މެދުތެރޭ އެމެރިކާ އަށް ތޫފާނެއް އަރާ 22 މީހުން މަރުވެއްޖެ
މެދުތެރޭ އެމެރިކާ އަށް ތޫފާނެއް އަރާ 22 މީހުން މަރުވެއްޖެ

ސެން ހޯސޭ (އޮކްޓޯބަރު 6) - މެދުތެރޭ އެމެރިކާގެ ތިން ގައުމު ކަމަށްވާ ކޮސްޓާ ރިކާ، ނިކަރާގުއާ އަދި ހޮންޑިއުރަސް އަށް އެރި ތޫފާން ނޭޓުގައި 22 މީހުން މަރުވެއްޖެ އެވެ.

މި ތިން ގައުމުން ވަނީ 20 މީހަކު ގެއްލިފަ އެވެ. އަދި ތިން ގައުމުގައި ވެސް މިހާރު ވަނީ ކުއްލި ހާލަތު އިއުލާންކޮށްފަ އެވެ. ތޫފާނުގައި ބޯކޮށް ވާރޭވެހި ބިންގަނޑު ފާބުމުން މަގުތައް ވަނީ ބަންދުވެފަ އެވެ. ބްރިޖްތަކާއި މަގުތައް ވަނީ ހަލާކުވެފަ އެވެ. ކޮސްޓާ ރިކާ އިން އެކަނިވެސް ހަތަރު ލައްކަ އަށް ވުރެ ގިނަ މީހުންނަށް ވަނީ ފެނުގެ ޚިދުމަތް ކެނޑިފަ އެވެ. އަދި އެތައް ބަޔަކު ވަނީ ވަގުތީ ހިޔާތަކުގައި ނިދަން ޖެހިފަ އެވެ. ތޫފާނުގައި ކޮސްޓާ ރިކާ އިން އަށް މީހުން މަރުވެފައިވާ އިރު ނިކަރާގުއާ އިން ވަނީ 11 މީހުން މަރުވެފަ އެވެ. ހޮންޑިއުރަސް އިން ވަނީ ތިން މީހުން މަރުވެފަ އެވެ.

ކޮސްޓާ ރިކާގައި ވަނީ ހުރިހާ ރޭލް ދަތުރުތަކެއް ހުއްޓާލައިފަ އެވެ. އަދި އެތައް ފްލައިޓެއް ވަނީ ކެންސަލްކޮށްފަ އެވެ. ތޫފާނުގައި ނިކަރާގުއާގެ އިންފްރާސްޓްރަކްޗާ އަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ.

ޔޫއެސް ހަރިކޭން ސެންޓަރުން ލަފާކުރާ ގޮތުގައި މި ތޫފާން އަންނަ އާދިއްތަ ދުވަހު އެމެރިކާ އަށް އަރާނެ އެވެ. އަދި އެމެރިކާ އަށް އަރާ އިރު ތޫފާނުގެ ބާރު ކެޓަގަރީ އެކަކަށް ބަދަލުވާނެ ކަމަށް ވެސް ލަފާކޮށްފައިވެ އެވެ. ފްލޮރިޑާ އާއި ޓެކްސަސްގެ ރައްޔިތުން ތައްޔާރުވެ ތިބުމަށް މިހާރު ވަނީ އަންގައިފަ އެވެ. މިއީ އެމެރިކާގެ ދެކުނުގެ ހިސާބުތަކަށް މި އަހަރު އަރާ ތިން ވަނަ ތޫފާނެވެ. ޓެކްސަސް އާއި ފްލޮރިޑާ އަށް އޮގަސްޓް މަހާއި ސެޕްޓެމްބަރު މަހު ތޫފާން ހާވޭ އާއި ތޫފާން އިރްމާ އަރާ ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ.