03 ޖުލައި 2016 - 08:05

ހަކުރު ބަލީގެ މީހުންނަށް އާދައިގެ ދިރިއުޅުމެއް އުޅުމަށް މަގު ފަހި ކޮށްދޭނެ އާޓިފިޝަލް ޕެންކްރިއަސްއެއް ކުރި އަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ލިބޭވަރު ވާނެ ކަމަށް ސައިންސްވެރިން ބުނެފި އެވެ.

އައިފޯން ސައިޒުގެ ޑިވައިސްއެއް ސައިންސްވެރިން މިހާރު ތަރައްގީ ކޮށްފައިވާ އިރު މި ޑިވައިސް އިން ބަލިމީހާގެ ލޭގައި ހަކުރު ހުންނަ މިންވަރު މޮނިޓާ ކޮށްދީ އެ ވަގުތަކު އެ މީހަކަށް ބޭނުންވާ މިންވަރަކަށް އިންސިއުލިން ހަށިގަނޑުގެ ތެރެ އަށް ފޮނުވަމުން ދާނެ އެވެ.
އިންގިލާބެއް ފަދަ މި އުފެއްދުން، ލައިގެން ހުންނަ ހެދުމުގައި ވެސް ހަރުކޮށްލެވިދާނެ ކަމަށާއި ލޭގައި ހަކުރު ހުރި ވަރު ދެނެގަނެ އެ ވަގުތަކަށް ބޭނުންވާ މިންވަރަކަށް މި ޑިވައިސް އިން އިންސިއުލިން ފޮނުވައިދޭނީ ބަލިމީހާގެ ހަންގަނޑުގައި ހަރުކޮށްފައިވާ ޕެޗްތަކެއްގެ އެހީގައި ކަމަށް ސައިންސްވެރިން ބުނެ އެވެ.
މި ޑިވައިސް ވެގެންދާނީ ޓައިޕް އެކެއްގެ ހަކުރުބަލި ޖެހިފައިވާ އެތައް މިލިއަން ބަޔަކަށް ލިބޭނެ އާ ދިރުމަކަށެވެ. މި ވައްތަރުގެ ހަކުރުބަލި ޖެހެނީ ޕެންކްރިއަސް އިން އިންސިއުލިން އުފެއްދުން މުޅިން ހުއްޓުނީމަ އެވެ.
ހަކުރުބަލީގެ މީހުންގެ ތެރެއިން އިންސިއުލިން ޖަހަން ޖެހޭ މީހުން މިހާރު ހަދަން ޖެހޭ ގޮތަކީ އަމިއްލަ އަށް ގަޔަށް އިންސިއުލިން އިންޖެކްޝަން ޖެހުމެވެ. ސިއްހީ އިތުރު މައްސަލަތައް ކުރިމަތިވިޔަ ނުދިނުމަށް ދުވާލަކު ފަސް ވަރަކަށް ފަހަރު އިންސިއުލިން ޖަހަން ޖެހޭ މީހުން ވެސް އުޅެ އެވެ.
ނަމަވެސް ހަށިގަނޑަށް އިންސިއުލިން ބޭނުންވާނީ އެމީހަކު ކާ ކެއުމަށާއި ހެލިފެލިވެ އުޅޭ މިންވަރަކަށް ބިނާކޮށް އެކި އިރު އެކި މިންވަރަށެވެ. މާނައަކީ ހަށިގަނޑަށް އެކަށީގެންވާ މިންވަރަށް އިންސިއުލިން ފޮނުވާނަމަ އިންސިއުލިން ޖެހުމުގެ ކުރިން ކޮންމެ ފަހަރަކު އިނގިއްޔަށް ކަށި ހަރައިގެން ލޭގައި ހަކުރު ހުރި މިންވަރު ދެނެގަންނަން ޖެހެ އެވެ.
ޓައިޕް ދޭއްގެ ހަކުރުބަލި ޖެހިފައިވާ އެތައް ހާސް ބަޔަކަށް ވެސް މި ޑިވައިސް އިން އެހީތެރިކަން ލިބޭނެ އެވެ. ދުނިޔޭގެ 3.1 މިލިއަނަށް ވުރެ ގިނަ މީހުންނަށް މި ބާވަތުގެ ހަކުރުބަލި ޖެހިފައި ވެ އެވެ. މި ބަލި ޖެހޭ މައިގަނޑު ސަބަބަކީ އާދަޔާ ޚިލާފަށް ފަލަވުމެވެ. މި 3.1 މިލިއަން މީހުންގެ ތެރެއިން 14 ޕަސެންޓް މީހުންނަކީ އިންސިއުލިން އިންޖެކްޝަން ޖަހަން ޖެހޭ މީހުންކަން ވެސް ސައިންސްވެރިން ފާހަގަ ކުރި އެވެ.
އިނގިރޭސި ވިލާތުގައި ފަލަބަލި އާއްމުވަމުންދާލެއް ބާރުކަމުން އެގައުމުގައި އެކަނިވެސް 2025 ވަނަ އަހަރާ ހަމައަށް ދާއިރު ފަސް މިލިއަނަށް ވުރެ ގިނަ މީހުންނަށް ހަކުރު ބަލި ޖެހޭނެ ކަމަށް އަންދާޒާ ކުރެވިފައި ވެއެވެ. އަދި މީގެ ތެރެއިން ވެސް ގިނަ މީހުންނަށް ޖެހޭނީ ޓައިޕް ދޭއްގެ ހަކުރުބަލި ކަމަށް ވެ އެވެ.
