02 ޖުލައި 2016 - 12:49

ޝާހްރުކް ޚާނާއި ސަލްމާން ޚާން ބައްދަލުނުވާތާ ގިނަ ދުވަސްވެފައި ބައްދަލުވުމުން ކޮށްލާނެ ކޮންމެވެސް މޮޅުކަމެއް އަބަދުވެސް ރާވާލަ އެވެ. އެގޮތުން މިފަހަރު މި ދެ އެކްޓަރުން ގަސްދުކުރީ މުމްބާއިގެ މަގުތަކުގައި ފަތިސް ގަޑީގައި ބައިސްކަލް ދުއްވާލަން ނުކުތުމަށެވެ.
ޝާހްރުކް ވަނީ މި ދެ މީހުން ބައިސަލް ދުއްވަނިކޮށް ނަގާފައިވާ ފޮޓޯއެއް ޓުވީޓްކޮށްފަ އެވެ. "ދެ ބޭން ބައިކްގައި. ބާއީ (ބޭބެ) ބުނަނީ މާހައުލުގައި އެއްވެސް ތަޣައްޔަރުކަމެއް ނެތޭ." ޝާހްރުކް ލިޔެފައި ވެއެވެ.
ޝާހްރުކާއި ސަލްމާންގެ ފަހަތުން ބައިސްކަލްގައި އަންނަ މީހުންގެ ތެރޭގައި ޝާހްރުކްގެ ދަރިފުޅު އާރްޔަން ވެސް ހިމެނެ އެވެ.
ސަލްމާނާއި އާރިޔަން އެކުގައި ފެނުނު މިއީ ފުރަތަމަ ފަހަރު ކަމުން އިންޑިޔާގެ ނޫސްވެރިން ބުނަނީ މިއީ އާރްޔަން ބޮލީވުޑަށް ތައާރަފްކުރުމާ ސަލްމާން ހަވާލުވީ ކަމަށް ބެލިދާނެ ކަމަށެވެ. ސަބަބަކީ މިހާތަނަށް އެންމެ ގިނަ ފިލްމީ ތަރިންގެ ދަރިން ބޮލީވުޑަށް ތައާރަފް ކޮށްދީފައިވަނީ ސަލްމާން ކަމަށް ވާތީ އެވެ. އަދި ހަމައެކަނި އާރްޔަންގެ ބަދަލުގައި ސަލްމާނާއި ޝާހްރުކް އަދި އާރްޔަން ބައިވެރިވާ ފިލްމެއް މާގިނަ މީހުން ބަލާހިތްވާނެ ކަމަށް ބޮލީވުޑް ލައިފްގައިވާ ޚަބަރެއްގައި ބުނެފައި ވެ އެވެ.