08 އޮކްޓޯބަރ 2017 - 06:39

ކަންގަނާ ރަނާވަތު އާއި ރިތިކް ރޯޝަންގެ ބަހުގެ ހަނގުރާމަ އަނެއްކާވެސް ހޫނުވެއްޖެ އެވެ. މި މައްސަލަގަނޑު ފެށުނީއްސުރެ ރިތިކާ ދެކޮޅަށް ވާހަކަ ދައްކަމުންދިޔައީ ކަންގަނާ ނަމަވެސް މިފަހަރު ރިތިކް ވެސް ވަނީ އޭނާއާ ދޭތެރޭ ކަންތައްތައް ވަމުން ދިޔަ ގޮތް ފޭނުންނާ ހިއްސާ ކޮށްފަ އެވެ.
މި މައްސަލައިގައި ރިތިކް ބުނާ އެއްޗެއް އެނގުމުން ޔަގީންވި އެއް ކަމަކީ މީގައި ކޮންމެ މީހަކު ކުށްވެރި ވިޔަސް ރިތިކްގެ ދިރިއުޅުމަށް އުނދަގޫވާ ވަރު ކަންގަނާ ކޮށްފައިވާ ކަމެވެ. މީގެ ކުރިން ކަންގަނާ ވަނީ ރިތިކާ ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަތައް މީޑިއާގައި ދައްކާފައިވެ އެވެ. އެވަރުން ނުވެގެން ރިތިކާ ދެކޮޅަށް ދައުވާ ކުރަން ވެސް ކަންގަނާ ވަނީ ހުށަހަޅާފަ އެވެ.
ރިތިކް އާއި ކަންގަނާގެ މައްސަލަ ދުވަސްގަނޑެއް ވަންދެން ފިނިވެފައި އޮވެފައި އަނެއްކާވެސް ހޫނުވާގޮތް ވީ ކަންގަނާ އުނދަގޫކުރާ ކަމަށް ބުނެ ރިތިކް ފުލުހުންނަށް މައްސަލަ ހުށަހަޅާފައި ވަނިކޮށް، ކަންގަނާ ފޮނުވި ކަމަށް ބުނާ 3000 އަށް ވުރެ ގިނަ އީމެއިލް ސޯޝަލް މީޑިއާގައި ލީކުވުމުންނެވެ. އެއާއެކު ކަންގަނާ އާއި އޭނާގެ ދައްތަ ރަންގޯލީ އަދި ކަންގަނާގެ ގާނޫނީ ވަކީލު ވަނީ ރިތިކާ ދެކޮޅަށް ބަޔާންތައް ދޭން ފަށައިފަ އެވެ.
ކަންތައް މިހިސާބަށް ދިއުމުން މި މައްސަލައިގައި ރިތިކް ބުނަން ބޭނުންވާ ވާހަކަތައް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޕޯސްޓްކުރި ތިން ސަފުހާގެ ދިގު ލިޔުމެއްގައި ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ. މިއީ މި މައްސަލަގަނޑު ޖެހުނުތާ ދެ އަހަރު ފަހުން ރިތިކް މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި ފުރަތަމަ ފަހަރެވެ.
ރިތިކް ބުނި ގޮތުގައި ކަންގަނާގެ މައްސަލައިގައި އަޅާނުލައި، އެއްޗެކޭ ނުބުނެ ހުންނަން އޭނާ ވަރަށް މަސައްކަތް ކުރި އެވެ.
ކަންގަނާގެ ނަން ސީދާ ނުބުނެ ރިތިކް ބުނެފައިވާ ގޮތުގައި ފިލްމެއްގެ ޝޫޓިންއެއްގައި ނޫން ގޮތަކަށް "އެ އަންހެންމީހާ" އާ އޭނާ ދުވަހަކުވެސް އެކަހެރިކޮށް ބައްދަލުކޮށްފައެއް ނުވާނެ އެވެ. އަދި 2014 ގެ ޖެނުއަރީގައި ޕެރިހުގައި އޭނާ އާއި ކަންގަނާ ސިއްރުން އެންގޭޖްވީ ކަމަށް ކަންގަނާ ދައްކާފައިވާ ވާހަކަތަކަށް ވެސް ރިތިކް ޖަވާބު ދީފައިވެ އެވެ. ރިތިކް ބުނި ގޮތުގައި އެ ބުނާ ދުވަސްވަރެއްގައި އޭނާ ޕެރިހަކަށް ވެސް އަދި އެހެން ގައުމަކަށް ވެސް ގޮސްފައެއް ނުވާނެ އެވެ. އޭނާގެ ޕާސްޕޯޓް ބަލަން ބޭނުން ކޮންމެ މީހަކަވެސް ދައްކަން އޭނާ ތައްޔާރެވެ. އަދި ދެ މީހުން އެކުގައި ގައިގޯޅިކޮށް ނަަގާފައިވާ ކަމަށް ބުނާ ފޮޓޯތަކަކީ ފޮޓޯޝޮޕުން ހަދާފައިވާ ފޮޓޯތަކެއް ކަމަށް ވެސް ރިތިކް ބުންޏެވެ.
