08 އޮކްޓޯބަރ 2017 - 06:33

ބައެއް އިންސާނުން، ދަރިންގެ ނިޢުމަތުން މަޙްރޫމުވެއެވެ. ބައެއް މައިން، ދަރިންގެ ލޯބިން މަޙްރޫމުވެއެވެ. ބައެއް ދަރިން، މައިންގެ ލޯބިން މަޙްރޫމުވެއެވެ. އެއީ ދުނިޔޭގެ އުސޫލެވެ. ކިތަންމެ ހިތްދަތިވިޔަސް، ރުޅިއަޔަސް ވެހެވެ. ޝަކުވާ ކުރުމަށް ވުރެ ރަނގަޅުވާނީ އެ ކަމަށް ހޭނުމެވެ. ލިބެން ނެތް އެއްޗެއް ނުލިބޭނެކަމަށް ގަބޫލުކުރުމެވެ. އަހަރެން ހެދީ އެހެންނެވެ. ހިތުގެ ރިހުމެއް ނުފިލައެވެ. ކަރުހިއްކުމެއް ވެސް ނުމެފިލިމެއެވެ. އެކަމަކު، އަހަރެންދެކެ އެންމެ ލޯބިވާންވީ މީހާގެ ލޯތްބެއް އަހަންނަކަށް ނުލިބުނެވެ. އެ މީހަކީ އަހަރެންގެ މަންމައެވެ. އަހަރެންގެ ނަމަކީ ނަޔާޝީންއެވެ. މިއީ އަހަރެންގެ ވާހަކައެވެ.
ކަނޑައެޅިގެން ކިތަންމެ ފަހަރަކު އަހަންނާ ދިމާއަށް މަންމަ އެ ވާހަކަ ބުނެފިއެވެ. ސަބަބެއް ވެސް އެބައޮތެވެ. އަހަރެން ހުންނަ ސިފައެވެ. ސިފަ ހުތުރުވެގެނެއް ނޫނެވެ. ބައްޕަޔާ އަހަރެން ވައްތަރީއެވެ. ބައްޕަދެކެ މަންމަ ވަރަށް ރުޅިއާދެއެވެ. މަންމަގެ ނުރުހުމުގައި ބައްޕަޔާ ކައިވެނި ކުރުވީތީއެވެ. ބޭނުން ނުވެ ހުއްޓައި ވިހަންޖެހުނު ކުއްޖަކަށް އަހަރެން ވީތީއެވެ. އަހަރެން ފެންނަ ކޮންމެ ފަހަރަކު ބައްޕަ މަތިން މަންމަ ހަނދާންވާތީއެވެ. މައިންބަފައިންގެ ކައިވެނި އެންމެ ފަހުން ރޫޅުނީއެވެ. ކިތަންމެ ދުވަހެއް ވިޔަސް މަންމަގެ ރުހުން ނުލިބޭނެކަން ބައްޕައަށް ކަށަވަރުވުމުން، ވަކިވުން ނޫން ގޮތެއް ބައްޕައަށް ނެތުނީއެވެ.
މަންމަ އެހެން ކައިވެންޏެއް ކުރިއެވެ. ދޮންބައްޕައެއް ގެއަށް ގެނައެވެ. އަމިއްލަ ދަރިއެއް ފަދައިން އަހަރެންދެކެ ދޮންބައްޕަ ލޯބިވިއެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. އެ ވަރުން ވެސް މަންމަގެ ލޯތްބެއް އަހަންނަކަށް ނުލިބުނެވެ. އަހަރެންނަށް ތަރުބިއްޔަތު ދިނީ ބޮޑުދައިތައެވެ. މުބާހާ އިނދެގެން އޭނަގެ ގެއަށް އަހަރެން ދިޔައިރު ވެސް، މަންމަގެ ނަފުރަތަކަށް ބަދަލެއް ނައެވެ. އަހަރެންދެކެ މަންމަ ކިހާ ރުޅިއަންނަކަން އަހަރެންނަށް ހަނދާންކޮށްދޭން މަންމަ ހަނދާނެއް ނުނެތެވެ. ކޮންމެވެސް ވާހަކައެއްގެ ތެރެއިން އެހެން ބުނެލައެވެ. އެކަމަކު މުބާހާ ގާތްކަން ބާއްވައެވެ. އަހަންނަށް ލިބުނު ފިރިހެން ދަރިފުޅު ދެކެ ވެސް މަންމަ ވަރަށް ލޯބިވެއެވެ. ކުށްވެރިޔަކީ އަހަންނެވެ. ބައްޕަޔާ ވައްތަރުވުމުގެ ކުށެވެ.
