08 އޮކްޓޯބަރ 2017 - 16:17

ކޯޕެންހޭގަން (އޮކްޓޯބަރު 8) - ޑެންމާކުގެ ސަބްމެރިންއެއްގައި ދަތުރަކު ދިޔަ ފަހުން ސްވިޑަންގެ ނޫސްވެރިޔާ ކިމް ވޯލް ގެއްލުނުތާ ދެ މަސް ދުވަސް ފަހުން އޭނާގެ ބޯ ފެނިއްޖެ އެވެ.
ކިމްގެ ބޮލާއި ފައި އަދި އޭނާގެ ހެދުން ޑައިވަރުން ހޯދާފައި ވަނީ ކޮތަޅަކަށް ލާފައި އޮއްވާ ކޯޕެންހޭގަންގެ ދެނުން އޮންނަ ކޯޖް ބޭ އިން ކަމަށް ސިޓީ ޕޮލިސް އިންސްޕެކްޓާ ޖެންސް މޮލާ ޖެންސަން ވިދާޅުވި އެވެ. ހަށިގަނޑުގެ ބައިތައް ފެނިފައި މިވަނީ މީގެ 11 ދުވަސްކުރިން އޭނާގެ މައި ހަށިގަނޑު ފެނުނު ސަރަހައްދާ މާ ދުރު ނޫން ހިސާބަކުންނެވެ. ކިމް ވޯލް ސަބްމެރިން އަށް އަރާފައި ވަނީ އޮގަސްޓް 10 ވަނަ ދުވަހު އެވެ.
ކިމް މަރާ ގުޅިގެން އެންމެ ބޮޑަށް ތުހުމަތުކޮށްފައި ވަނީ އެއަރޯސްޕޭސް އިންޖިނޭރު އަދި ސަބްމެރިން އުފައްދާ ޕީޓަ މެޑްސަން، 46، އަށެވެ. ކިމް ސަބްމެރިންގައި ދަތުރުކުރީ މެޑްސަންއާ އެކު އެވެ. މެޑްސަން ވަނީ އޮގަސްޓް 11 ވަނަ ދުވަހު ހައްޔަރުކޮށްފަ އެވެ. މެޑްސަން ބުނެފައި ވަނީ ކިމް މަރުވެފައި ވަނީ ސަބްމެރިންގެ 79 ކިލޯގެ ދޮރު އޭނާގެ ބޯ މައްޗަށް ވެއްޓިގެން ކަމަށެވެ. އަދި ކިމް މަރުވުމުން އޭނާގެ ހަށިގަނޑު މޫދަށް އެއްލާލީ ކަމަށް މެޑްސަން ބުންޏެވެ. އެކަމަކު ފުލުހުން ބުނީ ކިމްގެ ބޯ ވަކިކޮށްލާފައި އޮތުމުން މެޑްސަން ދައްކާ ވާހަކަ ގަބޫލް ކުރަން ދަތި ކަމަށެވެ. އޮޓޮޕްސީ ދައްކާ ގޮތުން ކިމްގެ ބޮލުގެ ނާށިގަނޑަށް އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.
ޕްރޮސެކިއުޓަރުން ލަފާ ކުރަނީ ކިމް،30، މަރާލުމުގެ ފަހަތުގައި ޖިންސީ ކޮންމެވެސް ކަމެއް އޮންނާނެ ކަމަށެވެ. އަދި މެޑްސަންގެ ވޯކްޝޮޕުން ބަރަހަނާ ފިލްމުތަކެއް ފެނިފައިވާ ކަމަށް ޕްރޮސެކިއުޓަރަކު ވަނީ ބުނެފަ އެވެ. މެޑްސަން ބުނެފައި ވަނީ ކޮމްޕިއުޓަރުގެ ހާޑް ޑިސްކަކީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެއީ ވަރަށް ގިނަ ބަޔަކު ބޭނުން ކުރާ ކޮމްޕިއުޓަރެއް ކަމަށެވެ.
ފުލުހުން ބުނީ ކިމްގެ ހަށިގަނޑުގެ ބައިތައް ކޮތަޅަށް ލުމަށް ފަހު އެ ކޮތަޅު މޫދު އަޑީގައި އޮންނާނެ ގޮތަށް އެއަށް ވަނީ ދަގަނޑު އަޅައިފައި ކަމަށެވެ.