08 އޮކްޓޯބަރ 2017 - 14:25

ލަންޑަން (އޮކްޓޯބަރު 8) - ސްޕެއިނުން ވަކިވެ ކެޓަލޯނިއާގައި ވަކި ދައުލަތަކަށް ގާއިމްކުރުމުން ކެޓަލޯނިއާ އަށް ނިސްބަތްވާ ބާސެލޯނާ އިނގިރޭސި ޕްރިމިއާ ލީގަށް ގެންނަ ހިޔާލާ ދެކޮޅަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ވާހަކަ ދައްކައިފި އެވެ.
ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި ކެޓަލޯނިއާ ވަކި ދައުލަތަކަށްވާ ހިސާބުން ބާސެލޯނާގެ ބޯޑުން ނިންމާފައިވަނީ ސްޕެނިޝް ލީގުން ވަކިވުމަށެވެ. އަދި ޔޫރަޕްގެ އެހެން މަތީ ލީގެއްގައި ވާދަކުރުމަށެވެ. މީޑިއާގައި އެންމެ ބޮޑަށް އަޑުފެތުރިފައިވަނީ އިނގިރޭސި ޕްރިމިއާ ލީގަށް ބާސެލޯނާ ބަދަލުވާނެ ކަމަށް ބުނާ ރިޕޯޓްތަކެވެ.
ކެޓަލޯނިއާގެ ސްޕޯޓްސް މިނިސްޓަރު ދާދި ފަހުން ވަނީ މޮނާކޯ ފްރާންސް ލީގުގައި ކުޅޭ ގޮތަށް ވެލްސް ކްލަބްތައް އިނގިރޭސި ލީގުތަކުގައި ވާދަކުރާ ގޮތަށް ބާސެލޯނާ އަށް ވެސް ބޭނުން ލީގެއްގައި ވާދަކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ކަމަށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ވެސް ދެކޮޅު ނުހަދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕްރިމިއާ ލީގުގައި މި ވަގުތު ހުރި އެ ކްލަބެއްގައި އެންމެ ގިނަ ދުވަސްވީ ކޯޗު ވެންގާ ބުނީ ބާސެލޯނާ ޕްރިމިއާ ލީގުގައި ކުޅުމަކީ އެންމެ ރަނގަޅު ގޮތަށް ނުވާނެ ކަމަށެވެ.
"އަހަންނަށް ނޭނގެ. ގްރޭޓް ބްރިޓިއަން ގައުމެއް ސްކޮޓްލެންޑަކީ. އެކަމަކު އެ ގައުމުގެ ރޭންޖާސް އާއި ސެލްޓިކަށް ޕްރިމިއާ ލީގުން ދައުވަތު ނުދީ ބާސެލޯނާ ގެންނަން ޖެހޭ ސަބަބެއް. ސިޔާސީ ގޮތުން ވިސްނާއިރު ބާސެލޯނާ ޕްރިމިއާ ލީގަށް ގެނެސްފިނަމަ އޭރަށް ވިސްނޭނީ ކެޓަލޫނިއާ އާއި ސްޕެއިން ތެރެއިން އިންގްލެންޑުން އިހުތިޔާރުކުރީ ކެޓަލޫނިއާ ކަމަށް،" ބެއިންސްޕޯޓްސް އަށް ދިން އިންޓަވިއުއެއްގައި ވެންގާ ބުންޏެވެ.
ވެންގާ ބުނީ އިންސާފަށް ވާހަކަ ދައްކާނަމަ ސިޔާސީ ކަންތައްތަކުގެ ތެރޭގައި ކުޅިވަރުގެ ކަންތައްތައް ހިމެނުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"އަހަރެން ދެކޭ ގޮތުގައި އަދި އިންސާފުވެރި ގޮތަކަށް ބަލާނަމަ ކެޓަލޯނިއާ އާއި ސްޕެއިން ވަކިވިޔަސް ބާސެލޯނާ އަށް ސްޕެނިޝް ލީގުގައި ވާދަކުރެވެން ޖެހޭނެ. އެއީ ސިޔާސީ ކަންތައްތަކުގެ ގޯސް އަސަރު ކުޅިވަރަށް ކޮށްގެނެއް ނުވާނެ،" ވެންގާ ބުންޏެވެ.
އިނގިރޭސި އެފްއޭގެ ގަވައިދު މިހާރު އޮތް ގޮތުން އެހެން ގައުމެއްގެ ކްލަބެއް ގެންނަ ނަމަ އެ ޓީމަކަށް ޕްރިމިއާ ލީގުން ސީދާ ޖާގައެއް ނުލިބޭނެ އެވެ. އެ ޓީމެއް ޖެހޭނީ އިނގިރޭސި ދެ ވަނަ ޑިވިޝަން ކޮކާކޯލާ ޗެމްޕިއަންޝިޕްގައި ވާދަކޮށް ޕްރިމިއާ ލީގަށް ޕްރޮމޯޓް ވާށެވެ. އެހެން ނަމަވެސް ހާއްސަ ހާލަތެއްގައި ކޮންމެ ސީޒަނެއް ނިމުމަށް ފަހު އޮންނަ ކްލަބްތަކުގެ ބައްދަލުވުމުގައި މި ގަވައިދަށް ބަދަލު ގެނައުމުގެ އިހުތިޔާރު ކްލަބްތަކަށް ލިބިގެންވެ އެވެ. އެކަން ކުރާނީ އިނގިރޭސި އެފްއޭގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ކްލަބެއްގެ މެދުގައި ނެގޭ ވޯޓަކުންނެވެ.