މުބާހު އަދާކުރާ ވަޒީފާގެ ގޮތުން، މާލޭގައި ހުރެވެނީ ވަރަށް މަދު ދުވަހަކުއެވެ. ހުރެވޭ ދުވަސްދުވަހު އޭނަ އުޅޭނީ ގޭގައެވެ. ބޭރަށް ދަންޏާ ދާނީ އަހަރެން ގޮވައިގެންނެވެ. ދަރިފުޅު ބަލަން މީހަކު ގެނެސްފައި ހުރެއެވެ. ގަސް ހައްދާ ހިތުން އަހަރެން އުޅޭތީ ގޭގެ ހާމަ ފެންޑާ އެއްކޮށް އޮންނަނީ އަހަރެން ގަސްހެއްދުމަށް ހުސްކޮށްފައެވެ. ބޭނުން ގަހެއް އަހަރެން ގަންނަންވީއެވެ. ގަސް ވިއްކާ ފިހާރައެއް ގެ ކައިރީގައި ހުރެއެވެ. އަހަރެން ބޭނުން ކޮންމެ ގަހެއް ގެނެސްދިނުމަށް އެ ފިހާރައިގައި މުބާހު އޮންނަނީ އެދިފައެވެ. މާލޭގައި އާންމުކޮށް ނުހުންނަ ކިތަންމެ މަލެއް އަހަރެންގެ ބަގީޗާގައި ފޮޅެއެވެ. މުނިފޫހިފިލުވުމަށް ޓަކައި ގޭގައި ކޭބަލްޓީވީ ހުރެއެވެ. އިންޓަނެޓު ހުރެއެވެ. އަހަންނަކީ ފޮތްކިޔާ މީހެއް ނަމަ ލައިބުރަރީއެއް ވެސް ހުރީސްކަން ކަށަވަރެވެ. ބޭނުން ނަމަ އަހަރެން ކައްކަންވީއެވެ. ނޫން ނަމަ އޯޑަރުކޮށްގެން ގެންނަންވީއެވެ. އެންމެ ފަހުގެ ފޯނާއި، ޒަމާނީ ހެދުންތައް ބައިވަރެވެ. ސައިކަލު ދުއްވަން ދަސްކުރަން މުބާހު ވަރަށް ހިތްވަރުދެއެވެ. އަހަރެން އެ ކަން ކުރަން ބޭނުން ނުވަނީއެވެ. ރައްޓެހިންނާ އެކުގައި ބޭނުން ތާކަށް ދިޔުމުގެ ހުއްދަ އޮންނަނީ އަހަންނަށް ދީފައެވެ. ފިރިއަކަށް ލޯބިވެވޭނީ އެހާކަންހާ ވަރަށެވެ. އިތުބާރު ދެވޭނީ ވެސް އެ ވަރަށެވެ. ނުވަތަ އެއީ ލޯބި ހެއްޔެވެ؟ އަހަރެންގެ ލޯމަތީގައި ދަމައިލައިފައިވާ ލޯބީގެ ފަރުދާއެއް ހެއްޔެވެ؟ ފަރުދާގެ ފުރަގަހުގައި އަނދިރި ފަރާތެއް ނެތް ހެއްޔެވެ؟
ދަރިފުޅު ލިބުމުން އަހަރެން އޮފީހުން ކެނޑުނީމެވެ. އެއީ އަހަރެންގެ އަމިއްލަ ނިންމުމެކެވެ. މަންމަގެ ފަރާތުން އަހަންނަށް ނުލިބުނު ލޯބި، އަހަރެންގެ ފަރާތުން އަހަރެންގެ ދަރިފުޅަށް ދޭން ބޭނުންވިއެވެ. މުބާހުގެ ގެ ހުންނަ ހިސާބުގައި އަހަރެންގެ ރައްޓެއްސެއް ނޫޅެއެވެ. އެ ހިސާބުގަނޑުގައި އުޅޭ އަންހެނުންނާއި އަހަރެންގެ މިޒާޖު ދިމައެއް ނުވެއެވެ. އެންމެން އެކުވެގެން ދައްކާ ސިޔާސީ ވާހަކައިގެ ތެރެއަށް ވަނުމުގެ އެއްވެސް ޝައުޤުވެރިކަމެއް އަހަރެންގެ ނުހުރެއެވެ. ވީމާ، ހިސާބުގަނޑު ގޭގެއަކަށް އަހަރެން ނުވަންނަމެވެ. އަވަށްޓެރިންނާ އެކުގައި ތަންތަނަށް ގޮހެއް ނޫޅެމެވެ. ގިނަ ވަގުތު އަހަރެން އުޅެނީ ގޭގައެވެ.
