07 އޮކްޓޯބަރ 2017 - 09:12

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުންދާ ކަންކަމުގެ މައުލޫމާތު، ވެރިކަން ކުރާ ޕީޕީއެމްގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބައިނަލްއަގްވާމީ ޖަމާއަތްތަކާ ހިއްސާކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ އެދިވަޑައިގަތުމަކަށް، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އިސްވެ ހުންނަވައިގެން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި ވަނީ ސުވިޒަލެންޑުގެ ޖެނީވާގައި ތިއްބަވާ އެކި ޖަމާއަތްތަކުގެ އިސްބޭފުޅުންނާ މައުލޫމާތު ހިއްސާކޮށްފައި ވަނީ އެ ޕާޓީން ބުންޏެވެ.

ޕީޕީއެމްގެ މެމްބަރުން ވަނީ އދ. ގެ ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސް ޒައިދު ރައާދު އަލް ހުސެއިނާ އެކު ވެސް ވަރަށް ކާމިޔާބު ބައްދަލުވުމެއް ބާއްވާފައި ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ) ގެ މި ދައުރުގެ ރައީސް އާއި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް އާއި އޮގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަންގެ އިސްވެރިންނާއި ޓްރޮއިކާ އާއި އެމެރިކާ އާއި ސިންގަޕޫރު އަދި ސައޫދީގެ ބައެއް އިސްވެރިންނާ އެކު ވެސް މަޝްވަރާ ކުރައްވައި ކާމިޔާބު ބައްދަލުވުންތަކެއް ބޭއްވި ކަމަށް ނިހާން ވިދާޅުވި އެވެ.

މި ބައްދަލުވުންތަކުގައި ވަނީ ރާއްޖޭގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ޑިމޮކްރެސީ އާއި ގާނޫނީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމާއި ރާއްޖޭގެ އިގުތިސޯދު ހަރުދަނާކޮށް، ފުޅާކުރުމަށް ސަރުކާރުން އަޅަމުން އަންނަ މުހިންމު ފިޔަވަޅުތަކާއި ސިޔާސަތުތަކުގެ ވާހަކަ ކިޔައިދީފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ ސަރުކާރުން އިސްނަގައިގެން ފަށާފައިވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވާން ދެކޮޅު ހަދަމުންދާއިރު، އެކަން ވެސް ބައިނަލްއަގްވާމީ ޖަމާއަތްތަކާ ހިއްސާކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މަޝްވަރާތަކުގައި އެއްވެސް ޝަރުތެއް ނެތި ބައިވެރިވުމަށް އިދިކޮޅު ފަރާތްތަކުން ގަބޫލުކުރުމަށް ހިތްވަރު ދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ދިވެހި ސަރުކާރުން މީގެ ކުރިން ވެސް ގޮވާލާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"މި ބައްދަލުވުންތަކުގައި ބައިނަލްއަގްވާމީ ޖަމާއަތްތަކުގެ އިސް ވެރިން ވަނީ މަޖިލިސް މެމްބަރުންގެ މި ދަތުރުފުޅާ ގުޅިގެން ކުރިއަށް ގެންދިޔަ މުހިންމު މަޝްވަރާތައް ޝުކުރުވެރިކަމާ އެކު ފާހަގަކުރައްވައިފަ އެވެ. އަދި ބައިނަލްއަގްވާމީ މުޖުތަމައާއެކު މަޝްވަރާ ކުރައްވައި، ގުޅުން ބަދަހިކުރެއްވުމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތު ކަމަށްޓަކައި އެބޭފުޅުން ޝުކުރު އަދާކުރެއްވި އެވެ،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުން ބުންޏެވެ.
ނިހާން ފާހަގަކުރެއްވި ގޮތުގައި އެބޭފުޅުންގެ ޓީމުން މިފަހަރު ބައްދަލުކުރެއްވި ބޭފުޅުންގެ ތެރޭގައި ރާއްޖޭގެ އިގުތިސޯދަށާއި ތަރައްގީގެ ސިޔާސަތުތަކަށް އަދި ރާއްޖޭގެ ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުކޮށްފައިވާ ޖަމާއަތްތައް ވެސް ހިމެނެ އެވެ.
ޕީޕީއެމްގެ މަޖިލިސް މެމްބަރުން ޖެނީވާ އަށް ކުރެއްވި މި ދަތުރުގައި ނިހާންގެ އިތުރުން ދެން ބައިވެރިވެވަޑައިގަތީ އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ނިލަންދޫ ދާއިރާގެ އަބްދުﷲ ޚަލީލާއި ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އަދި ޕީޕީއެމްގެ ޗީފް ވިޕް ގެމަނަފުށީ ދާއިރާގެ މެމްބަރު ޖަމީލް އުސްމާނެވެ.
މީގެ އިތުރުން ރާއްޖޭގެ ފަރާތުން ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ހާލާ ހަމީދާއި ޑެޕިއުޓީ ޕާމަނަންޓް ސެކްރެޓަރީ ސާލިމް ވަހީދު ވެސް ބައްދަލުވުންތަކުގައި ބައިވެރިވެވަޑައިގަތް ކަމަށް ޕީޕީއެމުން ބުންޏެވެ.