ޒިމްބާބުވޭގައި ބަޣާވާތެއް ކުރަން އުޅޭ ކަމަށް މުގާބޭގެ އަނބިކަނބަލުން ވިދާޅުވެއްޖެ
ޒިމްބާބުވޭގައި ބަޣާވާތެއް ކުރަން އުޅޭ ކަމަށް މުގާބޭގެ އަނބިކަނބަލުން ވިދާޅުވެއްޖެ

ހަރާރޭ (އޮކްޓޯބަރު 7) - ޒިމްބާބުވޭގައި ބަޣާވާތެއް ކުރަން އުޅޭ ކަމަށް ރައީސް ރޮބަޓް މުގާބޭގެ އަނބިކަނބަލުން ގްރޭސް މުގާބޭ ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވިއިރު 93 އަހަރުގެ މުގާބޭ އަށް ފަހު ގައުމުގެ ވެރިކަމަށް ވަޑައިގަތުމަށް ބޭނުންވާ މީހުންގެ މެދުގައި ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. ޒިމްބާބުވޭގެ ވެރިކަން ހޯދުމުގެ ރޭހުގައި އެންމެ ވާދަވެރިކަން ބޮޑީ ގްރޭސް މުގާބޭ އާއި ނައިބް ރައީސް އެމާސަން ނަންގަގްވާއާ ދެމެދު އެވެ. ގްރޭސް ވިދާޅުވީ އެމާސަން އަށް ތާއީދު ނުކުރާ މީހުންނަށް މަރުގެ އިންޒާރުތައް ދެމުންދާ ކަމަށެވެ. އެމާސަން ވިދާޅުވެފައި ވަނީ އޮގަސްޓް މަހު އޭނާ އަށް ވިހަ ދީފައިވާ ކަމަށެވެ. މުގާބޭއާ އެކު ބޭއްވި ސިޔާސީ އެއްވުމެއްގައި ހުންނަވަނިކޮށް އެމާސަން އޮގަސްޓް މަހު ވެއްޓިވަޑައިގަތުމުން އޭނާ ވަނީ ވަގުތުން ސައުތު އެފްރިކާ އަށް ގެންގޮސް ފަރުވާ ދީފަ އެވެ. އެމާސަންގެ ވަފާތެރިން ތުހުމަތު ކުރަނީ އޭނާ އަށް ވިހައެއް ދީފައިވާ ކަމަށެވެ.

ކޯފާވެފައި ހުންނެވި ގްރޭސް މުގާބޭ ވިދާޅުވީ ޒިމްބާބުވޭގައި ބަޣާވާތެއް ގެންނަން މަސައްކަތް ކުރާ ކަމަށާއި އެކަމަކު ބަޣާވާތުން ވެރިކަމަށް އަންނަ މީހާ އެކަކުވެސް ބަލައިނުގަންނާނެ ކަމަށެވެ. އަދި އެކަމަނާ ވިހައެއް ދޭން އެމާސަންއަކީ އެއީ ކާކުތޯ ގްރޭސް ވަނީ ސުވާލު ކުރައްވައިފަ އެވެ.