މުބާހުގެ މައިންބަފައިން ދުނިޔެއަކު ނެތެވެ. އޭނަގެ ގާތްތިމާގެ މީހުންނަކީ މާ ބޮޑު ގުޅުމެއް ބާއްވާ ބައެއް ނޫނެވެ. އެހެންކަމުން، އަހަރެންގެ ދިރިއުޅުން ވަރަށް އެކަނިވެރިއެވެ. އެ ވާހަކަ އަހަރެން އެކަކު ގާތަކު ވެސް ނުބުނަމެވެ. ބުނެގެން ކުރާނެ ފައިދާއެއް ނެތީމައެވެ. ރައްޓެހިން ހީކުރަނީ އަހަރެން އުޅެނީ ވަރަށް އުފަލުގައިކަމަށެވެ. އެ ކުށްހީ އަހަންނެއް ނުފިލުވަމެވެ. ގޮތްދައްކައިގެން އުޅުނީއެވެ.
އެއްދުވަހަކު އަހަރެން އަނބުރައިގަނެގެން ވެއްޓުނެވެ. ނަސީބަކުން އޭރު މުބާހު ގޭގައި އުޅެއެވެ. ވަގުތުން އަހަރެން ހޮސްޕިޓަލަށް ގެންދިޔައެވެ. ބެލިބެލުމުން އެނގުނު ގޮތުގައި އަހަރެންގެ ޕްރެޝަރު ހުރީ މަތީގައެވެ. އެ ކަމަށް ބޭސް ބޭނުންކުރަން ޖެހުނެވެ. އަހަރެންގެ ޕްރެޝަރު މައްޗަށް ދިޔައީ ކީއްވެގެން ހެއްޔެވެ؟ ފުރަތަމަ ވެސް އަހަރެން ހިތަށްއެރީ އެހެންނެވެ. މުބާހުގެ ހިތުގައި ވެސް އެ ސުވާލު އުފެދޭނެކަން އަހަންނަށް އެނގެއެވެ. އެއީ ފެށުމެކެވެ. ދެވަނައަށް ދިމާވި ކަމަކީ އަހަރެންގެ ބޮލުގެ އެއްފަޅީގައި ރިއްސަން ފެށުމެވެ. އަނެއްކާ ޑޮކްޓަރަށް ދެއްކީމެވެ. ޓެސްޓުހަދައިފައި، އެހެން ކަމަކަށް ވެސް ބޭސްދިނެވެ. އަހަރެން ރަނގަޅެއް ނުވިއެވެ. އެހެން ޑޮކްޓަރަކަށް ދެއްކީމެވެ. ވީކަމެއް ނެތެވެ. ފަސް ޑޮކްޓަރުންނަށް ދެއްކިއިރު ވެސް އަހަންނަކަށް ލުޔެއް ނުލިބުނެވެ. އޭރު އަހަރެންގެ ދިރިއުޅުން ބޮއްސުންލާން ފަށައިފިއެވެ.
ކޮޓަރިއަކުން ބޭރަކަށް އަހަރެން ނުނިކުންނަމެވެ. ނިކުންނަހިތް ނުވަނީއެވެ. ފެންވަރައި ރީތިވާހިތެއް ނުވެއެވެ. މުބާހު ހުންނަނީ އައިސްއަލަމާރި ފުރެންދެން ކާއެއްޗެހި އަޅައިފައެވެ. އެ އިން ފުއްދައިލަނީއެވެ. ހެނދުނުގެ ނާސްތާއަށް އަހަރެން އެއްޗެއް ކާއިރު ހުންނަނީ މެންދުރު ވެފައެވެ. މުބާހަކަށް އެ ކަމެއް ނާންގަމެވެ. އެ ދުވަސްވަރު އޭނަ އުޅުނީ ރާއްޖެއިން ބޭރުގައެވެ. އަހަރެން އޮންނަނީ އެނދުގައެވެ. ކައްކާކަށް ވެސް ނުތެދުވަމެވެ. ލޯ ހުޅުވާހިތެއް ނުވެއެވެ. އެއްވެސް ތަނަކަށް ބަލާހިތެއް ނުވެއެވެ. ރޭގަނޑު ވިޔަސް ކޮޓަރި ބާއްވަނީ އަނދިރިކޮށެވެ. އަހަންނަށް ނާންގައި މުބާހު މާލެއައިސް ގެއަށް ވަންއިރު ކޮޓަރި ހީވަނީ ގޮނޑެއްހެންނެވެ. އެ ފަދަ މަންޒަރެއް ކުރިން ނުދެކޭ މުބާހަށް ލިބުނީ ޝޮކެކެވެ. އަނެއްކާ ވެސް ޑޮކްޓަރަށް ދެއްކިއެވެ. ޑޮކްޓަރު ލަފާ ދިނީ ސިރާޖަށް ދެއްކުމަށެވެ.
