09 އޮކްޓޯބަރ 2017 - 11:33

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ގާތްނުވެވޭ ގޮތަށް ރިޔާސަތު ވަކިކުރަން ހަދާފައިވާ "ބޮޑު ފާރު"ގެ މޭސްތިރިއަކީ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސްކަން މަސީހަށް ދިފާއުކޮށްދޭން ސަރުކާރުން މަސައްކަތް ކުރާއިރު ޖަލްސާތައް ބާއްވަން ޖެހެނީ ރިޔާސަތު ވަށައިގެން ސިފައިންގެ ފައުޖެއް މަސީހުގެ ހިމާޔަތުގައި ބައިތިއްބައިގެންނެވެ. އެކަމަށް ހައްލެއް ހޯދަން ރިޔާސަތު މޭޒު ގާތްގަނޑަކަށް ފަސް ފޫޓަށް އުސްކޮށް، މެމްބަރުންނަށް ކައިރިނުވެވޭގޮތަށް އުސްކޮށް ލަކުޑިން ބޮޑު ފާރެއް މިހާރު ވަނީ ހަދައިފަ އެވެ.
މި ފާރާ ހެދި އިދިކޮޅު މެމްބަރުންގެ ފާޑުކިއުން އަމާޒުވެފައިވީ ނަމަވެސް ވެރިކަންކުރާ ޕީޕީއެމުން އެ ފާރު ސިފަކުރަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ކުރި "މޮޅު" ކަމެއްގެ ގޮތުގަ އެވެ.
ނިހާން ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގެ އާ ޑިޒައިން ހެއްދެވީ މޫސަ ކަމަށެވެ. ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި ވެސް ޗެމްބަރު ހުންނަނީ މިގޮތަށް އުސްކޮށް ކަމަށް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑަށް ފެނުނު ވަރަށް ގިނަ ޗެމްބަރުތައް ވެސް ހުންނަނީ [ރާއްޖޭގައި] މި ހުންނަ ގޮތަށް އުސްކޮށް. ސައުތު ކޮރެއާގައި ވެސް އަދި އެ ނޫން ގިނަ ގައުމުތަކުގައި ވެސް ހުންނަނީ މިގޮތަށް،" އޭނާ ވިދާޅުވި އެވެ.
ޗެމްބަރު އުސްކުރީ އިދިކޮޅު މީހުން ޖަލްސާ އަށް ހުރަސްއެޅިޔަ ނުދޭންވެގެން ކަމަށް ދައްކާ ވާހަކަތައް ނިހާން ދޮގުކުރެއްވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިޔާސަތު އުސްކުރީ މަޖިލީހުގެ އާބާތުރަ ފިލުވަން ފަށައިގެން އުޅޭ މަސައްކަތުގެ ދަށުންނެވެ. މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު އެދިވަޑައިގެން އެ މަސައްކަތުގައި އިސްކޮށް އުޅުއްވަނީ މޫސަ ކަން ވެސް ނިހާން ފާހަގަކުރެއްވި އެވެ.
"މިއީ މާބޮޑު ކަމެއް ނޫން، ދުނިޔޭގެ ޕާލަމެންޓްތަކުގައި ނުހުންނަ ގޮތެއް ވެސް ނޫން،" ނިހާން ވިދާޅުވި އެވެ.