09 އޮކްޓޯބަރ 2017 - 15:17

ސެކަންޑަރީ ސުކޫލް ސެޓްފިކެޓް (އެސްއެސްސީ)ގެ އިސްލާމް ޕޭޕަރު ލީކްވެފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެޑިއުކޭޝަން މިނިސްޓްރީ މިއަދު ދޮގުކޮށްފި އެވެ.
ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައި ވަނީ ޓެސްޓް ހެދުމުގެ ކުރިން ޕޭޕަރުގައި ހުރި މައުލޫމާތު ކުދިންނަށް ލިބިފައިވާ ކަމަށެވެ. އަދި ޕޭޕަރު ލީކް ވެފައިވާތީ ނޮވެމްބަރު 2 ގައި އެޓެސްޓް އަލުން ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ދަނީ ވާހަކަ ފަތުރަމުންނެވެ.
އެކަމާ ބެހޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ވިދާޅުވީ އިންތިހާނު ބާއްވަމުން އަންނަނީ ކަނޑައަޅާފައިވާ ހާއްސަ ކޮމެޓީއެއްގެ ސީދާ ބެލުމުގެ ދަށުން ކަމަށާއި ޕޭޕަރު ލީކްވުން ފަދަ އެއްވެސް ކަމެއް ހިންގާފައިނުވާ ކަމަށެވެ.
"އެފަދަ އެއްވެސް ކަމެއް ހިނގާފައެއްނުވޭ. ހިނގާފައިވާ ކަންކަމާއި އިމްތިހާން ތައްޔާރު ކުރައްވަން އުޅުނު ފަރާތްތަކާއި މިކަންކަމަކީ އަޅުގަނޑުމެން ސައްތައިންސައްތަ އިތުބާރު ކުރެވިގެން ކަނޑައެޅިފައި ހުރި އުސޫލުތަކުގެ ތެރެއިން ކުރިއަށް ގެންދެވިފައި އޮތް ކަމެއް،" ޝަފީއު ވިދާޅުވި އެވެ.
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންގެ ޑިރެކްޓަ ޖެނެރަލް އަހުމަދު ޝަކީބް ވިދާޅުވީ އެތަނުން ބެލިބެލުމުން ވެސް އެފަދަ އެއްވެސް ކަމެއް ފާހަގަނުވާ ކަމަށެވެ. އަދި ޓެސްޓް އަލުން ބާއްވާނެ ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ދޮގުކުރެއްވި އެވެ.
ފޭސްބުކްގައި ދައުރުވާ ބައެއް އެއްޗިއްސަށް ބަލާއިރު އެއް ބަޔަކު މައްސަލަ ޖައްސަނީ އިސްލާމް އަަދި ދިވެހި ޓެސްޓް ޕޭޕަރު ތައްޔާރުކުރުމުގައި ސްކޫލްތަކުގެ ޓީޗަރުންނާއި ޓިއުޝަން ދޭ ޓީޗަރުން ބައިވެރިވާތީ އެކަމާ އެވެ.
މި ފަހަރުގެ އިމްތިހާނުގައި ޖުމްލަ 197 ސްކޫލަކުން 5587 ދަރިވަރުން އިމްތިހާން ހަދާއިރު އަމިއްލަ 52 ސެންޓަރަކުން 1538 ދަރިވަރުން ބައިވެރިވެ އެވެ.