ވަރިވާން ޖެހުނީ ބޭވަފާތެރި ވެގެންނެއް ނޫން: ރިތިކް ރޯޝަން
ވަރިވާން ޖެހުނީ ބޭވަފާތެރި ވެގެންނެއް ނޫން: ރިތިކް ރޯޝަން

ރިތިކް ރޯޝަން އަކީ ކުރިން މީޑިއާ އަށް މާ ގިނައިން އިންޓަވިއު ދޭ އެކްޓަރެއް ނޫނެވެ. ނަމަވެސް ކަންގަނާ ރަނާވަތާ ޖެހިގެން އުޅޭ މައްސަލައިގައި މަޑުން ނުހުންނަން ރިތިކް ވަނީ ނިންމާފަ އެވެ. އޭނާއާ ސުވާލުކުރާ ކޮންމެ ނޫސްވެރިއަކަށް ވެސް މިކަމުގެ ހަގީގަތް އޮޅުން ފިލުވައިދޭން ރިތިކް ވަނީ ގަސްތުކޮށްފަ އެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިންޑިއާގެ ޓީވީ ޗެނަލަކުން ދެއްކި ރިތިކްގެ އިންޓަވިއުއެއްގައި ވެސް ވަނީ އޭނާގެ ހަޔާތުގެ މުހިއްމު ވާހަކަތަކެއް ކިޔައިދީފަ އެވެ. އަދި ކުޑައިރުއްސުރެ ރައްޓެހިވެގެން އުޅެފައި ކައިވެނިކޮށް 17 އަހަރު ވަންދެން އުޅުނު ކުރީގެ އަނބިމީހާ ސުޒާން ޚާން 2014 ގައި ވަރިކުރި މައްސަލަޔާ ބެހޭ ގޮތުން ވެސް މިފަހަރު ރިތިކް ކިޔައިދިނެވެ.

އޭނާއަށް މި ވާހަކަ ވެސް ދައްކަން މަޖުބޫރުވީ ކަންގަނާ ދޭ އިންޓަވިއުތަކުގައި ރިތިކާއި ސުޒާން ވަރިވީ ކަންގަނާ އާއި ރިތިކްގެ ލޯބީގެ ގުޅުމުގެ ސަބަބުން ކަމަށް ދޭހަވާ ގޮތަށް ވާހަކަ ދައްކާތީ އެވެ.

ރިތިކްގެ އިންޓަވިއުގައި ކަންގަނާގެ ވާހަކަތައް ކަނޑައެޅިގެން ދޮގުކުރި އެވެ. އަދި ސުޒާން ވަރަށް ގިނަ ފަހަރަށް ކަންގަނާގެ ވާހަކަތައް ދޮގުކޮށް ވާހަކަ ދައްކާފައިވާ ކަމަށް ވެސް ރިތިކް ބުންޏެވެ.

"އަހަރެން ކައިރިއަށް ވަރަށް ހިނި އާދޭ. ކޮންމެ ފަހަރަކުވެސް ދެ މީހަކު ވަރިވާއިރަށް މީހުން ބުނާނެ ފިރިހެންމީހާގެ ކުށުންނޭ، އޭނާ ބޭވަފާތެރި ވެގެންނޭ ވަރިވާން ޖެހުނީ. އެއީ ވަރަށް ހަނި ވިސްނުމެއް. އަހަރެން ބުނާނީ ބޭވަފާތެރިވުން ނޫނަސް ވަރަށް ގިނަ ސަބަބުތައް ހުންނާނޭ ކައިވެނިކޮށްގެން އުޅޭ ދެ މީހަކު އެކަކު އަނެކަކާ ވަކިން ދިރިއުޅެން ބޭނުން ވެދާނެ. ބޭވަފާތެރި ކަމަކީ ވެސް އެއް ސަބަބު،" ރިތިކް ބުންޏެވެ.

ރިތިކް ބުނި ގޮތުގައި އޭނާއަކީ ފިލްމީ ތަރިއަކަށް ވާތީ އޭނާގެ ވަރީގެ ވާހަކަ އިވޭއިރަށް އޭނާ ކޮންމެވެސް ކަމެއް ކުރީ ކަމަށް ވަރަށް ގިނަ މީހުންނަށް ހީވެ އެވެ.

ޔަގީންވާ ކަމަކީ ކަންގަނާގެ މައްސަލަގަނޑު ފެންމަތިވި ފަހުން ރިތިކާއި އޭނާގެ ކުރީގެ އަނބިމީހާގެ ގުޅުން މާ ބޮޑަށް ރަނގަޅުވެފައިވާ ކަމެވެ. ދެ މީހުން އެކުގައި ދަރިން ގޮވައިގެން ޗުއްޓީ އަށް ދިއުމާއި ޕާޓީތަކާއި އިވެންޓްތަކަށް އެކުގައި ދިއުން ވެސް ވަރަށް ގިނަ އެވެ. މި ދެ މީހުން މާގިނައިން އެކުގައި ފެންނާތީ އަލުން ސުލްހަވެ އަލުން ދެ މީހުން ގުޅެން އުޅޭ ކަމުގެ ޚަބަރުތަކެއް ވެސް ދާދިފަހުން މީޑިއާތަކުން ފެނިފައިވެ އެވެ.

ނަމަވެސް މިއީ ކަންގަނާގެ މައްސަލައިގައި ރިތިކްގެ ދިފާއުގައި ސުޒާން ތެދުވުމުން ރިތިކްގެ ހިތުގައި ސުޒާން އަށް އުފެދުނު އިހްތިރާމަކުން ވީ ކަމަކަށް ވެސް ވެދާނެ އެވެ.