"ޖުޅްވާ 2" ބްލޮކްބަސްޓާ އަކަށް ވެއްޖެ
"ޖުޅްވާ 2" ބްލޮކްބަސްޓާ އަކަށް ވެއްޖެ

ވަރުން ދަވަންގެ "ޖުޅްވާ 2" 98 ކްރޯޑު (9.8 ބިލިއަން ރުޕީސް) ހޯދަން ނެގީ އެންމެ ހަތް ދުވަހެވެ. މިހާރު ލަފާކުރެވޭ ގޮތުން މި ފިލްމު 100 ކްރޯޑު ހޯދައިގެން 100 ކްރޯޑް ކްލަބަށް ވަންނާނެ އެވެ. މި ކްލަބަށް ވަދެވުމަކީ ފިލްމުތައް ކާމިޔާބުވުމުގައި މިހާރު މިނާ އެއް މިންގަނޑެވެ.

އޭނާގެ ވާދަވެރިން ފިލްމެއް ކާމިޔާބުވުމުގެ އުންމީދުގައި ތިބިއިރު ވަރުން މިވަނީ އެތަކެއް ރެކޯޑްތަކެއް މުގުރާލާފަ އެވެ.

"ޖުޅްވާ 2" އާ ވާދަކުރާނެ ތިން ފިލްމެއް މިދިޔަ ހުކުރު ދުވަހު ރިލީޒް ކޮށްފައިވެ އެވެ. ސައިފް އަލީ ޚާންގެ "ޝެފް" އާއި "ވިކްޓޯރިއާ އެންޑް އަބްދުލް" އަދި "ތޫ ހޭ މޭރާ ސަންޑޭ" އެވެ. ނަމަވެސް މިއިން އެއްވެސް ފިލްމަކަށް "ޖުޅްވާ 2"ގެ ހިނގުމަށް ހުރަސް އެޅޭ ގޮތެއް ނުވި އެވެ.

"ބެލުންތެރިންގެ ލޯބި ފިލްމަށް މިހާ މައްޗަށް ލިބުމުން ވަރަށް އުފާވޭ. އެކްޓަރަކަށް ވީތީ އަބަދުވެސް މީހުން މުނިފޫހިފިލުވައިދޭން ބޭނުންވޭ. 'ޖުޅްވާ 2' އިން އަހަރެމެން ބޭނުންވީ ހުރިހާ އުމުރު ފުރައެއްގެ މީހުންނަށް ވެސް ހިތްހަމަޖެހޭ ކަހަލަ ވަގުތުކޮޅެއް ފިލްމު ބަލާ ވަގުތު ހޭދަކުރެވެން. ފިލްމު ބަލާ ވަގުތު އެންމެންނަށް މަޖާކޮށް ހީނލެވޭ ކަހަލަ ފިލްމެއް އުފައްދަން،" ވަރުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

މީގެ ކުރިން ނުކުތް "ޓޮއިލެޓް: އޭކް ޕްރޭމް ކަތާ"، "ޝުބް މަންގަލް ސާވްދާން" އަދި "ބަރީލޭ ކީ ބަރްފީ" ފަދަ ކޮންޓެންޓް މޮޅު ފިލްމުތަކަށް ލިބުނު ކާމިޔާބު ފެނިފައި މަސާލާ ފިލްމުތަކަށް ބެލުންތެރިން ދެން ތަރުހީބު ނުދޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ބުނަމުން ދިޔަ އެވެ. ނަމަވެސް ވަރުން ވަނީ އެ މީހުން ދެއްކި ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ވާހަކަ ތަކެއްކަން ސާބިތު ކޮށްދީފަ އެވެ.

ވަރުން ބުނި ގޮތުގައި އާޓިސްޓެއްގެ ހައިސިއްޔަތުން އޭނާގެ ފިލްމު ކާމިޔާބުވުމުން ވަރަށް އުފާވި އެވެ. ސަބަބަކީ އޭނާގެ ފިލްމެއް ބަލާފައި ބަޔެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސްދެވުނީތީ އެވެ. އެއަށް ވުރެ ވެސް އޭނާ އުފާވަނީ ބައްޕަ އާއެކު މަސައްކަތް ކުރެވުނީމަ އެވެ. އޭނާގެ ބައްޕައަކީ ފާއިތުވީ 30 އަހަރު ތެރޭ ބޮލީވުޑުން ފެނުނު އެންމެ ކާމިޔާބު ޑައިރެކްޓަރަށް ވެދާނެ ކަމަށް ވަރުން ބުންޏެވެ.

ވަރުން ވަނީ އޭނާގެ ކެރިއަރުގެ އެންމެ ކާމިޔާބު ފިލްމަށް "ޖުޅްވާ 2" ހަދައިދިނީތީ ބެލުންތެރިންނަށް ޝުކުރު އަދާކޮށްފަ އެވެ.