ޕްރިމިއާ ލީގަކީ ތަފާތު ޗެލެންޖެއް: އިބްރަހިމޮވިޗް
ޕްރިމިއާ ލީގަކީ ތަފާތު ޗެލެންޖެއް: އިބްރަހިމޮވިޗް

މެންޗެސްޓާ (ޖުލައި 2) - އިނގިރޭސި ޕްރިމިއާ ލީގުގައި ކުޅުމަކީ ތަފާތު ޗެލެންޖަކަށް ވާނެ ކަމަށް މެންޗެސްޓާ ޔުނައިޓެޑާ އިއްޔެ ގުޅުނު ސްވިޑަންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް ބުނެފި އެވެ.

އުމުރުން 34 އަހަރުގެ އިބްރަހިމޮވިޗް ވަނީ މީގެ ކުރިން ޔޫރަޕްގެ އެންމެ މަޝްހޫރު ލީގުތަކުގައި ކުޅެފަ އެވެ. އިޓަލީ ލީގުގައި އިންޓަ އާއި އޭސީ މިލާން އަދި ޔުވެންޓަސް އަށް ކުޅުނުއިރު، ސްޕެނިޝް ލީގުގައި ބާސެލޯނާ އަށް ކުޅުނެވެ. އަދި ނެދަލެންޑްސް ލީގުގެ އަޔެކްސް އިން ފެނުނުއިރު، އެންމެ ފަހުން ކުޅުނީ ފްރެންޗު ލީގުގެ ޗެމްޕިއަން ޕީއެސްޖީ އަށެވެ.

ހިލޭ ޓްރާސްފާއެއްގެ ދަށުން ޔުނައިޓެޑަށް ސޮއިކުރުމަށް ފަހު އިބްރަހިމޮވިޗް ބުނީ ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު ދެ ވަނަ ފަހަރަށް ލިބުމުން ހިތްހަމަ ޖެހޭ ކަމަށެވެ.

"ޔުނައިޓެޑަށް ބަދަލުވެވުމުން އަހަރެން ވަރަށް އުފާވޭ. މިއީ ވަރަށް ހާއްސަ، ތަފާތު ޗެލެންޖެއް. މޮރީނިއޯއާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އަލުން ލިބުމުން އުފާކުރަން،" އިބްރަހިމޮވިޗް ބުންޏެވެ.

މޮރީނިއޯ އާއި އިބްރަހިމޮވިޗް ވަނީ އިންޓަގައި އެކުގައި މަސައްކަތް ކޮށްފަ އެވެ.

އިބްރަހިމޮވިޗަކީ މޮރީނިއޯ ހަވާލުވި ފަހުން ޔުނައިޓެޑަށް ބަދަލުވި ދެ ވަނަ ކުޅުންތެރިއާ އެވެ. ޔުނައިޓެޑުން ވަނީ ވިޔަރެއާލަށް ކުޅުނު އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބެއިލީ އެ ޓީމަށް ގެނެސްފަ އެވެ.

މޮރީނިއޯ ބުނީ އިބްރަހިމޮވިޗަކީ އިތުރު ތައާރަފަކަށް ބޭނުންނުވާ ފަދަ މަގުބޫލު ކުޅުންތެރިއެއް ކަމަށެވެ.

"އިބްރަހިމޮވިޗަށް އިތުރު ތައާރަފެއް ބޭނުމެއް ނުވޭ. ދިޔަ ކޮންމެ ޓީމަކާ އެކު އޭނާ ވަނީ ފެންވަރު ސާބިތުކޮށްދީފައި. އިބްރަހިމޮވިޗް ދުނިޔޭގެ އެންމެ ހުނަރުވެރި ފޯވާޑުންގެ ތެރޭގައި ހިމެނޭ،" މޮރީނިއޯ ބުންޏެވެ.

މިފަހަރުގެ ޔޫރޯ އަށް ފަހު އިބްރަހިމޮވިޗް ވަނީ ގައުމީ ޓީމުން ރިޓަޔަކޮށްފަ އެވެ.