06 އޮކްޓޯބަރ 2017 - 21:48

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ ޝަރީއަތް މެދުކެނޑުމަކަށް ފަހު އާދިއްތަ ދުވަހު ފަށާ ގޮތަށް ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.
ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުންކުރި ކަމަށް ބުނެ ފާރިސަށް ކުރާ ދައުވާގެ ޝަރީއަތް މެދުކެނޑުނީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ އޮންނަ ގޮތުން ޝަރީއަތުގެ އަސްލު އަޑުއެހުންތައް ފަށަން ޖެހޭނީ އިބްތިދާއީ މަރުހަލާ ނިމޭތާ 30 ދުވަސް ފަހުން ކަމަށްވާތީ އެވެ. އެ މައްސަލާގެ އިބްތިދާއީ މަރުހަލާ ނިމުނީ މިދިޔަ އޮގަސްޓް މަހު އެވެ.
ޝަރީއަތް ފެށުމާ ދެމެދު ހޭދަވާން ޖެހޭ މުއްދަތު މިދިޔަ މަހުގެ 20 ވަނަ ދުވަހު ހަމަވުމުން ޝަރީއަތުގެ އަޑުއެހުންތައް އާދިއްތަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.
ޖިނާއީ އިޖްރާއަތުގެ ގާނޫނު ބުނާގޮތުން ޝަރީއަތުގެ އަޑުއެހުންތަކަކީ އެ މައްސަލައެއް މައުޟޫއީ ގޮތުން ކުރިއަށް ގެންދާ މަރުހަލާ އެވެ. އިބްތިދާއީ މަރުހަލާއަކީ ދައުވާ ލިބޭ މީހާއަށް ދައުވާ ސާފުވިތޯ އާއި އޭނާއަށް ލިބެންޖެހޭ ހައްގުތައް ލިބިފައިވޭތޯ އާއި އެ ދައުވާއެއް ކުރިއަށް ގެންދާނެ ތަނެއް އޮތްތޯ ކަނޑައަޅާ މަރުހަލާ އެވެ.
ޝަހްސު އޮޅުވާލުމުގެ އެ ދައުވާ ސާބިތުވެއްޖެ ނަމަ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ.
އެ މައްސަލައިގެ އިތުރުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ހުށަހެޅި ކަމަށް ބުނެ ވެސް ފާރިސަށް ދައުވާ އުފުލައި، އިބްތިދާއީ މަރުހަލާ ކްރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށައިފަ އެވެ. އެ މައްސަލަ ނިމެންދެން ފާރިސް ބަންދުގައި ބަހައްޓަން އަމުރު ކޮށްފައިވާއިރު އެ ދައުވާ ސާބިތުވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް ފާރިސަށް އަންނާނެ އެވެ. އޭރުން މެމްބަރުކަމުގެ ގޮނޑި ވެސް ގެއްލޭނެ އެވެ.