09 އޮކްޓޯބަރ 2017 - 06:23

ސައިބޯންޏެއް ބޭނުންކުރުމުން ކަޅު އަންހެނަކު ދޮން މީހަކަށް ބަދަލުވާ ތަން ދައްކާ އިޝްތިހާރަކަށް ފާޑުކިޔުން އަމާޒުވުމާ ގުޅިގެން ޑަވް އިން މައާފަށް އެދިއްޖެ އެވެ.
ތިން މަންޒަރެއް ބޭނުންކޮށްފައިވާ އެ އިޝްތިހާރުގައި، ކަޅު އަންހެނަކު އޭނާގެ ޓީޝާޓް ބާލާ ތަނުން ދޮން އަންހެނަކަށް ވެ އެވެ. އަދި ތިންވަނަ މަންޒަރުގައި ދައްކަނީ ދޮން މީހާ އޭޝިއާ ދަރިކޮޅުގެ މީހަކަށް ބަދަލުވާ ތަނެވެ.
ފޭސްބުކްގައި ޑަވް އިން ޝާއިއުކުރި އެ ވީޑިއޯ މިހާރު ވަނީ ނަގައިފަ އެވެ. އަދި ޓްވީޓަކުން މައާފަށް އެދި ޑަވް އިން ބުނީ އޭގައި ކަޅު އަންހެނުން ތަމްސީލްކޮށްދެވިފައި ވަނީ ރަނގަޅަކަށް ނޫން ކަމަށާއި އިޝްތިހާރުގެ ސަބަބުން އުފެދުނު ހިތްހަމަނުޖެހުންތަކާ މެދު ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށެވެ.
އެކަމަކު ވީޑިއޯ ނެގި ފަހުން ވެސް އޭގެ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވެ ބައެއް މީހުން ވަނީ ޑަވްއަކީ ނަސްލީ ތަފާތުކުރުން ގެންގުޅޭ ބްރޭންޑެއް ކަމަށް ބުނެ ފާޑުކިޔައިފަ އެވެ. އެކަމަކު އެކަމާ ގުޅިގެން އުފެދުނު ބަހުސްގައި ބައެއް މީހުން ބުނަނީ ޑަވް އިން މަސައްކަތްކޮށްފައި އެ އޮތީ ހުރިހާ ނަސްލެއްގެ މީހުންނަށް ވެސް އެ ސައިބޯނި ބޭނުންކުރެވިދާނެ ކަން ދައްކައިދޭން ކަމަށެވެ.
އިޝްތިހާރުގައި ކަޅު މީހަކު ދޮން މީހަކަށް ބަދަލުވުމަށް ފަހު އެހެން ނަސްލެއްގެ މީހަކަށް ވެސް ބަދަލުވާކަން އެ މީހުން ފާހަގަކުރެ އެވެ. އެކަކު ބުނިގޮތުގައި އެންމެންނަށް ވެސް އެ ސައިބޯނި ބޭނުންކުރެވޭނެ ކަން ދައްކައިދޭން އުޅުމުގެ ތެރޭގައި ޑަވް އަށް ގޯހެއް ހެދުނީ އެވެ.
އެކަމަކު މި އިޝްތިހާރާ ގުޅިގެން މާޒީގެ ބައެއް މައްސަލަތައް ވެސް ވަނީ އަލުން ފެންމަތިވެފަ އެވެ. ޑަވް އިން 2011 ވަނަ އަހަރު ކުރި އިޝްތިހާރެއްގައި "އެހާރާއި މިހާރު" ދެއްކުމަށް ތިން ކުލައެއްގެ ތިން އަންހެނުންގެ ފޮޓޯ އަތުރާފައި ހުރި އިރު، ބޭނުންވާ ނަތީޖާ ނުވަތަ "މިހާރު"ގެ ގޮތުގައި ފެންނަން ހުރީ ދޮން މީހެކެވެ.
އަދި 2015ގައި ޑަވް އިން ނެރުނު ކްރީމެއްގައި "ފޯ ނޯމަލް ޓު ޑާކް ސްކިން" ޖަހާފައި އޮވެގެން ވެސް އެ ބްރޭންޑް ހޫނު ފެނަށް ވެއްޓުނެވެ.
ޑަވް އިން ފަހުން ނެރުނު ބަޔާނެއްގައި އަނެއްކާވެސް މައާފަށް އެދި، ބުނެފައި ވަނީ ހަގީގީ ރީތިކަމަކީ ހުރިހާ އެންމެންނަށް ވެސް ލިބިގެންވާ ކަމެއްކަން އެ އިޝްތިހާރުގައި ދައްކައިދީފައި ނުވާ ކަމަށާއި އެއީ ޑަވް އިން ވަރަށް ބޮޑަށް ގަބޫލުކުރާ އަދި ސަމާލުކަން ދޭ ކަމަކަށް ވާއިރު މިފަދަ ކަމެއް ހިނގައިގެން ނުވާނެކަން ގަބޫލުކުރާ ކަމަށެވެ.