ސްޕޭނުގައި ކެޓަލޯނިއާގެ ވޯޓާ ދެކޮޅަށް އެއްބައިވަންތަކަމުގެ ބޮޑު އެއްވުމެއް
ސްޕޭނުގައި ކެޓަލޯނިއާގެ ވޯޓާ ދެކޮޅަށް އެއްބައިވަންތަކަމުގެ ބޮޑު އެއްވުމެއް

މެޑްރިޑް (އޮކްޓޯބަރު 7) - ކެޓަލޯނިއާގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި މިނިވަންކަމުގެ ވޯޓާ ގުޅިގެން ސްޕޭނުގެ ވެރިރަށް މެޑްރިޑުގައި އެއްބައިވަންތަކަމުގެ ބޮޑު އެއްވުމެއް މިއަދު ބާއްވައިފި އެވެ.

ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރުމާ ދެކޮޅަށް އެންމެ ގިނަ ބަޔަކު އެއްވީ ވެރިރަށް މެޑްރިޑަށެވެ. އަދި ކެޓަލޯނިއާގެ ވެރިރަށް ބާސެލޯނާ އަށް ވެސް ބައެއް މީހުން އެއްވެ ވަނީ ސްޕޭން ސަރުކާރާ އެކު މަޝްވަރާ ކުރުމަށް ގޮވާލައިފަ އެވެ.

ކެޓަލޯނިއާގެ މިިނިވަންކަން އިއުލާން ކުރަން ފެނޭތޯ ބަލަން އާދިއްތަ ދުވަހު ނެގި ވޯޓުގައި ބައިވެރިވި މީހުންގެ 90 ޕަސެންޓް މީހުން ވަނީ އާނ ބަސް ބުނެފަ އެވެ. ޚިޔާލު ހޯދުމުގެ ވޯޓުގައި 2.3 މިލިއަން މީހުން ބައިވެރިވި ކަމަށް ކެޓަލޯނިއާގެ ލީޑަރުން ވިދާޅުވެ އެވެ. މިއީ ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ 43 ޕަސެންޓެވެ.

ކެޓަލޯނިއާގެ ވޯޓު ހުއްޓުވަން ސްޕޭން ފުލުހުން ބާރުގެ ބޭނުން ކުރުމުން ވަނީ 900 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ. އެކަމަށްޓަކައި ސްޕޭން ސަރުކާރުން މިއަދު ވަނީ މައާފަށް އެދިފަ އެވެ. އެކަމަކު ފުލުހުން ބާރުގެ ބޭނުން ކުރަން ޖެހުނީ ކެޓަލޯނިއާގެ ވެރިން ޣައިރު ގާނޫނީ ވޯޓެއް ނަގަން އުޅޭތީ ކަމަށް ސްޕޭން ސަރުކާރުން ބުނެފައިވެ އެވެ.

މިނިވަންކަން އިއުލާން ކުރުމަށް ކެޓަލޯނިއާގެ ޕާލަމެންޓުން ހޯމަ ދުވަހު ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ކުރިން ވަނީ ހަމަޖައްސައިފަ އެވެ. ނަމަވެސް ސްޕޭނުގެ ދުސްތޫރީ ކޯޓުން އެ ބައްދަލުވުން ހުއްޓުވުމުން މިހާރު ވަނީ އެހެން ބައްދަލުވުމެއް އަންގާރަ ދުވަހު ބާއްވާނެކަން އިއުލާންކޮށްފަ އެވެ.