08 އޮކްޓޯބަރ 2017 - 12:02

ބީނޯސް އޭރީޒް، އާޖެންޓީނާ (އޮކްޓޯބަރު 8) – ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތް އާޖެންޓީނާ ނެތި ފުރިހަމަ ނުވާނެ ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ސަމްޕައޮލީ ބުނެފި އެވެ.
ދެކުނު އެމެރިކާ ބައްރުގެ ކޮލިފައިންގައި 10 ޓީމު ވާދަކުރާއިރު ވޯލްޑް ކަޕަށް ސީދާ ކޮލިފައިވާނީ ގަދަ ހަތަރު ޓީމެވެ. ފަސް ވަނަ ޓީމަށް ޖެހޭނީ އިންޓަ ކޮންފެޑެރޭޝަން ޕްލޭއޮފުގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅޭށެވެ. އާޖެންޓީނާ މިވަގުތު އޮތީ ހަ ވަނައިގަ އެވެ. ކޮންމެ ޓީމަކަށް ބާކީ އޮތީ އެންމެ މެޗެކެވެ.
އެއް ވަނައިގައި 38 ޕޮއިންޓާ އެކު އޮތް ބްރެޒިލް މުބާރާތަށް ކޮލިފައިވެފައިވާއިރު ދެ ވަނައިގައި 28 ޕޮއިންޓާ އެކު އޮތް އުރުގުއޭ އަށް ވަނީ ދަށްގެން ޕްލޭއޮފުން ފުރުސަތު ލިބޭނެކަން ކަށަވަރުވެފަ އެވެ. ތިން ވަނައިގައި އޮތް ޗިލީ އާއި ހަތަރު ވަނައިގައި އޮތް ކޮލަމްބިއާ އަށް 26 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން ކުރި ލިބެނީ ޗިލީ އަށެވެ. ޕެރޫ އާއި އާޖެންޓީނާ އަށް 25 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން ފަސް ވަނަ ލިބެނީ ޕެރޫ އަށެވެ.
ފަހު މެޗުގައި އާޖެންޓީނާ ކުޅެން ޖެހެނީ އަންނަ އަންގާރަ ދުވަހުގެރޭ ރަށުން ބޭރުގައި ކޮލިފައިންގެ އަށް ވަނައިގައި އޮތް އެކުއެޑޯއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ނޫނީ އާޖެންޓީނާ ވޯލްޑް ކަޕްގެ ސީދާ ޖާގައެއް ލިބެން ނެތެވެ. އެއްވަރުވެއްޖެނަމަ ޖެހޭނީ އެހެން މެޗުތަކުގެ ނަތީޖާ ނުކުންނަ ގޮތަކަށް އިންތިޒާރު ކުރާށެވެ. ބަލިވެއްޖެނަމަ ވޯލްޑް ކަޕްގެ ޖާގަ ނުލިބޭނެ އެވެ.
ވޯލްޑް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ އާޖެންޓީނާ ނެތި ވޯލްޑް ކަޕް އެންމެ ފަހުން ކުޅެފައިވަނީ 1970 ވަނަ އަހަރު އެވެ. އާޖެންޓީނާގެ ކޯޗު ސަމްޕައޮލީ ބުނީ އަންނަ އަހަރު ރަޝިއާގައި އޮންނަ މުބާރާތަށް އެ ޓީމު ކޮލިފައިވާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ.
"ޕެރޫއާ ދެކޮޅަށް އަހަރެމެން ކުޅުނު ކުޅުން ތަކުރާރު ކޮށްފިނަމަ އަހަރެމެންނަށް ވޯލްޑް ކަޕްގެ ޖާގައެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް. ހަގީގަތަކީ އާޖެންޓީނާގެ ނެތި ވޯލްޑް ކަޕް ފުރިހަމައެއް ނުވާނެ. މި ޓީމުގައި މި ތިބި ކުޅުންތެރިންނަކީ ވޯލްޑް ކަޕްގައި ފެންނަން ޖެހޭ ފެންވަރުގެ ތަރިން،" ކުރިން ޗިލީ އަށް ކޯޗު ކޮށްދިން ސަމްޕައޮލީ ބުންޏެވެ.
ސަމްޕައޮލީ ޓީމުގެ ފުރަތަމަ އެގާރަ ނަގާ ގޮތަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ. އެގޮތުން ޔުވެންޓަސްގެ މިޑްފީލްޑަރު ޕައޮލޯ ޑީބަލާ އާއި ބާސެލޯނާގެ ތަރި ލިއޮނަލް މެސީ އަށް އެކުގައި ޓީމަށް ކުޅުމުގެ ފުރުސަތު ދިނުމަކީ އުނދަގޫ ކަމެއް ކަމަށް ސަމްޕައޮލީ ވަނީ މީގެ ކުރިން ބުނެފަ އެވެ.
"އަހަރެންގެ ނަޒަރުގައި އެއް ސްޓައިލަކަށް ކުޅޭ ދެ ކުޅުންތެރިން ލައިގެން ކުޅުމަކީ ފަސޭހަ ވާނެ ކަމެއް ނޫން. މެސީ އާއި ޑީބަލާ އަކީ އެއް ސްޓައިލެއްގެ ދެ ކުޅުންތެރިން. މި ދެ ކުޅުންތެރިން އެކުގައި ކުޅުވަން ދަތިތަކެއް އެބަހުރި. އެކަމަކު ކިހިނެއް އެނގެނީ ހާލަތު ބަދަލުވާ ގޮތަކުން މޮޅު ހުރިހާ ކުޅުންތެރިންގެ ބޭނުން ކުރަން ޖެހޭ ހާއްސަ ވަގުތު އަންނާނެ،" ސަމްޕައޮލީ ބުންޏެވެ.
އެކުއެޑޯއާ ދެކޮޅަށް ކުޅޭ މެޗުގައި ގިނަ ބަދަލުތަކެއް ޓީމަށް ގެންނާނެ ކަމުގެ އިޝާރާތެއް ސަމްޕައޮލީ ވަނީ ދީފަ އެވެ.