09 އޮކްޓޯބަރ 2017 - 13:59

އައްޑޫ ހިތަދޫގައި ރޭ މާރާމާރީއެއް ހިންގައި މީހަކު ޒަހަމްކޮށްލި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ނަމަވެސް ހައްޔަރުކުރި މީހުންނާ ބެހޭ އެއްވެސް ތަފުސީލެއް ފުލުހުން ނުދެ އެވެ.
ރޭ 11 ޖަހަން އުޅެނިކޮށް ހިތަދޫ ބޮޑު މަގުގައި ހިންގި މާރާމާރީގައި ތޫނު އެއްޗެއް ޒުވާނެއްގެ އަރިކައްޓަށް ހަރާލިއިރު، އެހެން މީހެއްގެ ބޯ ވަނީ ފަޅާލައިފަ އެވެ.
މި މާރާމާރީގައި ޒަހަމްވި މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ރޭ ވަނީ ދޫކޮށްލައިފަ އެވެ.
ހޮސްޕިޓަލުން ބުނީ އެއްވެސް މީހަކަށް ސީރިއަސް ގެއްލުމެއް ލިބިފައި ނެތް ކަމަށެވެ.
އާންމުކޮށް ގިނަ ބަޔަކު އަބަދުވެސް ހަރަކާތްތެރިވަމުން އަންނަ ހިތަދޫ ބޮޑު މަގުގައި މާރާމާރީ ހިންގީ ކަރަންޓް ގޮސް ރަށުތެރެ ވަރަށް ބޮޑަށް އަނދިރިވެފައި އޮތް ދަނޑިވަޅެއްގަ އެވެ.