ސިރާޖަކީ ނަފުސާނީ ބަލިތަކަށް ބޭސްކުރާ ޑޮކްޓަރެކެވެ. އަހަރެން ހިތަށްއެރިއެވެ. އަހަންނަށް ނަފުސާނީ ބައްޔެއް ޖެހުނީ ކޮންއިރަކު ހެއްޔެވެ؟ މުބާހު ކުރެއް ނުކުރިއެވެ. އެންމެ ފަހުން ސިރާޖަށް ވެސް ދެއްކީމެވެ. ޓެސްޓުތަކެއް ހެދުމަށް ފަހު އޭނަ އެދުނީ ރާއްޖެއިން ބޭރަށް ދިޔުމަށެވެ. ވަކި ޚާއްޞަ ޑޮކްޓަރެއްގެ ނަން ވެސް ދިނެވެ. އަހަރެން ހުރީ ނުދާށެވެ. ފިރިމީހާ އެއްބަހެއް ނުވިއެވެ. އޭނައަށް ހަމަޖެހުމެއް ލިބުނީ، އިންޑިޔާއަށް ގޮސް އެ ޑޮކްޓަރަށް ދެއްކީމެވެ. ޑޮކްޓަރު ވަރަށް ގިނަ ވާހަކަދެއްކިއެވެ. އަހަރެންގެ ދިރިއުޅުމާ ބެހޭގޮތުން ސުވާލުކުރިއެވެ. މާޒީގައި ހިނގައިފައި ހުރި ކަންތައްތަކާއި، އެންމެ ފަހުން ކުރިމަތިވި ކަންތައްތަކަށް ދާންދެން އޮޅުންފިލުވިއެވެ. އަހަރެންގެ ދުވަސް ފެށިގެން ގޮސް ނިމޭ ގޮތް އޭނައަށް ކިޔައިދޭން އެދުނެވެ. އެ ހުރިހައި ވާހަކައެއް އަހަރެން ކިޔައިދިނީމެވެ. ހައިރާންކަމާއެކު މުބާހު އަޑުއަހަން އިނެވެ. އަހަރެން ދެއްކި ވާހަކަތައް އަޑުއަހާކަށް މުބާހަކަށް ފަސޭހައެއް ނުވިއެވެ.
ހޮސްޕިޓަލުން އަހަރުމެން އެނބުރި ހޮޓަލަށް އައީ ބީރައްޓެއްސަކު ގޮވައިގެންނެވެ. ނަމަކީ ޑިޕްރެޝަންއެވެ. ޑޮކްޓަރު ބުނި ގޮތުގައި އެ ބަލީގައި އަހަންނަށް ފަރުވާ ނުކުރެވި މާ ގިނަ ދުވަސް ވީއެވެ. އަބަދު ފޯނާކުޅެން ވަގުތު ބޭކާރު ނުކުރުމަށް ވެސް ޑޮކްޓަރު އެދުނެވެ.
