09 އޮކްޓޯބަރ 2017 - 10:16

ބެއިޖިން، ޗައިނާ (އޮކްޓޯބަރު 9) - ޗައިނާ އޯޕަން ކާމިޔާބުކޮށް ދުނިޔޭގެ ފިރިހެން ޓެނިސް ރޭންކިންގެ އެއް ވަނައިގައި ސްޕެއިނުގެ ރަފައެލް ނަޑާލް ހަމަޖެހިލައިފި އެވެ.

އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްގެ މައްޗަށް އިއްޔެގެ ފައިނަލުގައި ނަޑާލް ކުރިހޯދީ ފަސޭހަކަމާ އެކު 6-2 6-1 އިންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގެ ތެރެއިން އަމްޕަޔަރުގެ ނިންމުތަކާ މެދު ކިރްގިއޯސް ހިތްހަމަ ނުޖެހިގެން މެޗު ކުޑަވަގުތުކޮޅަކަށް މެދުކަނޑާލަން ޖެހުނެވެ.
މިދިޔަ އަހަރުތަކުގައި އަނިޔާގެ ސަބަބުން ފޯމު ގެއްލުނު ނަމަވެސް މި ސީޒަނުގައި ނަޑާލް އަންނަނީ ތަފާތު ދައްކަމުންނެވެ. އޭނާ ވަނީ މި އަހަރު މިހާތަނަށް ހަ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ޓެނިހުގެ ބޮޑު ހަތަރު މުބާރާތުގެ ތެރެއިން ދެ މުބާރާތް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން އާއި ޔޫއެސް އޯޕަން ހިމެނެ އެވެ.
ނަޑާލް ބުނީ މި މެޗުގައި ކިރްގިއޯސްގެ ބައެއް ހަރަކާތްތައް ހުރި ގޮތުން އޭނާ ހައިރާންވި ކަމަށެވެ.
"އޭނާ (ކިރްގިއޯސް)ގެ ބައެއް ހަރަކާތްތައް ހުރި ގޮތުން އަހަރެން ހައިރާންވި. އެކަމަކު ކޮންމެ ކުޅުންތެރިއެއް ވެސް ޕްރެޝަރުގައި ކުޅޭއިރު އެ ކަހަލަ ކަންތައްތަކެއް ހުންނާނެ. އެކަމަކު އަހަރެން ދެކޭގޮތުގައި ކިރްގިއޯސްގެ އެބަހުރި ކާމިޔާބު ހޯދޭނެ ހުނަރު. ބޭނުންވަނީ މަސައްކަތްކޮށް ހިތްވަރު ކުރަން،" ކެރިއަރުގައި 75 މުބާރާތް ކާމިޔާބު ކޮށްފައިވާ ނަޑާލް ބުންޏެވެ.
ވުހާން އޯޕަންގެ އަންހެން ބައިގައި ދުނިޔޭގެ ރޭންކިން އެއް ވަނަ އަށް އެރި ރުމޭނިއާގެ ސިމޯނާ ހަލެޕްގެ މައްޗަށް ކުރި ހޯދައި ފްރާންސްގެ ކެރޮލިން ގާސިއާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސިމޯނާއާ ވާދަކޮށް ގާސިއާ ސެޓުތައް ގެންދިޔައީ 6-4 7-6 (7-3) އިންނެވެ.
ސިމޯނާ ރޭންކިންގެ އެއް ވަނަ އަށް އެރީ ސެމީ ފައިނަލުގައި ލެޓްވިއާގެ ޔެލޭނާ އޮސްޓަޕެންކޯގެ މައްޗަށް ކުރިހޯދައިގެންނެވެ. ފައިނަލުގައި ސިމޯނާ ބަލިވީ ލީޑުނަގަން ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ނުހިފިގެންނެވެ.