ގަވާއިދު ނެތީސް ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދެވިގެން ނުވާނެ: ވަކީލް
ގަވާއިދު ނެތީސް ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދެވިގެން ނުވާނެ: ވަކީލް

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް، ޖިނާއީ އިޖްރާއާތުގެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް ނުހެދޭތީ ކުރިއަށް ނުގެންދެވޭނެ ކަމަށް ފާރިސްގެ ވަކީލުން ކްރިމިނަލް ކޯޓުގައި މިއަދު ބުނެފި އެވެ.

ގަވާއިދު ނެތީސް ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދެވިގެން ނުވާނެ: ވަކީލް
ގަވާއިދު ނެތީސް ފާރިސްގެ ޝަރީއަތް ކުރިއަށް ގެންދެވިގެން ނުވާނެ: ވަކީލް

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ މިއަދު އަޑުއެހުމުގައި ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަނީ އެ ޝަރީއަތުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފައްދަވައިފަ އެވެ. ވަކީލް ވިދާޅުވީ ޖިނާއީ އިޖްރާއާތުގެ ގާނޫނު ބުނާގޮތުން އެ ގާނޫނުގެ ދަށުން ޝަރީއަތް ކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދުތައް އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސް ތެރޭގައި ހަދައި ނިންމަން ޖެހޭނެ ކަމަށެވެ. އެ މުއްދަތު މިމަހުގެ ދެވަނަ ދުވަހު ވަނީ ހަމަވެފަ އެވެ.

ގަވާއިދު ނެތީސް ޝަރީއަތް ކުރިއަށް ގެންދާ މައްސަލަ ކުރިން ވެސް ފާރިސްގެ ފަރާތުން ފާހަގަކުރި ކަން ފާހަގަކުރައްވައި، މައްސަލަ ބައްލަވާ ގާޒީ އިބްރާހިމް އަލީ ވިދާޅުވީ އޭރު ޝަރީއަތް ކުރިއަށް ގެންދެވީ ގަވާއިދެއް ނެތިގެން ޝަރީއަތް ހުއްޓާލައިފި ނަމަ ގިނަ ބައެއްގެ ހައްގުތައް ގެއްލިގެން ހިނގައިދާނެތީ ކަމަށެވެ. އެކަމަކު އަނެއްކާވެސް ވަކީލް މައުމޫން އެ މައްސަލަ ފާހަގަ ކުރެއްވުމުން އެކަމުގައި ސުޕްރީމް ކޯޓުގެ ލަފައަކަށް މިއަދު އެދޭނެ ކަމަށާއި އެކަމުގައި އަމަލުކުރާނީ ސުޕްރީމް ކޯޓުން ދޭ ލަފައަކަށް ބިނާކޮށް ކަމަށް ގާޒީ އިބްރާހިމް ވިދާޅުވި އެވެ.

އެ މައްސަލަ މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަންގައިފި ނަމަ އެގޮތަކަށް އަމަލު ކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުމަކީ ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށައި، ދައުވާ އިއްވުމާ އެކު ފާރިސްގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެއް ކަމަށްވިޔަސް ދިފާއުވާން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށާއި ސަބަބަކީ ޣައިރު ގާނޫނީ ބަންދެއްގައި ފާރިސް ހުންނެވުން ކަމަށް މައުމޫން ވިދާޅުވި އެވެ.

ފާރިސްގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހާޒިރުވެ ވަޑައިގެން އިންނެވި އެ ޝަރީއަތުގައި ވަކީލް މައުމޫން ވިދާޅުވީ ރިޝްވަތުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް، ބަންދުކުރި ފަހުން 80 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު ފާރިސްއާ ބައްދަލު ކުރުމުގެ ފުރުސަތު ވަކީލުންނަށް ލިބުނީ އެންމެ ހަތް ފަހަރު ކަމަށެވެ. ފާރިސްގެ އިތުރު މައްސަލަތަކެއް ވެސް ކޯޓުގައި އެބަހުރި ކަމަށާއި އެ ހުރިހާ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދައްކަން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެ މައްސަލަ އެގޮތަށް ދިމާވަނީ ފާރިސް ބަންދުގައި ހުންނެވުމުން ކަމަށާއި އެހެންވެ ފާރިސް ވަގުތުން ބަންދުން ދޫކުރަން އަމުރުކޮށްދޭން ތަކުރާރުކޮށް މައުމޫން އެދިވަޑައިގަތެވެ. އަދި މިހާރުވެސް ފާރިސް ބަންދުގައި ހުންނެވީ ހައި ކޯޓުގެ ހުކުމަކާ ޚިލާފަށް ކަމަށް ވިދާޅުވެ، މަތީ ކޯޓުގެ ނިންމުންތަކަށް ދަށު ކޯޓުތަކުން ތާއީދު ކުރަން ޖެހޭނެ ކަމަށް މައުމޫން ވިދާޅުވި އެވެ.

އެކަމަކު ގާޒީ ވިދާޅުވީ ފާރިސް ބަންދުގައި ހުންނެވީ އެހެން މައްސަލައަކާ ގުޅިގެން ކަމަށްވާތީ މި މައްސަލާގެ ތެރޭގައި އެކަމާ މެދު ގޮތެއް ނުނިންމޭނެ ކަމަށެވެ. އަދި ފާރިސް ދޫކުރަން މަތީ ކޯޓުގެ އެއްވެސް ނިންމުމެއް އަދި އައިސްފައި ނެތް ކަމަށާއި އެފަދަ އެންގުމެއް އައިސްފި ނަމަ އެއަށް އަމަލު ކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ފާރިސްއާ ދެކޮޅަށް އެ މައްސަލާގައި ހުށަހަޅާފައިވާ ވީޑިއޯ ސީޑީ ބެލުމުގެ ފުރުސަތު ނުލިބޭ ކަމަށް ވަކީލް މައުމޫން ވިދާޅުވުމުން ދައުލަތުން ވެސް ވަނީ އެ އިންތިޒާމް ހަމަޖެހިފައި ނުވާތީ ފާރިސްއަށް އެ ވީޑިއޯ ބެލުމުގެ ފުރުސަތު ނުދެވޭ ކަމަށް އެއްބަސްވެފަ އެވެ.

މިއަދުގެ އަޑުއެހުމަކީ ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެއް ކަމަށްވިޔަސް ދިފާއު ތައްޔާރުކުރަން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ފާރިސްގެ ވަކީލުން ވިދާޅުވުމުން ގާޒީ ވަނީ ޖަވާބުދާރީވުމަށް އިތުރު ފުރުސަތެއް ދެއްވައިފަ އެވެ. ދެން އޮންނަ އަޑުއެހުން މިމަހުގެ 22 ވަނަ ދުވަހު ބާއްވާނެ ކަމަށާއި އެކަމަކު މަތީ ކޯޓުގެ އެންގުމެއް އައިސްފި ނަމަ އަޑުއެހުން އެއަށް ވުރެ ލަސްވެދާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގެ އިތުރުން މެމްބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނެ ފާރިސަށް ކުރާ ދައުވާގެ ޝަރީއަތް މިހާރު ކޯޓުގައި ދަނީ ހިނގަމުންނެވެ. އެ މައްސަލަ އޮތީ އިބްތިދާއީ މަރުހަލާގަ އެވެ.