ސަލާގެ ލަނޑުން 27 އަހަރަށް ފަހު މިސްރު ވޯލްޑް ކަޕަށް
ސަލާގެ ލަނޑުން 27 އަހަރަށް ފަހު މިސްރު ވޯލްޑް ކަޕަށް

އިސްކަންދަރިއްޔާ، މިސްރު (އޮކްޓޯބަރު 9) – ފަހު ފަހު ވަގުތު ލިވަޕޫލުގެ މުހައްމަދު ސަލާ ވައްދާލި ޕެނަލްޓީއާ އެކު ކޮންގޯ 2-1 އިން ބަލިކޮށް 27 އަހަރަށް ފަހު ފީފާ ވޯލްޑް ކަޕަށް މިސްރު ކޮލިފައިވެއްޖެ އެވެ.

ބާކީ އެއް މެޗު އޮއްވާ މިސްރު ކޮލިފައިވީ 12 ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނަ ހޯދައިގެންނެވެ. ދެ ވަނައިގައި އަށް ޕޮއިންޓާ އެކު އޮތް ޔޫގެންޑާ އާއި ހަ ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް ގާނާ އަދި އެއް ޕޮއިންޓާ އެކު ފުލުގައި އޮތް ކޮންގޯ ވަނީ ކަޓައިފަ އެވެ.

އިސްކަންދަރިއްޔާގެ ބޯޖް އެލް އަރަބް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ 63 ވަނަ މިނެޓުގައި ސަލާ ވަނީ މިސްރަށް ލީޑު ނަގައިދީފަ އެވެ. މިސްރަށް މަޑުޖެހިލުމެއް އައީ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައިވަނިކޮށް ބޫކާ މޯޓޫ ޖެހި ލަނޑުން ކޮންގޯ އިން އެއްވަރުކުރުމުންނެވެ. އެކަމަކު އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ވައްދާލައި ސަލާ ވަނީ މިސްރު، އެ ގައުމުގެ ތާރީހުގައި ތިން ވަނަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފަ އެވެ.

މި ލަނޑާ އެކު ސަޕޯޓަރުންނާއި ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ. ގިނަ ސަޕޯޓަރުން ދިޔައީ އަޑުން އަޑު ނަގައި ރޮމުންނެވެ. މިސްރު ކޮލިފައިވުމާ އެކު އެންމެ ބޮޑު އުފަލެއް ލިބޭނެ އެއް ކުޅުންތެރިއަކީ ކެޕްޓަން އަދި ގޯލްކީޕަރު އުމުރުން 44 އަހަރުގެ އެސާމް އެލް-ހަދަރީ އެވެ. މިސްރު ގައުމީ ޓީމަށް 1996 ވަނަ އަހަރުން ފެށިގެން 156 މެޗު ކުޅެދީފައިވާ ހަދަރީ އަންނަ އަހަރުގެ ވޯލްޑް ކަޕުގައި ކުޅެފި ނަމަ އޭނާ ވެގެންދާނީ ވޯލްޑް ކަޕުގައި ކުޅޭނެ އެންމެ އުމުރުންދުވަސްވީ ކުޅުންތެރިއާ އަށެވެ.

މިސްރު އެންމެ ފުރަތަމަ ވޯލްޑް ކަޕުގައި ވާދަކުރީ 1934 ވަނަ އަހަރެވެ. އޭގެ ފަހުން 1990 ވަނަ އަހަރުގެ މުބާރާތުގައި އިންގްލެންޑާއި އަޔަލެންޑް އަދި ނެދަލެންޑްސްއާ ވާދަކޮށް ގްރޫޕް ސްޓޭޖުން ކެޓީ އެވެ.