ގެއްލުނު ތިން މީހުން ފެނިއްޖެ
ގެއްލުނު ތިން މީހުން ފެނިއްޖެ

ދޯނި އަޑިއަށް ދިޔަ ހިސާބުން، ދޯނީގައި ހުރި ބައެއް އެއްޗެހި އޮޔާ ދާތީ ދަތުރުވެރިން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވަނީ އެދިފައި.

ގެއްލުނު ތިން މީހުން ވެސް މިހާރު ވަނީ ފުލުހުންގެ ލޯންޗެއްގައި މާލެ ގެނެސްފައި.

ފުލުހުން ބުނީ ތިން މީހުން ފެނުނީ ރަންނާޅި ރިސޯޓާ ދިމާލު ބޭރުން، ޕެލެޓްތަކެއްގެ މަތީގައި ތިއްބާ ކަމަށް.

އަޑިއަށް ދިޔަ ދޯނިން ގެއްލުނު ތިން މީހުން ފެނިއްޖެ. އެމްއެންޑީއެފުން ބުނީ އެ މީހުން ފެނުނީ ފުލުހުންގެ ލޯންޗަކަށް ކަމަށާއި ތިން މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް.

_________________________________________

މާލެއިން ފުރައިގެން އ.އަތޮޅަށް ދަތުރުކުރި ދޯންޏެއް އަޑިއަށްދާ ކަމަށް ރިޕޯޓްކުރުމާ ގުޅިގެން އެ ދޯންޏާއި އޭގައި ތިބި ތިން މީހުން ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

އެމްއެންޑީއެފްގެ ކޯސްޓްގާޑުން ބުނި ގޮތުގައި "އުންމީދު" ދޯނި އަޑިއަށްދާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ރޭ ފަތިހު 5:30 ހާއިރު އެވެ. އޭރު ދޯނި އޮތީ މާލެ އަތޮޅު ބޮލިފުށީ ހުޅަނގުން ހަތް މޭލު ބޭރުގައި ކަމަށްވެ އެވެ.

ދިވެއްސަކާއި ތިން ބިދޭސީއަކު ތިބި އެ ދޯނި އަޑިއަށްދާ ކަމަށް ރިޕޯޓްކުރުމުން ހާބަ ކްރާފްޓް ލޯންޗެއް ގޮސް ދޯންޏާއި މީހުން ހޯދުމުގެ މަސައްކަތް ފެށި ކަމަށާއި މިހާރު އަންނަނީ ހެލިކޮޕްޓަރު ބޭނުންކޮށްގެން ވެސް އެ ސަރަހައްދު ބަލަމުން ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެތަނުން ބުނީ އެ ސަރަހައްދުން ދަތުރުކުރާ ސީޕްލޭންތަކުން ވެސް ދޯނީގެ ނިޝާނެއް ވޭތޯ ބަލަމުން އަންނަ ކަމަށާއި މިހާތަނަށް ދޯނީގެ ވެސް އަދި ގެއްލުނު މީހުންގެ ވެސް ނިޝާނެއް ނުވާ ކަމަށެވެ.

ދިގުމިނުގައި 60 ފޫޓު ހުރި މި ދޯނި އަޑިއަށްދާ ކަމަށް ރިޕޯޓް ކުރި ނަމަވެސް، ދޯނި އޭރު އޮތް ކަމަށް ބުނާ ސަރަހައްދުން ދޯންޏެއް އަޑިއަށް ދިޔަ ކަމުގެ ނިޝާނެއް މިހާތަނަށް ވެފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.