09 އޮކްޓޯބަރ 2017 - 10:03

މެޑްރިޑް (އޮކްޓޯބަރު 9) – ރެއާލް މެޑްރިޑުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމިރޯގެ ކުޅުން ފެނުމުން ހަނދާން ވަނީ، އޭނާ މަތިން ކަމަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ޑިފެންސިވް މިޑްފީލްޑަރު ކްލައުޑޭ މަކެލެލޭ ބުނެފި އެވެ.
މެޑްރިޑަށް 2000 އިން 2003 އަށް ކުޅެ ޗެމްޕިއަންސް ލީގާއި ސްޕެނިޝް ލީގު ކާމިޔާބުކޮށްފައިވާ މެކެލެލޭ އެ ދުވަސްވަރު ދެއްކި ކުޅުމާ އެކު ޑިފެންސިވް މިޑްފީލްޑަރުގެ މަގާމަށް މަކެލެލޭގެ ނަމުން ނަން ދީފައިވެ އެވެ.
"ކަސެމިރޯ ކުޅެމުން އަންނަނީ ވަރަށް ރަނގަޅަށް. އަހަރެން މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ކުރިން ޗޭންޖިން ރޫމުގައި އޭނާއާ ވާހަކަދެއްކިން. އޭނާ އެ ކުޅޭ މަގާމް އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ. ފެންވަރާއި ބުރަ މަސައްކަތުން، އޭނާ އެ ވަނީ (އެ މަގާމަށް ކުޅުމަކީ) ފަސޭހަކަމަކަށް ހަދައިފައި،" މަކެލެލޭ ބުންޏެވެ.
ޗެލްސީ އާއި ޕީއެސްޖީ އަށް ވެސް ކުޅެފައިވާ މަކެލެލޭ ބުނީ ކަސެމިރޯ އަކީ ވަރަށް ވިސްނުން ރަނގަޅު އަދި އަބަދުވެސް ރަނގަޅު މަގާމުގައި ހުންނަ ކުޅުންތެރިއެއް ކަމަށެވެ. އަދި އޭނާ ކުރިއަށް އަރާތީ އޭނާ އަށް ގޯލް ވެސް ޖެހޭ ކަމަށް މެކެލެލޭ ބުންޏެވެ.
"ކަސެމިރޯ އަށް އެންމެ މުހިއްމު ކަމަކީ، އޭނާގެ މަސައްކަތުގެ މުހިއްމުކަން އެ ޓީމުގެ އެހެން ކުޅުންތެރިން ބަލައިގަތުން. އެއީ އޭނާ އަށް ލިބޭނެ ތަށްޓަކީ،" މަކެލެލޭ ބުންޏެވެ.
އުމުރުން 25 އަހަރުގެ ކުޅުންތެރިއާގެ ކުޅުން ބަދަލުކޮށްލީ މަކެލެލޭއާ އެކު މެޑްރިޑާއި ފްރާންސް ގައުމީ ޓީމަށް ކުޅުނު ޒައިނުއްދީން ޒިދާން މެޑްރިޑުގެ ކޯޗުކަމާ ހަވާލުވުމަށް ފަހު އެވެ. އޭނާ އަކީ މިހާރު ބްރެޒިލް ގައުމީ ޓީމުގެ ވެސް މުހިއްމު ކުޅުންތެރިއެކެވެ.