނުވިޔަސް އޭގެ ފައިދާ ކުރާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.

"ޖޯޑަން އަކީ އެހާ ރަސްމީ މެޗެއް ނޫން. އެއީ ދެ ހާފުގައި ކުޅުނީ ދެ ޓީމު ލައިގެން އެއީ ޖޯޑަން އިން ވެސް އެ ގޮތް ބޭނުންވާތީ. އެކަމަކު އެ ހުރިހާ ކަމަކަށް ބެލިޔަސް މި ފަދަ މެޗަކަށް ތައްޔާރުވާން ޖޯޑަން މެޗު ވަރަށް މުހިއްމު. އެއީ ގައުމީ ޓީމު ކުޅުންތެރިންނަކީ އަބަދު ލިބޭ ކުޅުންތެރިންނެއް ނޫން ތަފާތު ކްލަބްތަކަށް ތަފާތު ސިސްޓަމަށް މި ކުޅެނީ. ދެން ލިބޭ ފަހަރެއްގައި ތައްޔާރުވުމަށް މެޗެއް ކުޅެލުން ވަރަށް މުހިއްމު،" އޭނާ ބުންޏެވެ.

އޮމާނަކީ މި ގްރޫޕުގެ ފޭވަރިޓް ނަމަވެސް ކުރިން ވެސް މިއީ ފަސޭހަ ނުވާނެ މެޗުތަކެއްކަން އެނގޭ ކަމަށް ވާބީކް ވަނީ ބުނެފަ އެވެ.

"ތެދެއް އަހަރެމެންނަކީ ފޭވަރިޓެއް. އެކަމަކު ފަލަސްތީނު ވެސް އޮތުމުން ކޮންމެ ގޮތެއް ވެސް ވެދާނެކަން އެނގޭ. ދެން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުން އަހަންނަށް ފެނުނު އެ ޓީމު ވެސް ވަރަށް އޯގަނައިޒްކޮށް އޮތީ. އަހަރެމެން ފަސް ގޯލު ޖެހީ ފުރަތަމަ ހާފުގައެއް ނޫން. އެ ނަތީޖާ ނެރެން އަހަރެމެން 90 މިނިޓް ކުޅެން ޖެހުނު. ބައެއް ލަނޑު ވަރަށް ފަހު ވަގުތު ޖެހީ. އޭގެ އިން ވެސް މި މެޗު އުނދަގޫވާނެކަން އެބަ އެނގޭ،" އޭނާ ބުންޏެވެ.

ވާބީކް ބުނީ ދުނިޔޭގެ ފުޓްބޯޅަ ވަރަށް ބޮޑަށް ކުރިއަރައިފި ކަމަށާއި ކޮންމެ ޓީމަކުން ވެސް މަސައްކަތް ކުރަނީ ޑިފެންސްކޮށްގެން އޮގަނައިޒް ގޭމެއް ކުޅެން ކަމަށް ވުމުން އެއްވެސް މެޗެއް ފަސޭހަވާނެ ކަމަށް އުއްމީދު ނުކުރާ ކަމަށެވެ.

އޮމާނާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާދަމާރޭ 9 ޖަހާއިރު އެވެ.