09 އޮކްޓޯބަރ 2017 - 06:26

ސައިފް އަލީ ޚާން ބަތަލުގެ ބައި ކުޅެފައިވާ "ޝެފް" މިދިޔަ ހުކުރު ދުވަހު ރިލީޒްކުރުމުން ފުރަަތަމަ ދުވަހު އެ ފިލްމަށް ލިބިފައި ވަނީ އެންމެ 10 މިލިއަން ރުޕީސް އެވެ. މިއީ ފިލްމު އުފެއްދި މީހުންނާއި ޑިސްޓްރިބިއުޓަރުން ވެސް ވަރަށް މާޔޫސްވާ ވަރުގެ އަދަދެކެވެ.
މި ފިލްމު ބަލަން ވަންނާނެ މީހުން ނުވަނީ ވަރުން ދަވަންގެ "ޖުޅްވާ 2" ބަލަން އަދިވެސް ޝައުގުވެރިވާ މީހުން ގިނަވެފައި "ޝެފް" އާ އެކު އިތުރު ދެ ފިލްމެއް ވެސް ރިލީޒްކޮށްފައި ވާތީ ކަމަށް ބެލެވެ އެވެ.
"ޖުޅްވާ 2" މިހާރު 100 ކްރޯޑު (10 ބިލިއަން ރުޕީސް) އަށް ވުރެ ގިނައިން ހޯދާފައި ވާއިރު ހަފުތާ ބަންދުގައި ވެސް "ޝެފް" ބަލަން ގިނަ ބަޔަކު ނުވަންނަ ސަބަބަށް "ޖުޅްވާ 2" ވާނެކަމަށް ބެލެވެ އެވެ.
ޓްރޭޑް އެނަލިސްޓް ގިރިޝް ޖޯހަރް ބުނި ގޮތުގައި "ޝެފް"ގެ ކޮންޓެންޓް ރަނގަޅު ނޫން ނަމަ "ޖުޅްވާ 2" ފަހަތަށް ޖައްސައެއް ނުލެވޭނެ އެވެ.
އިންޑިއަން އެކްސްޕްރެސްގެ ފިލްމް ކްރިޓިކް ޝުބްރާ ގުޕްތާ ބުނި ގޮތުގައި "ޝެފް"ގެ ރިވިއުތައް ހުރީ ވަރަށް މަސްހުނިކޮށެވެ. އޭނާ ދެކޭ ގޮތުގައި ފިލްމަކީ ބަލާލަން ވަރަށް ރަނގަޅު ފިލްމެކެވެ. އަދި ފިލްމުގައި އުޅެނީ ވެސް ވަރަށް ކުޅަދާނަ އެކްޓަރުންނެވެ. މި ފިލްމުގައި ސައިފް ކުޅެނީ މީހަކާ އިނދެ ވަރިވެފައިވާ އަދި ކުޑަ ފިރިހެން ދަރިއަކު ބެލުމާ ހަވާލުވެގެން އުޅޭ ބައްޕައެއްގެ ރޯލުކަމަށާއި މި ރޯލު ސައިފްއާ ހަގީގަތުގައި ވެސް ވަރަށް ގުޅޭ ކަމަށް ޝުބްރާ ބުނެފައިވެ އެވެ. އަދި ފިލްމުގެ ބަތަލާ ޖަނަކީރާމަން އަށް ވެސް ޝުބްރާ ވަރަށް ތައުރީފު ކުރި އެވެ.
"ޝެފް"ގެ ކުރިން ރިލީޒްވެފައިވާ ސައިފްގެ ގިނަ ފިލްމުތަކެއް ވެސް ވަނީ ކާމިޔާބު ވާގޮތް ނުވެފަ އެވެ. އެގޮތުން އެންމެ ފަހުން ރިލީޒްކުރި "ރަންގޫން" ވެސް ވި ފްލޮޕެވެ. "ޝެފް"ގެ މިހާރުގެ ވިޔަފާރިއަށް ބަލާ ނަމަ ފިލްމު ފްލޮޕްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެ އެވެ.