06 އޮކްޓޯބަރ 2017 - 11:39

މެޑްރިޑް (އޮކްޓޯބަރު 6) - ސްޕޭނުގެ މައި ސަރުކާރުން ވަކިވެ ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން އަންނަ ހޯމަ ދުވަހު ބާއްވަން ނިންމާފައިވާ ޕާލަމެންޓުގެ ބައްދަލުވުމުން ސްޕޭނުގެ ދުސްތޫރީ ކޯޓުން ހުއްޓުވައިފި އެވެ.
ސްޕޭނުގެ އެންމެ މަތީ ކޯޓުން ބުނީ ކެޓަލޯނިއާގެ މިނިވަންކަން އިއުލާން ކުރަން ޕާލަމެންޓުގެ ބައްދަލުވުމެއް ބޭއްވުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށެވެ.
ކެޓަލޯނިއާ ސަރުކާރުން ބުނީ މިނިވަންކަން އިއުލާންކުރަން ފެނޭތޯ ބެލުމަށް އާދިއްތަ ދުވަހު ނެގި ވޯޓުގައި 90 ޕަސެންޓް މީހުން އާނ ބަސް ބުނެފައިވާ ކަމަށާއި އެހެންވެ އަންނަ ހަފުތާގައި މިނިވަންކަން އިއުލާން ކުރާނެ ކަމަށެވެ. މެޑްރިޑުގައި ގާއިމްކޮށްފައިވާ މައި ސަރުކާރުން ބުނެފައި ވަނީ ކެޓަލޯނިއާގައި ނެގި ވޯޓަކީ ގާނޫނު އަސާސީއާ ޚިލާފު ބާތިލް އެއްޗެއް ކަމަށެވެ.
އޮފިޝަލުން ބުނަނީ ކެޓަލޯނިއާ އިން މިނިވަންކަން އިއުލާންކޮށްފި ނަމަ ސްޕޭނުގެ ގާނޫނު އަސާސީގެ 155 ވަނަ މާއްދާގެ ބޭނުން ބޮޑު ވަޒީރު މާރިއާނޯ ރާޔޯއީ ހިއްޕަވާނެ ކަމަށެވެ. އެ މާއްދާގައި ސަރަހައްދީ ސަރުކާރުތައް ސަސްޕެންޑްކޮށް، ވެރިން މަގާމުން ދުރުކުރުމުގެ ބާރު މައި ސަރުކާރަށް ލިބެ އެވެ. ސްޕޭނުގެ ރަސްގެފާން ވެސް ވަނީ ގާނޫނު އަސާސީ ނެގެހެއްޓުމަށް ސަރުކާރަށް ގޮވާލައިފަ އެވެ.