ކަންގަނާއާ ދުވަހަކުވެސް ލޯބީގެ ގުޅުމެއް ނުބާއްވާކަމަށް ރިތިކް ބުންޏެވެ.
މި ލިޔުމާ އެކު ސޯޝަލް މީޑިއާގައި ވެސް މި ދެ ތަރިންގެ މި މައްސަލަގަނޑުގެ ވާހަކަ ދައްކާ މަޖާ ނަގާ މީހުން ވަނީ ވަރަށް ގިނަ ވެފަ އެވެ.
ރިތިކް ބުނި ގޮތުގައި ކަންގަނާ އޭނާއަށް ފޮނުވާފައިވާ 3000 އަށް ވުރެ ގިނަ އީމެއިލަކީ ކަންގަނާގެ އީމެއިލް އެއް ހެކްކޮށްގެން ރިތިކް ފޮނުވި އެއްޗެއް ކަމަށް ކަންގަނާ ބުނި ނަމަވެސް މުމްބާއީގެ ސައިބަ ކްރައިމް ޑިޕާޓްމަންޓުން އެއީ ކަންގަނާ އަމިއްލައަށް ފޮނުވި އެއްޗެެއްކަން ސާބިތުކޮށް ލިޔުން ދީފައިވާ ކަމަށް ބުންޏެވެ.
ރިތިކް ބުނެފައިވާ ގޮތުގައި ކަންގަނާ އުޅެނީ އޭނާއާ މަތިންބައިން ޖެހިގެންނެވެ. އަދި އެގޮތަށް ކަންގަނާގެ އުނދަގޫ އޭނާއަށް ފޯރާތާ މިހާރު ހަތަރު ވަރަކަށް އަހަރު ވެފައިވާ ކަމަށް ވެސް ރިތިކް ބުނެފައިވެ އެވެ.
ރިތިކްގެ ބަޔާނަށް ފަހު ކަންގަނާގެ ދައްތަ ރަންގޯލީ އަނެއްކާވެސް ރިތިކަށް ހަމަލައެއް ފޮނުވާލާފައިވެ އެވެ. ރިތިކާއި ކަންގަނާ ނަގާފައިވާ ކަމަށް ބުނާ ފޮޓޯއަކާ އެކު ރަންގޯލީ ވަނީ ކަންގަނާގެ އުނަގަނޑުގައި ބައްދައިގެން ރިތިކް ކުރަނީ ކީއްތޯ ސުވާލު ކޮށްފަ އެވެ. ނަމަވެސް މި ފޮޓޯއަކީ ވެސް ފޮޓޯޝޮޕް ކޮށްފައިވާ ފޮޓޯއެއްކަން އިންޑިއާގެ ނޫސްތަކުން ވަނީ ފަޅާއަރުވާލައިފަ އެވެ.
ކޮންމެއަކަސް މި މައްސަލައިގައި ކުރިން ކަންގަނާ އެކަނި ވާހަކަ ދެއްކިޔަސް މިހާރު ރިތިކް ވެސް ހުރީ އޭނާއާ ދިމާލަށް އަންނަމުންދާ ހަމަލާތަކަށް އަޅާނުލައި ހުންނަ ގޮތަކަށް ނޫނެވެ.
ރިތިކް ބުނި ގޮތުގައި އޭނާއަކީ ހަޔާތުގެ މިހާހިސާބަށް ދިޔައިރުވެސް އެއްވެސް މީހަކާ އަރާރުންވެ ހެދި މީހެއް ނޫނެވެ. މިހާ ދުވަހު ވެސް އޭނާ މަޑުން ހުރީ އެހެންވެ އެވެ. ނަމަވެސް މިހާރު އޭނާގެ އަބުރަށް ހުތުރުވާ ގޮތަށް އެހެން މީހަކު މަސައްކަތްކުރާތީ އަމިއްލަ ނަފްސުގެ ދިފާއުގައި މަސައްކަތް ކުރަން މަޖްބޫރުވީ ކަމަށް ބުންޏެވެ.