10 އޮކްޓޯބަރ 2017 - 06:17

ޒުވާން ބަތަލާ ޒާއިރާ ވަސީމާ އެކު އާމިރު ޚާން ވަނީ "ދަންގަލް" ގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި މިހާރު ރިލީޒްވާން ތައްޔާރުވެފައިވާ "ސީކްރެޓް ސުޕަސްޓާ"ގެ ވެސް އެންމެ މުހިއްމު އެކްޓަރަކީ އުމުރުން އެންމެ 16 އަހަރުގެ ޒާއިރާ އެވެ. އާމިރު މި ފިލްމުން ފެންނާނީ ވަރަށް މަދު މަންޒަރަކުންނެވެ.
އާމިރު ބުނި ގޮތުގައި ޒާއިރާ ވަރުގެ ހުނަރުވެރި އެކްޓަރެއް މުޅި ފިލްމު އިންޑަސްޓްރީގައި ވެސް މިވަގުތު ނެތެވެ.
"ސީކްރެޓް ސުޕަސްޓާ" ޕްރޮމޯޓްކުރުމަށް ސިންގަޕޫރުގައި އޮތް އިވެންޓެއްގައި ވާހަކަ ދައްކަމުން އާމިރު ބުނީ ބޮޑު މީހަކަށް ވިޔަސް އަދި ކުޑަކުއްޖަކަށް ވިޔަސް މޮޅު އެކްޓަރެއްގެ ކްރައިޓިރިއާ އޮންނާނީ އެއްގޮތަކަށް ކަމަށެވެ. އެއީ އެ މީހަކާ ހަވާލުު ކުރެވޭ ރޯލަކަށް އެންމެ ފުރިހަމައަށް އިންސާފުކޮށްލެވުން ކަމަށް ބުންޏެވެ.
ޗައިލްޑް އާޓިސްޓުންނާއެކު އޭނާގެ ތަޖުރިބާ އަބަދުވެސް ވަރަށް ރަނގަޅުކަން އާމިރު ފާހަގަ ކުރި އެވެ. އެއީ "ތާރޭ ޒަމީން ޕަރް" ގައި ދަރްޝީލް ސަފާރީއާ އެކު ކުރި މަސައްކަތާއި "ހަމް ހޭ ރާހީ ޕިޔާރް ކޭ" ގައި ކުނާލް ކޭމޫ އާ އެކު ކުރި މަސައްކަތަށް ބެލިއަސް ކޮންމެ ތަޖުރިބާއެއް ވެސް އެހާ ހިތްހަމަޖެހުނު ކަމަށް އާމިރު ބުންޏެވެ.
"ހޮލީވުޑްގެ މަޝްހޫރު ޝަޚްސިއްޔަތަކު ބުނެފައިވޭ ޖަނަވާރުންނާއި ކުޑަކުދިންނާއެކު މަސައްކަތް ނުކުރާށޭ. ސަބަބަކީ ބެލުންތެރިންގެ ހިތް ކޮންމެ ގޮތެއް ވިޔަސް އެ މީހުން އަތުލާނެތީ،" އާމިރު ބުންޏެވެ.
އާމިރު ބުނި ގޮތުގައި މިހާރުގެ ކުޑަކުދިން ވަރަށް ވިސްނުން ތޫނުވެފައި މޮޅެވެ. އެގޮތުން ޒާއިރާ އަކީ ވެސް ވަރަށް ކުޑަކުއްޖެއް ކަމަކު ވަރަށް މޮޅު އެކްޓަރެއް ކަމަށެވެ. އަދި މި ވަގުތު ފިލްމު އިންޑަސްޓްރީގައި ނެތް ވަރުގެ ކުޅަދާނަ އެކްޓަރެއްގެ ގޮތުގައި އާމިރު ވަނީ ޒާއިރާ ސިފަކޮށްފަ އެވެ.
"ސީކްރެޓް ސުޕަސްޓާ" ގައި ޒާއިރާ ކުޅެނީ އިންސިއާ ކިޔާ ކަޝްމީރުގެ ޓީންއޭޖް ކުއްޖެއްގެ ރޯލެވެ. އިންސިއާ އަކީ ލަވަކިޔުންތެރިއަކަށް ވުމުގެ ހުވަފެން ދެކޭ ކުއްޖެކެވެ.
އަދަވައިތު ޗަންދަން ލިޔެ، ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ފެނިގެން ދާނީ އިންސިއާ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތެވެ.
އާމިރު ޚާން ޕްރޮޑަކްޝަން އާއި ޒީ ސްޓޫޑިއޯ އަދި އާކާޝް ޗައުލާ ޕްރޮޑިއުސްކޮށްފައިވާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އޮކްޓޯބަރު 19 ވަނަ ދުވަހު އެވެ.