ކެމްބްރިޖް ޔުނިވަސިޓީގެ ސައިންޓިސްޓުންގެ މަސައްކަތުން މިހާރު ވަނީ އާޓިފިޝަލް ޕެންކްރިއަސް އާއި އޭގައި ހަރުކުރަން ބޭނުންވާ ދެ ޑިވައިސް އޮޓަމެޓިކުން މަސައްކަތް ކުރާނެ ގޮތެއް ހޯދާފަ އެވެ. އެ ދެ ޑިވައިސް އަކީ އިންސިއުލިން ފޯރުކޮށްދޭ ޕަމްޕާއި ގުލްކޯޒް މޮނިޓާ އެވެ. މި އޮޓޮމެޓިކް "އާޓިފިޝަލް ޕެންކްރިއަސް" އަށް "ކްލޯސްޑް-ލޫޕް ސިސްޓަމް އޭ ވެސް ކިޔަ އެވެ.
ޖާނަލް އޮފް ޑައިބެޓޮލޮޖިއާގައި ޝާއިއުކޮށްފައިވާ މި ރިސާޗްގައިވާ ޑރ. ރޯމަން ހޮވޯކާ އާއި ޑރ. ހުޑް ތާބިޓް ފާހަގަކުރައްވާފައިވާ ގޮތުގައި އާއްމުކޮށް ކުޑަކުދިންނަށާއި ޒުވާނުންނަށް ޖެހޭ ޓައިޕް އެކެއްގެ ހަކުރު ބައްޔަކީ އެ ބަލި ޖެހޭ ކުދިންނަށް ނަފްސާނީ ގޮތުން ވަރަށް ބޮޑު ބުރައަކަށް ވާ ކަމަށެވެ. އަދި އެކުދިންގެ ދިރިއުޅުމަށް ވަރަށް ނުރަނގަޅު އަސަރުތަކެއް ކުރާ ކަމެއް ވެސް މެއެވެ.
މިއަދާ ހަމައަށް "އާޓިފިޝަލް ޕެންކްރިއަސް" ޓެސްޓަކަށް ބޭނުންކުރަން ދިން މީހުން ދީފައިވަނީ ވަރަށް އީޖާބީ ޖަވާބު ކަމަށާއި މިފަދަ އެއްޗެއް ބޭނުން ކުރުމުން އެފަދަ މީހުންނަށް ހަކުރުބަލި މެނޭޖްކުރަން ފަސޭހަވެ އެ ބަލީގެ މަތިން ހަނދާން ނައްތާލާނެ ވަގުތުކޮޅަކާއި އޯފް ގަޑިތަކެއް ވެސް ލިބޭ ކަމަށް މި ޑިވައިސް ޓެސްޓް ކުރުމުގައި ބައިވެރިވި މީހުން ބުނެފައިވާ ކަމަށް މި ދިރާސާގައި ފާހަގަ ކޮށްފައި ވެ އެވެ. ސަބަބަކީ ހަކުރުބަލީގެ މީހުންގެ ހަށިގަނޑުގައި މި ޑިވައިސް ހަރު ކުރުމަށް ފަހު އެމީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ދެނެގަނެ އިންސިއުލިން ފޮނުވައިދީ ހެދުމުގެ ހުރިހާ ޒިންމާއެއް މި ޑިވައިސް އިން ކޮށްދޭތީ އެވެ.
މި ޑިވައިސް ޓެސްޓްކުރުމަށް ހަކުރުބަލީގެ ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ދީގެން ޗެކްކޮށްފައި ވެއެވެ.
ސައިންޓިސްޓުން ބުނާ ގޮތުގައި މި ޑިވައިސްގެ ސަބަބުން ހަމައެކަނި ބަލި މެނޭޖްކުރަން ފަސޭހަވުމުގެ އިތުރުން ހަށިގަނޑުގައި މާގިނައިން ނުވަތަ މާ މަދުން ހަކުރު ހުރެ ގިނަ އިރުތަކެއް ވުމުގެ ފުރުސަތު ކުޑަވެގެން ދެއެވެ.
މިހާތަނަށް މި ޑިވައިސް އެންމެ ދިގު މުއްދަތަކަށް ޓެސްޓް ކުރި ފަހަރު ޑިވައިސް ބޭނުން ކުރަން ދިން މީހުން ތިން މަސް ދުވަސް ވަންދެން ޑިވައިސް ބޭނުންކޮށްފައި ވެ އެވެ. އެގޮތުން މި ޑިވައިސް ބޭނުން ކުރުމުން ގިނަ ވަގުތު ހަކުރު އެއްވަރެއްގައި މެނޭޖްކުރުމުގައި ކާމިޔާބުވީ ކަމަށް ދިރާސާގައި ބުނެފައި ވެ އެވެ.
ޑރ. ހޮވޯކާ މެއިލްއޮންލައިން އަށް ދެއްވާފައިވާ އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ މި ޑިވައިސް ބޭނުން ކުރުމުގެ ހުއްދަ ރެގިއުލޭޓަރުން ދިންހާ އަވަހަކަށް އާއްމުކޮށް ލިބޭނެ ގޮތް ހެދޭ ވަރަށް މި ތަކެތި މިހާރު ވަނީ ތައްޔާރު ކުރެވިފަ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ ކުރީކޮޅު އެމެރިކާގައި އަދި 2018 ނިމޭ ހިސާބުގައި އިނގިރޭސި ވިލާތާއި ޔޫރަޕްގައި މި ޑިވައިސް އާއްމުކޮށް ބޭނުންކުރަން ފެށޭވަރު ވާނެކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.