ނޯތު ކޮރެއާގެ ލީޑަރުގެ އަންހެން ކޮއްކޮ ވެރިކަމުގެ ބާރުގެ ތެރެއަށް
ނޯތު ކޮރެއާގެ ލީޑަރުގެ އަންހެން ކޮއްކޮ ވެރިކަމުގެ ބާރުގެ ތެރެއަށް

ޕިއޮންޔޮން (އޮކްޓޯބަރު 9) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ އަންހެން ކޮއްކޮ ވެރިކަމުގެ ސީނިއާ މަގާމަކަށް ބަދަލުކޮށްފި ކަމަށް ރަސްމީ މީޑިއާ އިން ބުނެފި އެވެ.

ކިމްގެ ކޮއްކޮ 30 އަހަރުގެ ކިމް ޔޯ-ޔޮން ވަނީ ވެރިކަން ހިންގާ ޕާޓީގެ ބާރުގަދަ ޕޮލިޓްބިއުރޯގައި ހިމަނައިފަ އެވެ. ނޯތު ކޮރެއާގައި އޮންނަ ހަމައެކަނި ޕާޓީ އަދި ވެރިކަން ކުރާ ވޯކާސް ޕާޓީގެ ޕޮލިޓްބިއުރޯގައި ކިމް ޔޯ-ޔޮންގް ހިމެނީ އޭނާގެ ބޮޑު ދައިތަގެ ބަދަލުގަ އެވެ. ކިމް ޔޯ-ޔޮންގަކީ ކިމްގެ ބައްޕާފުޅު ކިމް ޖޮން-އިލްގެ އެންމެ ހަގު ދަރިކަނބަލުންނެވެ. މީގެ ތިން އަހަރު ކުރިން ކިމް ޔޯ-ޔޮންގަކީ ޕާޓީގެ ސީނިއާ އޮފިޝަލެއް ކަމަށް ވަނީ ހަމަޖައްސަައިފަ އެވެ.

ކިމްގެ އާއިލާ އިން ދަނީ 1948 ވަނަ އަހަރުގެ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު އެ ގައުމުގައި ވެރިކަން ކުރަމުންނެވެ.

ނޯތު ކޮރެއާ އިން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގާ މައްސަލާގައި އެމެރިކާ އިން ވަނީ ކިމް ޔޯ-ޔޮންގް ބްލެކްލިސްޓް ކޮށްފަ އެވެ.

ކިމް ޔޯ-ޔޮންގް ޕްރޮމޮޓް ކޮށްފައި ވަނީ ކިމް ޖޮން-އުން ބޭއްވި ޕާޓީގެ ޚާއްސަ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި ވަނީ އެހެން އޮފިޝަލުން ވެސް ޕްރޮމޯޓް ކޮށްފަ އެވެ. އޭގެ ތެރޭގައި ޚާރިޖީ ވަޒީރު ރި ޔޮން-ހޯ ހިމެނެ އެވެ. އޭނާ އަށް ވަނީ ޕޮލިޓްބިއުރޯގައި ވޯޓު ލެވޭ މެންބަރަކަށް ޕްރޮމޯޓް ކޮށްފަ އެވެ. މިދިޔަ މަހު ބޭއްވި އދ.ގެ ޖެނެރަލް އެސެމްބްލީގެ ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ރި ޔޮން-ހޯ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް "ރައީސް ޝައިތޯންގެ" ނަމުން މުޚާތަބް ކުރައްވައިފަ އެވެ. އަދި ރައީސް ޓްރަމްޕް ބިރު ދައްކާ ނަމަ އެމެރިކާ އަކީ ނޯތު ކޮރެއާގެ މިސައިލްތަކުގެ އަމާޒަކަށް ހަދާނެ ކަމަށް ރި ޔޮން-ހޯ ވަނީ ވިދާޅުވެފަ އެވެ.