07 އޮކްޓޯބަރ 2017 - 07:42

ކޭޓް ވިންސްލެޓަކީ ދަތި އުނދަގޫ ހާލަތްތަކުގައި ފިލްމު ކުޅެން ފަރިތަ އެކްޓަރެކެވެ. އޭނާ ކުޅުނު އެންމެ މަޝްހޫރު ރޯލުގައި ލިއޮނާޑޯ ޑިކެޕްރިއޯއާ އެކު "ޓައިޓޭނިކް" އިން ފެނުނު އިރު، ކަނޑުމަތީގެ މަންޒަރެއްގައި ހީކަރުވައިގަނެގެން ތުރުތުރުއަޅައަޅާ އޮންނަން ވެސް ޖެހުނެވެ. އޭނާގެ އެންމެ ފަހުގެ ފިލްމު "ދަ މައުންޓަން ބިޓްވީން އަޒް"އަކީ ވެސް އިންތިހާ އަށް ގޮންޖެހުން ބޮޑު ފިލްމެކެވެ.
އެކަމަކު އޮސްކާ އެވޯޑު ހޯދާފައިވާ ތަޖުރިބާކާރު އިނގިރޭސި ތަރި ބުނާގޮތުގައި އެކްޓްކުރުމަކީ އޭނާ އަށް އަދިވެސް ވަރަށް އުނދަގޫ މަސައްކަތެކެވެ.
"އެކަމަކު އަހަރެން މި މަސައްކަތް ދެކެ ލޯބިވާ ސަބަބަކީ ވެސް އެއީ،" ކެނެޑާގެ "ދަ ސްޓާ" އަށް ދިން އިންޓަވިއުއެއްގައި ވިންސްލެޓް، 42، ބުންޏެވެ.
އޭނާ ބުނީ އުނދަގޫވަނީ ގޮންޖެހުން ބޮޑުކަމުން އެކަނި ނޫން ކަމަށާއި ގޯހެއް ނަހަދާ ވޭތޯ ބަލަން ކޮންމެ ދުވަހަކު ވެސް ގަދައަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ގޯސް ހެދޭ ފަހަރާއި ރަނގަޅަށް މަސައްކަތްކުރެވޭ ފަހަރުތައް އަންނަ އިރު، ފިލްމުގައި ހިމަނާފައި ހުންނަނީ ރަނގަޅު ކަންކަން ކަމަށް ވެސް ވިންސްލެޓް ބުންޏެވެ.
އިދުރިސް އެލްބާއާ އެކު ވިންސްލެޓް ކުޅެފައިވާ ރޮމޭންޓިކް ތުރިލާ "ދަ މައުންޓަން ބިޓްވީން އަޒް"ގެ މަންޒަރުތައް ނަގާފައިވަނީ 10،000 ފޫޓު އުސް ފަރުބަދައެއްގެ މަތީގައި އިންތިހާ ދަރަޖައިގެ ފިނީގަ އެވެ. އެ ފިލްމުގައި ދައްކަނީ މަތިންދާބޯޓެއް ވެއްޓިގެން ވިންސްލެޓް އާއި އެލްބާގެ ކެރެކްޓާ ހާލުގައި ޖެހިގެން އުޅޭ ގޮތެވެ.
ވިންސްލެޓް ބުނިގޮތުގައި 38- ޑިގްރީގައި އަދި ނޭވާލާން ވެސް އުނދަގޫ އުސްމިނެއްގައި ސްނޯގެ ތެރޭގައި ދުވެ ހަދަން ޖެހުމަކީ ބޮޑު ގޮންޖެހުމަކަށް ވި އެވެ. އެކަމަކު އެލްބާ އާއި އޭނާއާ ދެ މީހުން އެކަކު އަނެކަކަށް ހިތްވަރު ދެމުން މަސައްކަތް ކުރިއަށް ގެންދިޔައީ ކަން އޭނާ ފާހަގަކުރި އެވެ.
މިދިޔަ މަހު ދުނިޔޭގެ ޕްރިމިއާ ބާއްވާފައިވާ "ދަ މައުންޓެއިން ބިޓްވީން އަޒް" ސިނަމާތަކުގައި ދައްކަން އިއްޔެ ވަނީ ފަށައިފަ އެވެ.