"މަ ވެސް އަބަދު އެފްބީއާ އިންސްޓަގްރާމްގަ އުޅެން. އެ އަށް ނުވަދެ އުޅެންވެއްޖެއްޔާ މަ މޮޔަވާނެ،" މުބާހު މަޑުމަޑުން ބުނެލިއެވެ. "އެކަމަކު އޭނަ އެ ބުނީ ސޯޝަލް މީޑިޔާއާ ދުރުގަ އުޅޭށޭ. ކީއްވެބާ؟"
މީސްމީޑިޔާއަކީ އެހާ ގޯސް އެއްޗެއް ހެއްޔެވެ؟ ނަފުސާނީގޮތުން އެ ފަދަ ހާލަތަކަށް އަހަރެން ދާންވީ ކީއްވެގެން ހެއްޔެވެ؟ މުބާހަކަށް އެ ކަން ގަބޫލެއް ނުކުރެވުނެވެ. އަހަންނާ ދިމާއަށް ފިރިމީހާ ދުވަހަކު ވެސް ހަޅޭކެއް ނުލަވައެވެ. އަހަންނަށް އަނިޔާއެއް ނުކުރެއެވެ. އާންމުކޮށް ދެމަފިރިން ދެމެދުގައި އުފެދޭ ކަހަލަ ކުދިކުދި ދެބަސްވުންތައް އަހަރުމެންގެ ތެރޭގައި ވެސް އުފެދެއެވެ. އެ ކަމާ އެއްބަސްވަމެވެ. ދެރަވާކަންކަން މެދުވެރިވީމައި މާޔޫސް ނުވާނީ ކާކު ހެއްޔެވެ؟ އެއީ އާންމުކަމެކެވެ. ނަފުސާނީ ބައްޔެއް ނޫނެވެ. އަހަންނަށް ކުރެވުނު ކުށްހީއަކީ އެއީއެވެ.
މުބާހު ހުއްޓައިނުލައި ސުވާލުކުރިއެވެ. އޭނައަށް ގޯސްކޮށް ކަމެއް ކުރެވުނީ ހެއްޔެވެ؟ އަހަންނަށް ލޯބި ނުދެވެނީ ހެއްޔެވެ؟ އަހަރެން ބޭނުންވާ ކަމެއް ނުކޮށްދެވެނީ ހެއްޔެވެ؟ މުބާހަށް ވުރެ ބޮޑަށް އަހަރެން ހައިރާންވީމެވެ. އެކައްޗެއް ވެސް ނޭނގޭކަމުގެ ތުހުމަތު ޑޮކްޓަރުގެ ބޮލުގައި އެޅުވީމެވެ. އެހެންނަމަވެސް، އަހަރުމެން މާލެއަށް އައީ ޑޮކްޓަރު ދިން ބޭސް ނަގައިގެންނެވެ. އެ ބޭސް ބޭނުންކުރަން ފެށުމުން އަހަންނަށް ލުއިވާން ފެށިއެވެ.
ޙަޤީޤަތާ ކުރިމަތިލާން އިންސާނާ ޖެހިލުންވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ އަމިއްލަ ނަފުސު އަހަންނާ ކުރީ އެ ސުވާލެވެ. ބައެއް މީހުންނަށް ހީވާ ކަހަލައެވެ. ނޭނގޭކަމަށް ހެދުމަކީ ޙައްލެކެވެ. ކުރިމަތިލާން ނުކެރޭ ކަންކަމަށް ބީރުކަންފަތް ދޭށެވެ. އޭރުން އޭގެ ޒާތުގައި އެ ކަމެއް ހަމަޖެހިދާނެއެވެ. އަހަރެން ވެސް ހީކުރީ އެހެންނެވެ. ހިތުގައި އުފެދުނު ހުރިހައި ޝަކުވާއެއް އަހަރެން ވަޅުލީއެވެ. އޭގެ މައްޗަށް ފަސްއަޅައި، އޭގެ މަތިން ތަޅުމެއް ރޭނީއެވެ. ލޯތްބާއި، އިތުބާރާއި، އުފާވެރިކަމުގެ ތަނބުތައް ރޭނީ އެ ތަޅުންގަނޑުގެ މަތީގައެވެ. ބޭރަށް ފެންނަނީ އަހަރެން މޫނުގައި ކުރަހައިގެން ހުންނަ ހިނިތުންވުމެވެ. ހިތުގައި އެގޮތްމިގޮތަށް އެޅިފައިވާ ކޫރުންތަކެއް ނޫނެވެ.
"ކޮބާ މިހާރު ކިހިނެއް؟" ނާޒިޔާގެ ފޯނުކޯލެއް ލިބުނެވެ. "ހިނގާބަލަ ބޭރަށް ނުކުމެލަމާ!"
ނާޒިޔާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ކޮންމެ ދުވަހަކު އަހަރެންގެ ހާލުއަހުވާލު ބަލައެވެ. އޭނަގެ ހުރިހައި ކަމެއް އަހަންނާ ހިއްސާކުރެއެވެ. ޙަޤީޤީ މައްސަލައަކީ އެއީއެވެ.