މަރުވަމުން ދަރިފުޅަށް އުފަން ދުވަހުގެ ހަދިޔާ އާއި ނަސޭހަތް
މަރުވަމުން ދަރިފުޅަށް އުފަން ދުވަހުގެ ހަދިޔާ އާއި ނަސޭހަތް

އުމުރުން 40 އަހަރުގެ އެލީސާ ގިރޯއްޓޯ އަށް އުރަމަތީގެ ކެންސަރު ޖެހިފައިވާކަން އެނގުނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. އެއީ އޭނާގެ ދަރިފުޅު އަނާ އުފަންވި ދުވަސް ވެސް މެ އެވެ.

ކެންސަރު ރަނގަޅު ނުކުރެވޭ ވަރަށް ފެތުރިފައިވާކަމާއި ދަރިފުޅުގެ އުފަން ދުވަހެއް ފާހަގަކޮށްލަން ވެސް ނުހުރެވޭނެކަން އެނގުމުން އެލީސާގެ ހިތް ހަލާކުވި އެވެ. މި ހިތްދަތިކަމާ އެކު މީގެ ހަފުތާއެއް ކުރިން ކެންސަރު ބަލީގައި އޭނާ ވަނީ މަރުވެފަ އެވެ.

ބޭންކް މެނޭޖަރެއްގެ ވަޒީފާ އަދާކުރި އެލީސާ މަރުވުމުގެ ކުރިން އޭނާގެ ދަރިފުޅަށްޓަކައި ވަރަށް ގިނަ ހަނދާންތަކެއް ދޫކުރި އެވެ. ދަރިފުޅުގެ އުމުރުން 17 އަހަރު ފުރެންދެން ކޮންމެ އުފަން ދުވަހަކަށް ޚާއްސަ ހަދިޔާއެއް ވެސް އޭނާ ހޯދާފައިވެ އެވެ.

އިޓަލީގެ އިރުއުތުރުގައި އޮންނަ ސްޕްރެސިއާނޯގައި ދިރިއުޅުނު އެލީސާ ވަނީ އުފަން ދުވަސް ނޫނަސް ޚާއްސަ މުނާސަބަތުތަކަށް ވެސް އޭނާގެ ދަރިފުޅަށް ހަދިޔާތައް ހޯދައި ރައްކާކޮށްފަ އެވެ.

އެލީސާގެ ފިރިމީހާ އެލޭސިއޯ ވިންސެންޒޯޓޯ އިޓަލީގެ ނޫހެއް ކަމަށްވާ ލާ ރިޕަބްލިކާ އަށް ކިޔައިދިން ގޮތުގައި އެމީހުންގެ ދިރިއުޅުން ފެށުމާ އެކު ހިތާމަވެރި ކަންކަމާ ކުރިމަތިވާން ފެށި އެވެ. ދަރިފުޅު ލިބުމުގެ އުފަލާ އެކުއެކުގައި ހެން ކެންސަރުގެ ނުރައްކާތެރި ބަލީގެ ޚަބަރު ލިބުނެވެ. އެހެންވެ އަންހެނުން ދުނިޔޭން ވަކިވުމުގެ ކުރިން ތުއްތު ދަރިފުޅަށްޓަކައި ވަރަށް ގިނަ އެއްޗެހި ވަނީ އެއްކޮށްފަ އެވެ.

"ދަރިފުޅުގެ 13 ވަނަ އުފަން ދުވަހަށް އެލީސާ ވަނީ 'ސީކްރެޓް ޑައިރީ' އަކާއި ރީތި ގަހަނާއެއް ހޯދާފައި. އަދި 18 ވަނަ އުފަން ދުވަހަށް އޭނާގެ މަންމަ ހޯދާފައިވަނީ ގްލޯބް (ދުނިޔެ) އެއް. އޭގައި ޕިން ޖަހާފައި އޭނާ ދާން މަންމަ ބޭނުންވާ ތަންތަން ފާހަގަކޮށްފައި އެބަހުރި،" އެލީސާގެ ފިރިމީހާ ބުންޏެވެ.

މީގެ އިތުރުން ކޮންމެ ހަދިޔާއަކާ އެކު ދަރިފުޅަށް ޚާއްސަކޮށް އެލީސާ ވަނީ މެސެޖްތަކެއް އޭނާގެ އަމިއްލަ އަޑުން ރެކޯޑްކޮށްފަ އެވެ. އަދި ދުނިޔޭގައި އުޅެންވީ ގޮތްތައް ކިޔައިދީ މަންމައެއްގެ ހައިސިއްޔަތުން ދަރިފުޅު ކައިރީގައި ބުނަންވީ ހުރިހާ ވާހަކަތަކެއް ފޮތްތަކެއްގައި ވަނީ ލިޔެފަ އެވެ.

ދަރިފުޅަށް އެލީސާ ގަނެފައިވާ ކޮންމެ ހަދިޔާއަކީ އިންޓަނެޓުން އޭނާ އަމިއްލައަށް ބަލައިގެން އޯޑަރު ކުރި އެއްޗިއްސެވެ.

އެލީސާގެ ފިރިމީހާ ވެސް އޭނާގެ މަތިން ހަނދާން ނުނެތޭތޯ އެލީސާ ވަނީ ވަރަށް މަސައްކަތް ކޮށްފަ އެވެ. އެގޮތުން ފިރިމީހާއަށް ލިޔެފައިވާ ޚާއްސަ ސިޓީތަކެއް އޭނާ ވަނީ ގޭގެ އެތަން މިތަނުގައި ރައްކާކޮށްފަ އެވެ.