07 އޮކްޓޯބަރ 2017 - 07:40

އަންހެނުންގެ އޯވަރީގެ ހޯމޯންތަކާއި ހަށިގަނޑުގައި ހިނގާ "ގަޑިތަކުގެ" މޮލެކިއުލްއަކާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން، އުމުރުން ދުވަސްވަމުން ދާއިރު، އަންހެނުންގެ ހިތުގެ ދުޅަހެޔޮކަން ފިރިހެނުންނަށް ވުރެ ރަނގަޅު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
"ކާޑިއޯވެސްކިއުލާ ރިސާޗު" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ހޯދުމަކީ އުމުރުން ދުވަސްވަމުންދާ އިރު ހިތުގެ ބަލިން ރައްކާތެރިވުމަށް މަގުފަހިކޮށްދޭނެ ދިރާސާއެއް ކަމަށް ވަނީ ބެލެވިފަ އެވެ.
ކުރީގެ ދިރާސާއެއްގައި ކެނެޑާގެ ޔުނިވަސިޓީ އޮފް ގުއެލްފްގެ ރިސާޗަރުން ހޯދާފައިވާ ގޮތުގައި ހާޓް އެޓޭކް ޖެހުމުގެ މައްސަލަ، އަންހެނުންނަށް ވުރެ ފިރިހެނުންނަށް މާ ގޯހެވެ. އަދި ރެ އާއި ދުވާލުގެ ވަކި ވަގުތެއް ވެސް އެ ދިރާސާ އިން ފާހަގަކުރެވުނެވެ؛ އެއީ ފިރިހެނުންނަށް ނިދާފައި ތިއްބާ ޖެހޭ ހާޓް އެޓޭކްތަކުގެ ގެއްލުން މާ ބޮޑު ކަމެވެ.
އެ ދިރާސާގެ ރިސާޗަރުން ބެލީ، ހަށިގަނޑުގެ "ސަކޭޑިއަން" ނިޒާމު (ރެ އާއި ދުވާލުގެ ކަންކަން ވަކި ތަރުތީބެއްގައި ހިފަހައްޓައިދޭން ހަށިގަނޑުގެ ސެލްތަކުގައި ހުންނަ ކުދިކުދި "ގަޑިތައް") މަސައްކަތްކުރާ ގޮތް އަންހެނުންނާއި ފިރިހެނުންގެ ތަފާތުވުން އެކަށީގެންވާ ކަމަށެވެ. އަދި އެކަން ބެލުމަށްޓަކައި، އުމުރުން ދުވަސްވެފައިވާ މީދާ ބޭނުންކޮށްގެން ދިރާސާއެއް ކުރި އެވެ.
"ހައިރާންވާ ކަމަކީ އުމުރުން ދުވަސްވަމުން ދިޔަ މީދާތަކުގެ ތެރެއިން ފިރިހެން އެއްޗެއްސަށް ހިތުގެ ބަލި ޖެހުނު އިރު އަންހެން އެއްޗެއްސަކަށް ބައްޔެއް ނުޖެހޭ،" ޔުނިވާސިޓީ އޮފް ގުއެލްފްގެ ޓެމީ މާޓީނޯ ވިދާޅުވި އެވެ.
ރިސާޗަރުންނަށް އެނގުނީ އަންހެނުންނާއި ފިރިހެނުންގެ ހިތުގެ ސެލްތައް ހަގީގަތުގައި ތަފާތު ކަމެވެ. އަދި އަންހެނުންގެ ހިތުގެ ދުޅަހެޔޮކަން ފިރިހެނުންނަށް ވުރެ ރަނގަޅު ކަމެވެ.
އެކަމަކު އޯވަރީ ނެގުމުން އަންހެން މީދަލުގެ ހާލު ދެރަވި އެވެ. ސައިންސްވެރިން ފާހަގަކުރިގޮތުގައި އޭގެ މާނައަކީ، "ސަކޭޑިއަން" ނިޒާމަށް ބުރޫއެރިޔަސް އިސްޓްރޮޖެން ފަދަ ހޯމޯންތަކުން ހިތް ރައްކާތެރިކޮށްދޭ ކަމެވެ.
"ސަކޭޑިއަން ރިދަމްސް ރަނގަޅު ގޮތުގައި ބެލެހެއްޓުމަކީ ދުޅަހެޔޮ، ދިގު އުމުރަކަށް ވަރަށް މުހިއްމު ކަމެއް،" މާޓީނޯ ވިދާޅުވި އެވެ.