ކުޅިވަރު ކުޅޭތަން ބެލުމުން ބައެއް މީހުންނަށް ގެއްލުން ވެދާނެ
ކުޅިވަރު ކުޅޭތަން ބެލުމުން ބައެއް މީހުންނަށް ގެއްލުން ވެދާނެ

ކުޅިވަރު ކުޅޭތަން ސްޓޭޑިއަމަށް ގޮސްގެން ނުވަތަ ޓީވީން ބެލުމުން ހާޓް ރޭޓް ވަރަށް ބޮޑަށް މަތިވާ ކަމަށާއި މިގޮތަށް ހާޓް ރޭޓް މަތިވުމުން ހިތާއި ސިކުނޑިއާ ގުޅިފައިވާ ނާރުތަކުގެ ނިޒާމަށް ނޭދެވޭ އަސަރުކުރާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ޓީވީން ގޭމް ބެލުމުން ހާޓް ރޭޓް 75 ޕަސެންޓް މައްޗަށް ދާއިރު ސްޓޭޑިއަމަށް ގޮސް ބެލުމުން 110 ޕަސަންޓް މައްޗަށް ދާކަމަށްވެ އެވެ. މިއީ ހަށިގަނޑަށް ލިބޭ އެކި ކަހަލަ ފިޒިކަލް ސްޓްރެސްގެ ސަބަބުން ހާޓް ރޭޓް މައްޗަށް ދިއުމާ އެއްވަރުގެ މިންވަރެކެވެ.

ކުޅިވަރުކުޅޭ ތަން ބަލަން ތިބޭ މީހުންގެ ތެރެއިން އެންމެންގެ ކަހަލަ ގޮތަކަށް ހާޓް ރޭޓް 92 ޕަސެންޓް މަތިވާ ކަމަށް ވެސް ވަނީ ހާމަވެފަ އެވެ.

ބާރަށް ހިތް ތެޅޭ ކަހަލަ ވަރުގަދަ ގޭމެއް ބެލުމަކީ ކާޑިއޯވެސްކިއުލާ މައްސަލަތައް ދިމާވުމުގެ ނުރައްކާ އިތުރުވެދާނެ ކަމަށް، އެމެރިކާގެ ޒުކަބާގް ސެން ފްރެންސިސްކޯ ޖެނެރަލް ހޮސްޕިޓަލުގެ ޑޮކްޓަރު ޑޭވިޑް ޑީ. ވޯޓާޒް ވިދާޅުވި އެވެ.

ބާރަށް ހިތް ތެޅެނީ އެ ކުޅިވަރެއް ކުޅެ ނިމޭ ވަގުތުގައި ނޫން ކަމަށާއި ގޯލް ޖަހަން އުޅޭ ވަގުތުގަޔާއި ބައިކޮޅަށް ނުވަތަ އިދިކޮޅަށް ވެސް ގޯލު ޖެހޭ ވަގުތު ވެސް ހިތުގެ ހިނގުން ވަރަށް ބާރުވެގެންދާ ކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މީގެ ކުރިން ކޮށްފައިވާ މިފަދަ ބައެއް ދިރާސާތަކުގައި ބުނެފައިވަނީ ކުޅިވަރުތައް ބަލާ ވަގުތު ހިތް އާދަޔާޚިލާފަށް ހިނގުމުގެ ސަބަބުން މައްސަލަތައް ދިމާވާ ގިނަ މީހުންނަކީ ކޮރޮނަރީ އާޓްރީ ޑިޒީޒް ކުރިއްސުރެ ހުންނަ މީހުން ކަމަށެވެ.

ސައިންސްވެރިން ބުނީ މިއީ ހިތުގެ މައްސަލަތަކުގައި ޑޮކްޓަރަށް ދައްކަން އަންނަ މީހުންގެ މައުލޫމާތު ސާފުކުރުމުގައި ބަލި މީހުންނަށް ސުވާލު ކުރާއިރު ޑޮކްޓަރުން ސަމާލުވާންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަވާ ކަމަށެވެ.