މިފަހަރުގެ އީދު ޝާހްރުކް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާނެ
މިފަހަރުގެ އީދު ޝާހްރުކް ވަރަށް ކުލަގަދަކޮށް ފާހަގަ ކުރާނެ

ބޮލީވުޑް ތަރި ޝާހްރުކް ޚާން ބުނި ގޮތުގައި މި ފަހަރުގެ އީދު ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރަން އޭނާ ގަސްދުކުރެ އެވެ. ސަބަބަކީ މިދިޔަ އަހަރުގެ އީދުގައި އޭނަ އަށް ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ދިލްވާލޭ"ގެ ޝޫޓީންގްގައި ބިޒީކޮށް އުޅެން ޖެހުމުގެ ސަބަބުން އީދު ފާހަގަ ނުކުރެވުނީމަ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން ޝާހްރުކް ބުނީ އެހެން އަހަރުތަކެކޭ އެއް ފަދައިން މި އަހަރު ވެސް އޭނާގެ އަމިއްލަ ގެ މަންނަތުގައި އީދު ޕާޓީ އޮންނާނެ ކަމަށެވެ. އަދި އީދު ބަތް ކާނީ އެންމެން އެކުގައި ކަމަށް ވެސް ޝާހްރުކް ބުނެފައި ވެ އެވެ.

އީދު ދުވަހުގެ ޚާއްސަ ކެއުން އޮންނަނީ ކޮން ގަޑިއަކުތޯ ނޫސްވެރިއަކު ސުވާލުކުރުމުން ޝާހްރުކް އޭނާ އަށް މަލާމަތް ކޮށްލި އެވެ. ޝާހްރުކް ނޫސްވެރިޔާ ކައިރީ ސަމާސާއަކަށް ހަދާފައި ބުނީ އޭނާ އަށް ފަސޭހަ ގަޑިއެއް ބުނަނިކޮށް އެ ގަޑިއަކަށް ހަމަޖައްސާދޭނެ ކަމަށެވެ.

ޝާހްރުކް އިތުރަށް ބުނީ ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޭނާ މި ދުވަސްވަރު ފިލްމީ މަސައްކަތް ނުކޮށް ޗުއްޓީގައި ހުރި ކަމަށެވެ. އަދި ކޮންމެ ދުވަހަކު ފިޒިއޯ ހަދަމުންދާ ކަމަށާއި އިމްތިޔާޒު އަލީ ޑައިރެކްޓް ކުރާ އާ ފިލްމު ފެށުމުގެ ކުރިން ފައި ރަނގަޅުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ޝާހްރުކް ބުންޏެވެ.

"އިތުރު އޮޕަރޭޝަނެއް އެއްޗެއް ކުރާކަށް ބޭނުމެއް ނޫން. އެހެންވެ ފައި ރަނގަޅުވޭތޯ ޗުއްޓީ ނަގައިގެން މިހުރީ،" ޝާހްރުކް ބުނެފައި ވެ އެވެ.

ޝާހްރުކް މިހާރުވަނީ ޕާކިސްތާން ޓީވީ ތަރި މާހިރާ ޚާންއާ އެކު ކުޅޭ "ރައީސް"ގެ ޝޫޓިންގާއި އާލިއާ ބަޓްއާ އެކު ކުޅޭ ގޯރީ ޝިންޑޭގެ ފިލްމުގެ ޝޫޓިން މުޅީން ނިންމާލާފަ އެވެ.