09 އޮކްޓޯބަރ 2017 - 09:01

ޗުއްޓީއަށް ފަހު މިއަދު ރައްޔިތުންގެ މަޖިލިސް އަލުން ފެށުމާ އެކު ބޭއްވި ފުރަތަމަ ޖަލްސާ އެންމެ 13 މިނިޓް ތެރޭގައި ނިންމާލައްވައިފި އެވެ.

ރިޔާސަތުގެ މޭޒުކޮޅާއި އިދާރީ މޭޒު ހުންނަ ދިމާ އުސްކޮށް، ލަކުޑި "ފާރެއް" ހެދުމަށް ފަހު ބޭއްވި މި ޖަލްސާގައި، އިދިކޮޅު މެމްބަރުންގެ ހަޅޭކުގެ ތެރޭގައި ރައީސް އަބްދުﷲ މަސީހު ނިންމަވާލެއްވީ މަޖިލިހުގެ ގަވާއިދަށް ގެނައި އެންމެ އިސްލާހެއް ފާސްކުރެއްވުމަށް ފަހު އެވެ.
އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 28 މެމްބަރުންގެ ތާއީދާ އެކު އެވެ. އޭރު އިދިކޮޅު މެމްބަރުން ގެންދެވީ ލަކުޑި "ފާރު"ގެ ކުރިމަތީގައި އިހުތިޖާޖްކުރައްވަމުންނެވެ. މަސީހު ޖަލްސާ ކުރިއަށް ގެންދެވީ، އިދިކޮޅު މެމްބަރުންގެ އަޑުތަކުން ދުރުވެވަޑައިގަތުމަށް، އިއާފޯނެއް ޖައްސަވައިގެން އިންނަވަ އެވެ.
އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މިއަދު މަޖިލިހަށް ހުށަހެޅީ ކޮން އިސްލާހެއްކަން ވެސް އެ ބޭފުޅުންނަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. ސަބަބަކީ މަސީހު ދައްކަވާ ވާހަކަފުޅު އަޑުއިވިވަޑައިނުގަންނަވާތީ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.
މިއަދުގެ ޖަލްސާއަށް މެމްބަރުންނަށް ވެންނެވުނީ ވެސް، ކުރިއާ ހިލާފަށް ފަހުންނެވެ.
އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާ ފެށުމުގެ ތިރީސް މިނެޓެއްހާއިރު ކުރިން މެމްބަރުންނަށް ޗެމްބަރަށް ވެންނެވެ އެވެ. އެކަމަކު، ފަހަކަށް އައިސް، މަޖިލީހުގެ ތެރޭގައި ހިނގަމުން އަންނަ ހަމަނުޖެހުންތަކުގެ ސަބަބުން ޗެމްބަރު ތެރެއަށް ވެންނެވެނީ ޖަލްސާ ފެށުމުގެ ދިހަ މިނެޓެއް ހާއިރު ކުރިންނެވެ.
ނަމަވެސް މިއަދުގެ ޖަލްސާގައި މެމްބަރުން ޗެމްބަރަށް ވަންނަވަން މަސައްކަތް ކުރެއްވުމުން ސިފައިން ވަނީ އެކަމަށް ހުރަސް އަޅައިފަ އެވެ. ސިފައިން ތިބީ ހުރިހާ ގޭޓުތަކެއްގެ ކައިރީގައި ފޯރިމަރާށެވެ.
އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ މެމްބަރުންނަށް ޗެމްބަރަށް ވެންނެވުނީ ރައްޔިތުންގެ މަޖިލީހުގެ މަސީހު "ތަހުތަށް" އަރައިވަޑައިގަތުމުން ކަމަށެވެ. މެމްބަރުން ވަންނަވަން ދިޔައިރު ޗެމްބަރު ހުރީ ތަޅުލައި އަދި ސިފައިން "ފާރައަށް" އަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިއީ ރިޔާސަތުގެ މޭޒު ވަށައި އުސްކޮށް ލަކުޑިން "ފާރެއް" ހަދައިގެން ބާއްވާ ފުރަތަމަ ޖަލްސާ އެވެ.
އިދިކޮޅު މެމްބަރުން މަސީހަށް ނިސްބަތްކުރައްވާ "ފައިބައި، ފައިބައި"އޭ ގޮވަމުން ގެންދެވި އެވެ. އިދާރީ މޭޒާއި ރިޔާސަތުގެ މޭޒު ކުރިމަތީގައި ހަދާފައިވާ ލަކުޑި "ފާރު"ގެ އުސްމިން ގާތްގަނޑަކަށް ފަސް ފޫޓު ވަރުވެ އެވެ.
ބައެއް މެމްބަރުން މަސީހާ ދެކޮޅަށް އަޑުއުފުއްލަވަމުން ގެންދަވަނީ އެ ފާރުގެ ކުރިމަތީގައި ގޮނޑި ބަހައްޓަވައިގެން އެއަށް އަރުއްވައިގެން ތިއްބަވަ އެވެ.
އިދިކޮޅު މެމްބަރުން އަޑުގަދަކުރެއްވިޔަަސް، މަސީހު ގެންދެވީ ވާހަކަފުޅު ދައްކަވަމުންނެވެ. ޖަލްސާ ނިންމަވާލެއްވީ އަންނަ އަހަރުގެ ބަޖެޓަށް ތައްޔާރުވެވަޑައިގަތުމަށް އިލްތިމާސްކުރައްވަމުންނެވެ.