ނޯތު ކޮރެއާއާ ދެކޮޅަށް ދެން ކުރަން އޮތީ އެންމެ ކަމެއް: ޓްރަމްޕް
ނޯތު ކޮރެއާއާ ދެކޮޅަށް ދެން ކުރަން އޮތީ އެންމެ ކަމެއް: ޓްރަމްޕް

ވޮޝިންޓަން (އޮކްޓޯބަރު 8) - ނޯތު ކޮރެއާ މައްސަލަ ހައްލު ކުރަން ޑިޕްލޮމެޓިކް ގޮތުން ކުރަން އުޅުނު ހުރިހާ މަސައްކަތެއް ފެއިލް ވެއްޖެ ކަމަށާއި ދެން ކުރަން އޮތީ އެންމެ ކަމެއް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

"އެމެރިކާގެ އެކި ސަރުކާރުތަކުން ނޯތު ކޮރެއާއާ ވާހަކަ ދައްކާތާ 25 އަހަރު ވެއްޖެ. އެއްބަސްވުންތައް ހަދައިފި. ބޮޑު އަދަދުތަކުން ފައިސާގެ އެހީދީފި. އެކަމަކު އެއްބަސްވުމުގައިވާ ސޮއިގެ ދެލި ނުހިކެނީސް ނޯތު ކޮރެއާ އިން ވަނީ އެއްބަސްވުމާ ޚިލާފުވެފައި. ދެން ކުރަން އޮތީ އެންމެ ކަމެއް،" ޓްރަމްޕް ކުރެއްވި ޓްވީޓުގައި ވިދާޅުވި އެވެ.

ޓްރަމްޕް އެހެން ވިދާޅުވި ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.

ނޯތު ކޮރެއާ އާއި އެމެރިކާއާ ދެމެދު ވޭތުވެދިޔަ ދުވަސްތަކުގައި ބަހުގެ ހަމަލާތައް ވަނީ ވަރަށް ހޫނުވެފަ އެވެ. ނޯތު ކޮރެއާ އިން ކުރަމުންދާ މިސައިލް ޓެސްޓްތަކާ ގުޅިގެން އަސްކަރީ ހަމަލާއެއް ދިނުމަކީ ނެތް ކަމެއް ނޫން ކަމަށް އެމެރިކާ އިން ވަނީ ބުނެފަ އެވެ. އަދި ނޯތު ކޮރެއާގެ މިސައިލް ޓެސްޓްތަކާ ގުޅިގެން އދ. އިން ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް ނޯތު ކޮރެއާ އިން ބޯ ލަނބައިފައެއް ނުވެ އެވެ.