06 އޮކްޓޯބަރ 2017 - 18:38

ޖަރުމަނު ވިލާތުގެ މަޝްހޫރު ޕަވަޓޫލް ބްރޭންޑް "މެޓާބޯ"ގެ އުފެއްދުންތައް ވެލިގާ ހާޑްވެއާ އިން ރާއްޖޭގައި ވިއްކަން ފެށުން ފާހަގަކުރުމަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ވެލިގާ ހާޑްވެއާ އިން ބުނީ މި މަހުގެ ނިޔަލަށް ކުރިއަށް ގެންދާ ޕްރޮމޯޝަނުގެ އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 15،000ރ، ދެ ވަނަ އަށް 10،000ރ. އަދި ތިން ވަނަ އަށް 5،000ރ. ދޭނެ ކަމަށެވެ.
ފައިސާގެ އިނާމުގެ އިތުރުން، ޕްރޮމޯޝަނުގެ ތެރެއިން މެޓާބޯގެ 1،000ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް 100ރ.ގެ މެޓާބޯ އެހެނިހެން ސާމާނު ލިބޭނެ އެވެ. އަދި މެޓާބޯގެ 10،000ރ. އިން މަތީގެ ކޮންމެ ވިޔަފާރިއަކަށް 1،000ރ.ގެ މެޓާބޯ ސާމާނު ލިބޭނެ އެވެ.
ދުނިޔޭގެ 120 ގައުމެއްގައި، މަސައްކަތްތެރިންގެ އިތުބާރު ހޯދާފައިވާ މެޓާބޯ ބްރޭންޑް ވެލިގާ ހާޑްވެއާ އިން ރާއްޖެއަށް ތައާރަފް ކުރީ މިދިޔަ އަންގާރަ ދުވަހު އެވެ.
މެޓާބޯގެ އުފެއްދުންތައް ރާއްޖޭގައި ވިއްކަން ފެށި އިރު، އެ ކުންފުނިން ޓްރެއިނިން ހަދާފައިވާ ޓެކްނީޝަނުންނާ އެކު ވެލިގާ އިން ވަނީ މެޓާބޯގެ ސެޓިފައިޑް ސާވިސް ސެންޓަރެއްގެ ހިދުމަތް ވެސް ފަށައިފަ އެވެ. ވެލިގާ އިން ބުނީ މެޓާބޯގެ އެއްވެސް އާލާތަކަށް މައްސަލައެއް ދިމާވެއްޖެ ނަމަ 24 ގަޑިއިރު ތެރޭގައި އެކަން ހައްލުކޮށްދޭނެ ކަމަށެވެ.
މައްސަލަ ހައްލު ކުރަން ނަގާ ވަގުތުގައި ވެސް މަސައްކަތް ހުއްޓާލައިގެން ތިބޭކަށް ނުޖެހޭނެ އެވެ. އެ ވަގުތު ބޭނުން ކުރަން ބެކަޕް ޓޫލެއް ދޭނެ އެވެ.
ފުޅާ ދާއިރާއެއްގައި ހާޑްވެއާ ވިޔަފާރި ކުރާ ކުންފުނިން ބުނީ، އަންނަ އަހަރު އެ ކުންފުންޏަށް 10 އަހަރު ފުރޭއިރު، މަޝްހޫރު އިތުރު ބްރޭންޑްތައް ރާއްޖެ އަށް ގެންނާނެ ކަމަށެވެ. އެ ކުންފުނިން ފާއިތުވި އަހަރުތަކުގައި ވިޔަފާރި ފުޅާކޮށް، މާލެ އާއި ހުޅުމާލޭގައި ފަސް ފިހާރަ ވަނީ ހުޅުވައިފަ އެވެ.