06 އޮކްޓޯބަރ 2017 - 16:35

ލ. ގަމުގައި ޓޫރިޒަމް ޑިވެލޮޕްމަންޓް މަސައްކަތަށް ހިންގަން ނިންމި އައްސޭރި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި ޖޭ ހޮޓެލްސްއާ އެކު ސޮއިކުރަން ދައުލަތަށް ލާޒިމް ނުވާ ކަމަށް ހައި ކޯޓުން އިއްޔެ ހުކުމްކޮށްފި އެވެ.
އެމްޑީޕީގެ ވެރިކަމުގައި 2011 ގައި ސަރުކާރުން ގަމުގައި ހިންގަން ނިންމި އައްސޭރި ޕްރޮޖެކްޓަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ޖޭ ހޮޓެލްސް އިން ޕްރޮޕޯޒަލް ހުށަހެޅުމުން އެ ޕްރޮޕޯޒަލް ޓޫރިޒަމް މިނިސްޓްރީން ގަބޫލުކޮށްފައި އޮތުމަށް ފަހު ސަރުކާރުން ފަހުން ވަނީ އެ ޕްރޮޖެކްޓް އިތުރަށް ކުރިއަށް ނުގެންދާނެ ކަމަށް ޖޭ ހޮޓެލްސަށް އަންގައިފަ އެވެ.
އެ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކުރުމަށާއި އެ ޕްރޮޖެކްޓް ހިންގުމަށް ޖޭ ހޮޓެލްސްއާ އެކު ހަދަންޖެހޭ ޖޮއިންޓް ވެންޗާ ކުންފުނި ހެދުމަށް ދައުލަތުގެ މައްޗަށް އަމުރުކޮށްދޭން އެދި ޖޭ ހޮޓެލްސް އިން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން މިދިޔަ އަހަރު އަމުރުކުރީ އެއްބަސްވުމުގައި ސޮއި ކުރުމަށެވެ. އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން އިއްޔެ ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ އެ މަޝްރޫއަށް ޖޭ ހޮޓެލްސް އިން ހުށަހެޅި ޕްރޮޕޯޒަލް ގަބޫލުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ފުރަތަމަ އެންގިޔަސް ފަހުން އެ ސިޓީ ބާތިލް ކޮށްފައިވާ ކަމަށާއި އެކަމާ މެދު ޖޭ ހޮޓެލްސް އިން އޭރު އެއްވެސް އިއުތިރާޒެއް ކޮށްފައި ނެތް ކަމަށެވެ. އަދިި ސަރުކާރާއި އެ ކުންފުންޏާ ދެމެދު އެކަމާ މެދު ބަދަލު ކުރެވުނު ސިޓީތަކަކީ ކުރެވުނު މަޝްވަރާތަކެއް ކަމަށާއި އެ ސިޓީތަކަކީ ދެ ފަރާތުގެ ދެމެދުގައި އޮތް އެއްބަސްވުމެއް ކަމަށް ނުބެލެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ.
ސަބަބެއްގެ ގޮތުގައި ހުކުމުގައިވަނީ ކޮންޓްރެކްޓެއް އޮންނަންޖެހޭ ވަކި ގޮތެއް ގާނޫނެއްގައި ކަނޑައަޅާފައިވާ ނަމަ އެ ކޮންޓްރެކްޓެއް އޮންނަން ޖެހޭނީ އެގޮތަކަށް ކަމަށް ކޮންޓްރެކްޓާ ބެހޭ ގާނޫނުގައި ބުނާއިރު ޓޫރިޒަމް ބޭނުމަށް ތަންތަން ކުއްޔަށް ދެވޭނީ ލިޔުމުން ހެދޭ އެއްބަސްވުމެއްގެ ދަށުން ކަމަށް ޓޫރިޒަމް ގާނޫނުގައި އޮތުމެވެ. އެކަމަކު އައްސޭރި މަޝްރޫއާ ގުޅޭގޮތުން ސަރުކާރުން ޖޭ ހޮޓެލްސްއާ އެކު ލިޔުމުން ހަދާފައިވާ އެއްބަސްވުމެއް ނެތް ކަމަށާއި އެއްބަސްވުމެއް ހެދުމުގެ ނިޔަތުގައި މަޝްވަރާތަކެއް ކުރިޔަސް ގާނޫނީ ގޮތުން ބަނދެވޭ އެއްބަސްވުމެއް ނެތް ނަމަ އެއްބަސްވުމެއް ނެތީ ކަމަށް ބެލެވޭނެ އެ ހުކުމުގައިވެ އެވެ.
އެ ހުކުމުގައިވާ ގޮތުން އެ މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރަން ޓޫރިޒަމް މިނިސްޓްރީން ހުޅުވާލުމުން ޖޭ ހޮޓެލްސް އިން އެ ފުރުސަތުގައި ޝައުގުވެރިކަން ފާޅު ކުރުމުގެ ބަދަލުގައި އެ ކުންފުނިން އެ މަޝްރޫއަށް ޕްރޮޕޯޒަލް ހުށަހެޅީީ އަމިއްލަ ފަރާތްތަކުން ވަކިވަކި މަޝްރޫއުތަކަށް ޕްރޮޕޯޒަލް ހުށަހަޅާ އުސޫލުންނެވެ.
އެކަމަކު އެފަދަ ގޮތަކަށް ޕްރޮޕޯޒަލް ހުށަހަޅާ ނަމަ ހުށަހަޅަން ޖެހޭނީ ނޭޝަނަލް ޕްލޭނިން ކައުންސިލަށް ކަމަށްވާއިރު ޖޭ ހޮޓެލްސްގެ އެ ޕްރޮޕޯޒަލް ގަބޫލުކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީން އޭރު އެންގީ ޕްލޭނިން ކައުންސިލްގެ ބަހެއް ނެތި ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ސަމީރެވެ.