"ޕަދްމާވަތީ"ގެ ޓްރެއިލާ ވަރަށް މޮޅު
"ޕަދްމާވަތީ"ގެ ޓްރެއިލާ ވަރަށް މޮޅު

ސަންޖޭ ލީލާ ބާންސާލީގެ "ޕަދްމާވަތީ" އަކީ މިއަހަރު ނުކުންނާނެ އެންމެ މޮޅު އަދި އެންމެ ރީތި ފިލްމަށް ވާނެކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. ފިލްމުގެ ފުރަތަމަ ޓްރެއިލާ އިއްޔެ ރިލީޒްކުރުމާ އެކު މި ފިލްމަކީ އުންމީދު ކުރި ވަރަށް ވުރެ ވެސް މޮޅު ފިލްމަކަށް ވާނެ ކަމަށް މިހާރު ވަނީ ބެލެވެން ފަށައިފަ އެވެ.

ފިލްމުގެ މަންޒަރުތައް ރީތިވެފައި މޮޅެވެ. ފިލްމުގެ ތަރިން ކަމަށްވާ ޝާހިދު ކަޕޫރާއި ރަންވީރު ސިންގް އަދި ދީޕިކާ ޕަދުކޯން މި ފިލްމުގައި ހުށަހަޅައިދީފައިވަނީ ވަރަށް ފުރިހަމަ އަށެވެ. ޖެހިލުންކުޑަ ރަސްކަލެއްގެ ރޯލު ޝާހިދު އާ ވަރަށް ގުޅެ އެވެ. އަދި ރަންވީރުގެ ބިރުވެރި ސިފަ ފެނިފައި މީހުންގެ ގައިން ހީބިހި ނަގައިގެން ދާހާވެ އެވެ. އަދި ބާންސާލީ އަށް ނޫނީ ދީޕިކާ އެހާ ރީތިކޮށް ހުށަހަޅައި ނުދެވޭނެކަން މި އިޝްތިހާރުން ވެސް ވަނީ އެނގިފަ އެވެ.

މި ފިލްމުގައި ދައްކަނީ 1303 ވަނަ އަހަރު އަލާއުއްދީން ޚިލްޖީ ކިޔާ ވަރަށް އަނިޔާވެރި ރަސްކަލަކު އެހެން ރަސްކަމެއް ހިނގާ ޝަހަރެއް ހިފަން ކުރާ ހަނގުރާމަ އެކެވެ. ޚިލްޖީ އެރަށް އަތުލަން މަސައްކަތް ކުރަނީ އެ ރަށުގެ ރާނީ ޕަދްމާވަތީ ދެކެ އޭނާ ވެފައިވާ ދީވާނާ ލޯތްބެއްގެ ސަބަބުންނެވެ.

ޓްރެއިލާއިން ޔަގީން ވަނީ ބޮޑެތި ސެޓުތަކުގައި ތައްޔާރުކޮށްފައިވާ އާދަޔާޚިލާފު ތަންތަނާއި ހަނގުރާމަ މަތީ މަންޒަރުތަކަކީ ބާންސާލީއަށް ނޫނީ ނުވާ ވަރުގެ ކަންކަން ކަމެވެ. އަދި ފިލްމުގައި ތަރިން އަޅާ ހެދުންތަކާއި ބެކްގްރައުންޑް މިއުޒިކް ވެސް ވަރަށް ފުރިހަމަ އެވެ.

ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހު އެވެ. އޭގެ ކުރިން ވަރަށް ގިނަ ލަވަތަކާއި ޓްރެއިލާތައް ރިލީޒްކުރުމުން ފިލްމު ބެލުމަށް މީހުންގެ ޝައުގުވެރިވަން އިތުރު ވެގެން ދާނެކަމަށް ވަނީ ބެލެވިފަ އެވެ.