ކުޑަކުއްޖެއް ގައިގަ ޖަހައިގެން ލަވަކިޔުންތެރިޔާ ޒުބީން ޖަލަށް
ކުޑަކުއްޖެއް ގައިގަ ޖަހައިގެން ލަވަކިޔުންތެރިޔާ ޒުބީން ޖަލަށް

އިންޑިއާގެ އާސާމަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޒުބީން ގަރްގް ބުރަ މަސައްކަތާ އެކު ތިން މަހަށް ޖަލަށް ލާން ހުކުރު ދުވަހު އިންޑިއާގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

ޒުބީން ޖަލަށް ލާން ހުކުމް ކުރީ މީގެ ތިން އަހަރު ކުރިން އާންމު ތަނެއްގައި ފިރިހެން ކުއްޖެއްގެ ގައިގައި ޖެހިކަން ސާބިތުވެގެންނެވެ.

ޗީފް ޖުޑިޝަލް މެޖިސްޓްރޭޓް ކޯޓުން މިގޮތަށް ހުކުމް ކުރިޔަސް ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުގެ ފުރުސަތު ޒުބީން އަށް އެބައޮތެވެ. އަދި އޭނާގެ ގާނޫނީ ވަކީލު ޖަންމާނީ ނިއޯން ބުނީ އެމީހުން ހައި ކޯޓުގައި ވަރަށް އަވަހަށް މައްސަަލަ އިސްތިއުނާފު ކުރާނެ ކަމަށެވެ.

ޒުބީން ޖެހީ ވަރަށް ސީނިއާ ގާނޫނީ ވަކީލެއްގެ ދަރިއެއްގެ ގައިގަ އެވެ. އެ ވަކީލު ބުނެފައި ވަނީ މި މައްސަލާގައި އޭނާ އެއްވެސް ވަރަކަށް ދޫނުދޭނެ ކަމަށެވެ.

މި ކުއްޖާގެ ބައްޕަ ބުނި ގޮތުގައި ޒުބީން ދަރިފުޅުގެ ގައިގައި ޖަހާފައި އަދި ލޯކަލް ޓީވީއެއްގައި ވާހަކަ ދައްކަމުން ދަރިފުޅުގެ ނަން ވެސް ހާމަ ކޮށްފައިވާ ކަމަށެވެ. ކުޑަކުދިން ހިމާޔަތްކުރުމުގެ ގާނޫނު ބުނާ ގޮތުން ކުއްޖާގެ ނަން އެގޮތަށް ހާމަނުކުރެވޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

ލަވަކިޔުންތެރިއެއްގެ އިތުރުން ޒުބީން އަކީ ވަރަށް ގިނަ ފިލްމުތަކަށް މިއުޒިކް އުފައްދާދީފައިވާ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރެކެވެ. ނަމަވެސް އޭނާ ގިނައިން މިއުޒިކް އުފައްދައި އަދި ލަވަ ކިޔައިދީފައިވަނީ އާސާމްގެ ފިލްމުތަކަށެވެ. އޭނާ މިހާތަނަށް މިއުޒިކް އުފައްދައިދިން ހަމައެކަނި ހިންދީ ފިލްމަކީ މިދިޔަ އަހަރު ނުކުތް "ދިލް ތޯ ދީވާނާ ހޭ" އެވެ.

ވަރަށް ގިނަ ފިލްމުތަކަކަށް ލަވަ ކިޔައިދިނުމުގެ އިތުރުން ބައެއް ފިލްމުތަކުގައި މެހެމާނެއްގެ ރޯލުން އޭނާ ފެނިފައި ވެސް ވެ އެވެ.

ޒުބީން އަކީ އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރުގެ ނެޝަނަލް އެވޯޑު ވެސް 2009 ގައި ހޯދާފައިވާ ފަންނާނެކެވެ.