07 އޮކްޓޯބަރ 2017 - 19:29

ޖިއްދާ (އޮކްޓޯބަރު 7) - ސައުދީ އަރަބިއާގެ އަލް ސަލާމް ޝާހީ ގަނޑުވަރަށް ދޭން އުޅުނު ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބުކޮށްލާފައިވާ ކަމަށް ބައެއް ރިޕޯޓްތައް ބުނެފި އެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ގަނޑުވަރަށް ދޭން އުޅުނު ހަމަލާގައި ވަނީ ހަމަލާދޭން އުޅުނު މީހުންގެ ތެރޭން މީހަކާއި ދެ ޝާހީ ގާޑުން މަރުވެފަ އެވެ.
ހަމަލާ ދޭން އުޅުނު ގަނޑުވަރު ހުންނަނީ ޖިއްދާގެ ކިންގް އަބްދުލް އަޒީޒް ރޯޑާއި އަންދަލުސް ރޯޑުގަ އެވެ. މި ހަމަލާއާ ގުޅޭ ގޮތުން ސައުދީ ސަރުކާރުން އަދި ރަސްމީ ބަޔާނެއް ނުނެރެ އެވެ.
ގަނޑުވަރަށް ދޭން އުޅުނު ހަމަލާއާ ގުޅިގެން ސައުދީގައި ހުންނަ އެމެރިކާ އެމްބަސީން މިއަދު ވަނީ ޖިއްދާގައި ތިބި އެ ގައުމުގެ ރައްޔިތުން ރައްކާތެރިވެ ތިބުމަށް އިލްތިމާސްކޮށްފަ އެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި އަލް ގައިދާ އާއި އިސްލާމިކް ސްޓޭޓް (އައިއެސް) ފަދަ ޖަމާއަތްތަކުން ވަނީ ސައުދީގައި ހަމަލާތައް ދީފަ އެވެ. ގިނަ ހަމަލާތައް ދީފައި ވަނީ އީސްޓަން ޕްރޮވިންސްގައި ހުންނަ ޝިއައީ މިސްކިތްތަކަށެވެ. މިދިޔަ ޖުލައި މަހު ވަނީ މައްކާގައި ހުންނަ ހަރަމްފުޅަށް ދޭން އުޅުނު ހަމަލާއެއް ސައުދީ ސިފައިން ނާކާމިޔާބު ކޮށްލައިފަ އެވެ. މި ހަމަލާ ދޭން އުޅުނީ އައިއެސް އިން ކަމަށް ސައުދީން ތުހުމަތު ކުރެ އެވެ. އައިއެސްއާ ގުޅެން ސައުދީގެ އެތައް ސަތޭކަ ބަޔަކު ވަނީ ސީރިއާ އަށް ދަތުރުކޮށްފަ އެވެ.