09 އޮކްޓޯބަރ 2017 - 13:09

ވޮޝިންޓަން (އޮކްޓޯބަރު 9) - އެމެރިކާގެ ސެނެޓުގެ ރިޕަބްލިކަން ސީނިއާ މެންބަރަކަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވަރަށް ހުތުރު ގޮތަކަށް ބަހުގެ ހަމަލާތަކެއް ދެއްވައިފި އެވެ.
ޓްރަމްޕުގެ ޓްވީޓެއްގައި ވިދާޅުވީ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއާ ބޮބް ކޯކާ އަކީ "ނެގެޓިވް އަޑެއް" ކަމަށާއި އީރާނާ އެކު ގާއިމްކުރި ނިއުކްލިއާ އެއްބަސްވުމުގެ ޒިންމާ އުފުއްލަވަން ޖެހޭނީ އޭނާ ކަމަށެވެ. ރައްދުގައި ކޯކާ ވިދާޅުވީ ވައިޓް ހައުސް މިހާރު ވަނީ "ބޮޑެތި މީހުންގެ ޑެއާ ކެއާ ސެންޓަރަކަށް" ބަދަލުވެފައި ކަމަށެވެ.
ޓްރަމްޕުގެ ސަރުކާރުގެ ޚާރިޖީ ވަޒީރުގެ މަގާމަށް ގެންނަން ފުރަތަމަ މަޝްވަރާ ކުރި މީހުންގެ ތެރޭގައި ކޯކާ ހިމެނެ އެވެ. ނަމަވެސް އޭގެ ފަހުން ވަނީ ދެ ބޭފުޅުން ބަހުގެ ހަމަލާތައް ބަދަލު ކުރަން ފަށައިފަ އެވެ.
ތަޖުރިބާކާރުން ބުނަނީ ކޯކާއާ މެދު ޓްރަމްޕް އެހާ ބޮޑަށް ކޯފާވެވަޑައިގެންފައި ވަނީ ޚާރިޖީ ވަޒީރު ރެކްސް ޓިލަސަންއާ ބެހޭ ގޮތުން ކޯކާ އެންމެ ފަހުން ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށެވެ. ކޯކާ ވަނީ ރައީސް ޓްރަމްޕުގެ ފަރާތުން ޓިލަސަން އަށް އެއްބާރުލުން ލިބެމުން ނުދާ ކަމަށް ވިދާޅުވެފަ އެވެ.
ޓްރަމްޕް ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި ވަނީ ޓެނެސީގެ ގޮނޑި އަށް އަލުން އިންތިޚާބު ކުރުމަށް އެންޑޯސް ކޮށްދިނުމަށް އެދިވަޑައިގަތް ކަމަށާއި އެކަމަކު އެ ކަމަށް ދެކޮޅު ހެއްދެވި ކަމަށެވެ. ޓްރަމްޕް ވިދާޅުވީ އެމަނިކުފާނުގެ އެހީ ނެތި ކޯކާ އިންތިޚާބު ނުވާނެ ކަމަށެވެ. މީގެ އިތުރުން ޚާރިޖީ ވަޒީރުކަން ހޯދަން ވެސް ކޯކާ އާދޭސް ކުރެއްވި ކަމަށާއި އެކަމަށް ވެސް ދެކޮޅު ހެއްދެވި ކަމަށް ވިދާޅުވެފަ އެވެ.
ކޯކާ ވަނީ އަންނަ އަހަރު ފަހުކޮޅު އޭނާގެ ދައުރު ހަމަވުމުން އަަލުން ވާދަ ނުކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.