މާލޭ ރައްޔިތުންނަށް މުސްހަފް މާލްދީފް ބަހަން ފަށައިފި
މާލޭ ރައްޔިތުންނަށް މުސްހަފް މާލްދީފް ބަހަން ފަށައިފި

އިސްލާމިކް މިނިސްޓްރީން ޗާޕްކޮށްފައިވާ "މުސްހަފް މާލްދީފް"، މާލޭ ރައްޔިތުންނަށް ބަހަން ރަސްމީކޮށް މިއަދު ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީގައި އޮތް ކުޑަ ރަސްމިއްޔާތެއްގައި އެކަން ފަައްޓަވައިދެއްވީ، މިނިސްޓްރީން ބުނި ގޮތުގައި، ސްޓޭޓް މިނިސްޓަރު އަލީ ވަހީދެވެ. އޭނާ ވަނީ ދިވެހިންނަށް ހާއްސަކޮށްގެން ޗާޕްކުރި ކީރިތި ޤުރުއާންގެ ކޮޕީއެއް މާލޭ ރައްވެއްސެއް ކަމަށްވާ އަހުމަދު ސައީދު، މ. ހެޕީޑޯންއާ ހަވާލުކޮށްދެއްވައިފަ އެވެ.

މާލޭ ރައްޔިތުންނަށް މުސްހަފު މާލްދީފް ބެހުން މިއަދު ރަސްމީކޮށް ފެށި ނަމަވެސް ޑިސެމްބަރު 29، 2016 އިން ފެށިގެން މިނިސްޓްރީން ގެންދަނީ ގުރުއާންގެ އެ ކޮޕީ ބަހަމުންނެވެ. ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ކޮޕީ ލިބޭނީ 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށެވެ.

މާލޭ ރައްޔިތުންނޭ ބުންޏަސް އޭގެ މާނައަކީ ހަމައެކަނި މާލޭގެ ރައްވެހިން ނޫން ކަމަށް މިނިސްޓްރީން ބުނެ އެވެ. އެގޮތުން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ރަސްމީ ގަޑީގައި މިނިސްޓްރީގެ ކައުންޓަރުން މުސްހަފް މާލްދީފް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި އެވެ. އެކަމަކު އެހެން ރަށެއްގައި ގުރުއާންގެ އެ ކޮޕީ ކުރިން ނަގާފައިވާ މީހަކަށް ނުލިބޭނެ އެވެ.

"އަޅުގަނޑުމެން ބަލަން އެކަކަށް ދެ ކޮޕީ ނުދެން. އެހެންވެ އައިޑީ ކާާޑު ގެންނަން ޖެހޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

"އެހެން ރަށެއްގެ މީހަކު ކުރިން ނަގާފައި އޮތިއްޔާ އަޅުގަނޑުމެންނަށް އެނގޭނެ އައިޑީ ކާޑު ބެލުމުން."

މިހާރު ވެސް ބަހަމުން އަންނަނީ އެންމެ ފުރަތަމަ ގެނައި 100،000 ކޮޕީ އެވެ. އުމުރުން 45 އަހަރުން މަތީގެ މީހުންނަށް މުސްހަފު މާލްދީފް ލިބޭނީ އިތުރު ޗާޕެއް އައުމުންނެވެ.

ސަރުކާރުގެ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް ކުރިން ވަނީ މުސްހަފް މާލްދީފް ބަހައިފަ އެވެ. ދިވެހިންނަށް ހާއްސަ މުސްހަފް ޗާޕްކުރަން އެ ކުންފުނިތަކުން އިސްލާމިކް މިނިސްޓްރީއަށް ފައިސާ ހަދިޔާކޮށްފައިވެ އެވެ.