07 އޮކްޓޯބަރ 2017 - 06:46

މަންމަ އާއި ބައްޕަ ވަރިވެފައިވާ މީހުންގެ އަމިއްލަ ކައިވެނި ވެސް ރޫޅުމުގެ ފުރުސަތު ބޮޑުވާ މައިގަނޑު ސަބަބަކީ މައިންބަފައިންގެ ފަރާތުން ގުދުރަތީގޮތުން އެކަން ވާރުތަކުރުން ކަމަށް އާ ދިރާސާއެއްގައި ބުނެފި އެވެ.
ވަރިއާ ބެހޭގޮތުން މިހާތަނަށް ޝާއިއުކޮށްފައިވާ މައުލޫމާތުތަކުން އެނގިފައި ވަނީ، ވަރިވެފައިވާ މީހުންގެ ދަރިން ވަރިވުމުގެ ފުރުސަތު ބޮޑުވާ މައިގަނޑު ސަބަބަކީ އެ މީހުން ބޮޑުވަމުން ދާއިރު، މަންމަ އާއި ބައްޕައާ ދެމެދު ޖެހޭ މައްސަލަތަކާއި ދެ މީހުންގެ ގުޅުން ބަދަހިކުރަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ތަން ފެނުމުގެ ނަތީޖާއެއްގެ ގޮތުން އަމިއްލަ ދިރިއުޅުމުގައި އެ ކަންކަން ތަކުރާރުވާތީ ކަމެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ކާމިޔާބު ކައިވެންޏަކަށްޓަކައި އެކަކު އަނެކަކާ މުއާމަލާތުކުރަންވީ ގޮތާއި ގުޅުން ބާއްވަންވީ ގޮތް ދަސްވެފައި ނެތުމުން ކަމެވެ. މިއީ ނަފްސާނީ ސަބަބަކަށް ވާއިރު، އާ ދިރާސާ އިން ދައްކައިދެނީ ވަރިވުން އެއް ޖީލުން އަނެއް ޖީލަށް ތަކުރާރުވަމުން ދަނީ މައިގަނޑުގޮތެއްގައި ޖެނެޓިކްސްގެ ސަބަބުން ކަމެވެ. ނުވަތަ މައިންބަފައިންގެ ފަރާތުން ވާރުތަކޮށްގެން ކަމެވެ.
ވަޖިނިއާ ކޮމަންވެލްތު ޔުނިވަސިޓީ އާއި ލުންޑް ޔުނިވަސިޓީ އިން ސްވިޑްން މީހުންގެ މެދުގައި ހެދި އެ ދިރާސާ އިން އެނގުނު ގޮތުގައި އެޑޮޕްޓް ކޮށްފައިވާ މީހުންގެ ވަރީގެ ތާރީޚު އެއްގޮތީ އެ މީހުންގެ ގުދުރަތީ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ މީހުންނާ އެވެ؛ އެ މީހުން އެޑޮޕްޓްކުރި ބެލެނިވެރިންނަކާ ނޫނެވެ.
"ސައިކޮލޮޖިކަލް ސައިންސް" ޖާނަލްގައި ޝާއިއުކުރަން ހަމަޖެހިފައިވާ މި ދިރާސާގައި އިސްކޮށް ހުންނެވި ޖެސިކާ ސެލްވެޓޯ ވިދާޅުވިގޮތުގައި ވަރިވުން އެއް ޖީލުން އަނެއް ޖީލަށް ތަކުރާރު ވެގެން ދަނީ ޖެނެޓިކް ސަބަބުތަކާ ހެދިކަން އަންގައިދޭ ވަރަށް ހަރުދަނާ ހެކިތައް ދިރާސާ އިން ވަނީ ލިބިފަ އެވެ.
ސެލްވެޓޯ ފާހަގަކުރެއްވިގޮތުގައި މިއީ، ދެމަފިރިއެއްގެ ދެމެދުގައި ޖެހޭ މައްސަލަތައް ހައްލުކުރަން އެހީތެރިވެދޭ ތެރަޕިސްޓުންނަށް އެ މީހުންގެ މަސައްކަތް މިހާރަށް ވުރެ ރަނގަޅަށް ކުރިއަށް ގެންދަން މަގުފަހިކޮށްދޭނެ ހޯދުމެކެވެ. އެހެންވީމާ، މައްސަލަ ޖެހިގެން އުޅޭ ދެ މީހުންގެ ގުޅުން ރަނގަޅުކުރަން ހަދާނެ ގޮތް ކިޔައިދޭ އިރު، މުއާމަލާތުކުރުން ރަނގަޅުކުރުމާއި ކައިވެނި ކާމިޔާބުކުރަން ގަދައަޅައި މަސައްކަތްކުރުން އިތުރުކުރުމަކީ ތެރަޕިސްޓަކު ވަގުތު ހޭދަކުރުން އެންމެ ރަނގަޅު ގޮތް ކަމަށް ނުވެދާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.
އޭގެ ބަދަލުގައި، ޖެނެޓިކް ގޮތުން ވަރިއާ ގުޅިފައިވާ މިޒާޖުތައް ކަމަށް ކުރީގެ ދިރާސާތަކުން އެނގިފައިވާ ކަންކަން އިސްލާހުކުރަން މަސައްކަތްކުރުން މާ ރަނގަޅުވާނެ ކަމަށް މިހާރު ބެލެވިދާނެ އެވެ. އޭގެ ތެރޭގައި، ކަންކަމާ މެދު ގޯސްކޮށް ވިސްނުމުގެ އާދަ މާ ބޮޑަށް ހަރުލާފައި ހުރުމާއި އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ މިންވަރު ކުޑަވުން ފަދަ މައްސަލަތައް ހިމެނެ އެވެ. ސެލްވެޓޯ ވިދާޅުވީ މިފަދަ ކަންކަމުން ކައިވެންޏަށް ނުވަތަ ގާތް ގުޅުންތަކަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރަން މަސައްކަތްކުރުމަކީ މާ ފައިދާހުރި ގޮތަކަށް ވުން އެކަށީގެންވާ ކަމަށެވެ.