08 އޮކްޓޯބަރ 2017 - 16:52

ރިޔާޒް (އޮކްޓޯބަރު 8) - ޔަމަނަށް ހަމަލާދޭ ސައުދީ ކޯލީޝަން އދ. އިން ބްލެކްލިސްޓް ކުރި ކުރުމާ ރިޔާޒުން ދެކޮޅު ހަދައިފި އެވެ.
އދ.ގެ ރިޕޯޓުގައި ބުނެފައި ވަނީ ސައުދީ ކޯލީޝަނުގެ ހަމަލާތަކުގައި މިިދޔަ އަހަރު އެތައް ކުޑަ ކުދިންނެއް މަރުވެފައިވާ ކަމަށެވެ. އދ.ގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު ވަނީ ކޯލީޝަނުގެ ހަމަލާތަކުގައި 683 ކުޑަ ކުދިން މަރުވެފަ އެވެ. އަދި މިދިޔަ އަހަރުގެ ތެރޭގައި ކޯލީޝަނުން 30 ސްކޫލަކާއި ހޮސްޕިޓަލަކަށް ހަމަލާދީފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ރިޕޯޓާ ގުޅިގެން، އދ. އަށް ކަނޑައަޅާފައި ހުންނަ ސައުދީ ސަފީރު އަބްދުﷲ އަލް މުއައްލިމް ވިދާޅުވީ އޭގައި ވަނީ ސައްހަ ނޫން މައުލޫމާތު ކަމަށެވެ. އޭނާ ވިދާޅުވީ ޔަމަނަށް ވައިގެ ހަމަލާ ދެނީ އާއްމުންނަށް ލިބޭނެ ގެއްލުން އެންމެ ކުޑަވާނެ ގޮތަށް ބަލައިގެން ކަމަށެވެ.
ޔަމަނުގެ ހޫތީންނާ ދެކޮޅަށް ހަމަލާ ދޭން ސައުދީ ކޯލީޝަން އުފެއްދީ މާޗު 2015 ގަ އެވެ. ޔަމަނުގެ ހަމަނުޖެހުންތަކުގައި ވަނީ 10،000 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ސައުދީ ސަފީރު ވިދާޅުވެފައި ވަނީ ޔަމަނަށް ދޭ ވައިގެ ހަމަލާތަކުގެ ޒިންމާ އުފުލަން ޖެހޭނީ ހޫތީން ކަމަށެވެ.