09 އޮކްޓޯބަރ 2017 - 13:44

ސައޮ ޕޯލޯ (އޮކްޓޯބަރު 9) - ނާސަރީ ސްކޫލެއްގައި ރޯވި އަލިފާނުން ކުޑަ ކުދިންތަކެއް ސަލާމަތް ކުރަން އުޅެނިކޮށް މަރުވި ޓީޗަރަށް ބްރެޒިލްގެ އެންމެ މަތީ އެއް ޝަރަފް ކަމަށްވާ "އޯޑާ އޮފް މެރިޓް" ރައީސް މިޝޭލް ޓެމާ އަރުވައިފި އެވެ.
ބްރެޒިލްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ ހެލޭ ޑި އަބްރެއު ސިލްވާ ބަޓިސްޓާ، 43، ގެ ހަނަދާނަށް އޯޑަ އޮފް މެރިޓް ދިނީ ކުޑަ ކުދިންގެ ފުރާނަ ސަލާމަތް ކުރުމުގައި އޭނާ ދެއްކި ހިތްވަރަށް ކަމަށެވެ. އަދި އެ ހާދިސާގައި އޭނާ ވަނީ އަމިއްލަ ފުރާނަ އަށް ވުރެ ކުޑަ ކުދިން ސަލާމަތް ކުރަން އިސްކަން ދީފައި ކަމަށެވެ. ރައީސް ޓެމާ ވިދާޅުވެފައި ބަޓިސްޓާގެ ފަރާތުން ފެނުނު ހިތްވަރަށް އެންމެންގެ ޝުކުރު އޭނާ އަށް ހައްގުވާ ކަމަށެވެ.
ސްކޫލުގެ ގާޑަކު ގަސްދުގައި ރޯކޮށްލި ކަމަށް ބެލެވޭ އަލިފާނުގައި ވަނީ ނުވަ ކުއްޖަކު މަރުވެފަ އެވެ. ހުޅުހިފާ ދިޔާ އެއްޗެއް ސްކޫލް ކުދިން ގަޔަށް އުކުމަށް ފަހު އަލިފާން ރޯކޮށްލި ގާޑުގެ ސިކުނޑީގެ މައްސަލައެއް ހުންނަ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވެ އެވެ. އަލިފާނުގެ ހާދިސާގައި ގާޑު ވެސް ވަނީ މަރުވެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު ހިންގި މި ހާދިސާގައި 40 ކުއްޖަކަށް ވަނީ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.