08 އޮކްޓޯބަރ 2017 - 16:34

މޮސްކޯ (އޮކްޓޯބަރު 8) - ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންގެ 65 ވަނަ އުފަން ދުވަހާ ދިމާކޮށް އިދިކޮޅު ލީޑަރު އެލްކްސީ ނަވަލްނީ އަށް ތާއީދު ކުރާ މީހުން އެ ގައުމުގެ 80 އަށް ވުރެ ގިނަ ސިޓީގައި މުޒާހަރާކޮށްފި އެވެ.

މުޒާހަރާ އަށް ނުކުތް މީހުން ވަނީ އިދިކޮޅު ލީޑަރު ނަވަލްނީ އަށް އަންނަ އަހަރުގެ އިންތިޚާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށް ބުނެފަ އެވެ. އާއްމު އެއްވުންތައް ބޭއްވުމުގެ ގާނޫނާ ޚިލާފުވެގެން ނަވަލްނީ މިހާރު ހުންނެވީ 20 ދުވަހުގެ ޖަލު ބަންދެއްގަ އެވެ. މިއީ ނަވަލްނީ މި އަހަރު ޖަލަށްލީ ތިން ވަނަ ފަހަރެވެ.
ރަޝިޔާގެ އިލެކްޓޯރަލް އޮތޯރިޓީން ބުނެފައި ވަނީ ނަވަލްނީގެ މައްޗަށް އިއްވާފައިވާ އެހެން ހުކުމްތަކެއްގެ ސަބަބުން އަންނަ އަހަރުގެ މާޗު މަހު އޮންނަ އިންތިޚާބުގައި އޭނާ އަށް ވާދަ ނުކުރޭނެ ކަމަށެވެ. އެކަމަކު ނަވަލްނީ ވަނީ ރަޝިޔާގެ އެކި ހިސާބުތަކަށް ދަތުރުކޮށް އޭނާގެ ސަޕޯޓް ބޮޮޑުކޮށްފަ އެވެ.
ޕުޓިންގެ 65 ވަނަ އުފަން ދުވަހާ ދިމާކޮށް ބޭއްވި މުޒާހަރާތަކުން ވަނީ 250 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފަ އެވެ.