ވަގަށް ނެގި ތުއްތު ކުއްޖެއްގެ ޝުކުރު ހިނިތުންވުމަކުން
ވަގަށް ނެގި ތުއްތު ކުއްޖެއްގެ ޝުކުރު ހިނިތުންވުމަކުން

އިންޑިއާގެ ހައިދަރުއާބާދުގައި، މަގުމަތީ އުޅޭ މީހެއްގެ ދަރިފުޅު މަގުމަތީ ނިންދަވާފައި އޮއްވައި ބަޔަކު ވަގަށް ނެގުމުން 15 ގަޑިއިރު ފަހުން އެ ކުއްޖާ ހޯދުމުން، ފުލުހުންނާ ކުރިމަތިލީ ލޯބި ހިނިތުންވުމަކާ އެކުގަ އެވެ. އެންމެ ހަތަރު މަހުގެ ފައިޒާން ޚާން ވަގަށް ނަގާފައި ވަނީ އޭނާގެ މަންމަ ހުމޭރާ ބޭގަމް، 21، ކައިރީގައި ޕޭވްމަންޓް މަތީގައި ނިދާފައި އޮއްވަ އެވެ.

ފައިޒާން ހޯދުމުގެ މަސައްކަތުގައި އުޅުނު ފުލުހުން ބުނި ގޮތުގައި ތުއްތު ކުއްޖާގެ މައުސޫމް ހިނިތުންވުމާއި އޭނާގެ މަންމަ އުފަލުން އޮހޮރި ކަރުނައަކީ އެ މަސައްކަތް ކުރި ޓީމުގެ މެމްބަރުންނަށް އަގުހުރި ހަދިޔާއެކެވެ.

"އެ ކުއްޖާ ސަލާމަތް ކުރިއިރު ވެސް ކުއްޖާ ދިޔައީ ވަރަށް ބާރަށް ރޮމުން. އަދި އޭނާގެ މަންމައާ ކުއްޖާ ހަވާލުކުރުމުން ވެސް ރުއިމެއް ނުހުއްޓުނު. އަހަރެން ކުއްޖާ އުރާލާފައި ކުޑަކޮށް ސަކަރާތްޖަހާލުމުން ރުއިން ހުއްޓާލީ. ދެން އޭނާ އަހަންނާ ދިމާލަށް ބަލާލާފައި ވަރަށް ރީއްޗަށް ހީނ ލި. އެވަރުގެ ކުއްޖަކު އެހާ ރީއްޗަށް ހީނލަނިކޮށް އަދި ނުދެކެން،" ކުއްޖާ ސަލާމަތްކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވި އިނިސްޕެކްޓާ ސަންޖޭ ކުމާރު ބުންޏެވެ.

ފުލުހުން ބުނީ ކުއްޖާ ވަގަށް ނެގީ ދެ މީހަކު ވެގެންނެވެ. އެ މީހުން ހޯދީ ސީސީޓީވީ ކެމެރާގެ އެހީގަ އެވެ. ތަހުގީގަށް އެނގުނު ގޮތުގައި އޭގެ ތެރެއިން އެކަކު އުޅެނީ ދަރިއަކު ނުލިބިގެންނެވެ.

ނަމަވެސް ފުލުހުން ބުނީ ކުއްޖާ ވަގަށް ނެގީ ވިއްކާލަން ކަމަށް ޝައްކުވާ ވަރަށް ގިނަ ކަންކަން ހިނގާފައި އެބަހުރި ކަމަށެވެ. ކުއްޖާ ފެނުނީ، ކުއްޖާ ވަގަށް ނެގި މީހުން އެ ކުއްޖާ ގޮވައިގެން ހޮސްޕިޓަލަކަށް ގޮސް އުޅެނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ. ހޮސްޕިޓަލުން ވެސް ވަނީ ކުއްޖާގެ މައިންބަފައިން ނެތި އެޑްމިޓް ނުކުރެވޭނެ ކަމަށް ބުނެފަ އެވެ.