07 އޮކްޓޯބަރ 2017 - 09:56

ބާސެލޯނާ (އޮކްޓޯބަރު 7) – ބާސެލޯނާގެ ކެޕްޓަން އަންދްރެސް އިނިއެސްޓާ އެ ކްލަބާ އެކު "އުމުރުދުވަހުގެ" ކޮންޓްރެކްޓެއްގައި ސޮއިކޮށްފި އެވެ.
އޭނާ ބާސެލޯނާއާ އެކު ކޮންޓްރެކްޓް މި އާކުރީ ކްލަބް ދޫކޮށްލަން އުޅޭ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ. އެގޮތުން އޭނާ ގެންދަން އިޓަލީގެ ޔުވެންޓަސް އިން އައީ މަސައްކަތްކުރަމުންނެވެ.
ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އިނިއެސްޓާގެ ކެރިއަރު އެއްކޮށް ބާސެލޯނާގައި ހޭދަކުރާނެ ފަދަ އުމުރުދުވަހުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
މުހިއްމު ކުޅުންތެރިއާ ނޭމާ ދިއުމުން ބާސެލޯނާ ބަލިކަށިވާނެ ކަމަށް ބެލެވުނު ނަމަވެސް މި ސީޒަނުގައި އަދި ފެނިގެން ގޮސްފައިވަނީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އެ ޓީމު އޮތީ ކުޅުނު ހަތް މެޗުން ވެސް މޮޅުވެ 21 ޕޮއިންޓާ އެކު ސްޕެނިޝް ލީގުގެ އެއް ވަނައިގަ އެވެ.
އުމުރުން 12 އަހަރުގައި 1996 ވަނަ އަހަރު ބާސެލޯނާގެ ޔޫތު އެކަޑަމީއާ ގުޅުނު އިނިއެސްޓާ އެ ކްލަބުގެ ސީނިއާ ޓީމަށް ކުޅެން ފެށީ 2002 ވަނަ އަހަރެވެ. އެ ޓީމާ އެކު އޭނާ ވަނީ ސްޕެނިޝް ލީގު އަށް ފަހަރު އަދި ޗެމްޕިއަންސް ލީގު ހަތަރު ފަހަރު ކާމިޔާބުކޮށްފަ އެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ވަނީ ސްޕެއިން ގައުމީ ޓީމާ އެކު 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2008 ވަނަ އަހަރާއި 2012 ވަނަ އަހަރު ޔޫރޯ ކާމިޔާބުކޮށްފަ އެވެ.